ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނެ ލުއި ގައިޑްލައިންތަކެއް ހަދަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެއްބަސް ވެއްޖެ އެވެ.
ކައުންސިލް އިންތިހާބު އަންނަ މަހު 10 ވަނަ ދުވަހަށް ތާވަަލްކޮށްފައި ވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް ދަތި ކަމަށް އީސީން ކުރިން ވެސް ބުނަމުން ދިޔަ އެވެ. އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން މިއަދު ވަނީ އެޗްޕީއޭ އަދި އީސީގެ އިސް ބޭފުޅުން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.
ކޮމިޝަންސްގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިހާރު ގައިޑްލައިންތައް ހުރި ގޮތުން އިންތިހާބުގައި ކޭމްޕޭން ކުރުމުގައި ޕާޓީތަކަށް ހަމަހަމަ ފުރުސަތުތަކެއް ނެތް ކަމަށާއި އިންތިހާބު ބާއްވާ ފަހުން ކޯޓުން ވަކި ގޮތެއް ނިންމުން ފަދަ ކަންތައްތައް ދިމާވުމުގެ ފުރުސަތު އޮވެދާނެ ކަަމަށެެވެ.
އޭގެ އިތުރުން ރިސޯޓްތަކަށާއި ރައްޖެއިން ބޭރަށް ވަޑައިގަންނަވާ އޮފިޝަލުން ކަރަންޓީނު ވުމުގެ އުސޫލުތަކުގެ ސަބަބުން ބެޖެޓުގެ ދަތިކަން ކުރިމަތިވާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އިންތިހާބަށް ކުރިން ކަނޑައަޅާފައި އޮތީ 42 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ފަހުން ވަނީ އެ އަދަދު 29 މިލިއަން ރުފިޔާއަށް ކުޑަކުރަން ނިންމާފަ އެވެ. އެކަމަކު ގައިޑްލައިން އޮތް ގޮތުން އެ ބެޖެޓުން ހަރަދުތައް ފޫބެެއްދިދާނެ ކަމާމެދު ޝަރީފް ސުވާލު އުފެއްދެވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑާ ގުޅިގެން ދުނިޔޭގެ އެެހެން ގައުމުތަކުގައި ވެސް އިންތިހާބު ބާއްވަން ހާއްސަ ލުއިތަކެއް އޮފިޝަލުންނަށް ދީފައިވާ ކަމަށެވެ. އެހެންކަމުން ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެޗްޕީއޭ އަދި އީސީގެ ވެރިންގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު މިނިވަން މުވައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު އަަދި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވީ މިހާރު އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ލުއިތަކެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން ރައްކާތެރިކަމާއެކު ކެމްޕޭން ކުރެވޭނެ ގޮތްތައް ހޯއްދަވައި ދެއްވުމަށް އެދި ވަޑައިގެންނެވި އެވެ.
"މިހާރު ދީފައި ހުރި ލުއިތަކުން އެކަން އެންމެ ރަނގަޅަށް ގެންދެވޭނެ ކަަމަކަށްވެސް ގަބޫލެއް ނުކުރެވޭ. އެހެންވީމާ އެޗްޕީއޭއާ އިލެކްޝަންސް ކޮމިޝަން ބައްދަލު ކުރައްވައިގެން ހޯއްދަވަން ޖެހޭ. ވިދާޅުވި [މިމަހުގެ] 12 ވަނަ ދުވަހުން ފެށިގެން ކެމްޕޭން ފެށެން ޖެހޭ ކަމަށް. މިއަދު އަށެއް. އެހެންވީމާ އޭގެ ކުރީގައި ބައްދަލުވުންތަކެއް ބާއްވައިފައި ރިކުއެސްޓްކުރަން 11 ވަނަ ދުވަހާ ހަމައަށް މި ކޮމެޓީއަށް އަލަށް ކަނޑައަޅާ އުސޫލު މި ކޮމެޓީއަށް ހާމަ ކޮށްދެއްވަން" ރޮޒައިން ވިދާޅުވި އެވެ.
ރޮޒައިނާގެ ވާހަކަތައް އެއްސެވުމަށް ފަހު ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ އީސީން އެދުނު ގޮތަށް ހާއްސަ އިމްތިޔާޒުތަކެއް ހަމަޖައްސައިދެވޭތޯ ބައްލަވާނެ ކަަމަށެވެ. ނަމަވެސް މިހާރު ހަދައިފައިވާ ގައިޑް ލައިންތައް ހަދާފައިވަނީ ވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.