ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ސިޓީ ކައުންސިލްތަކުން 12 ގޮނޑި އަންހެނުންނަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލްތަކުން 12 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަށް ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ވަނީ ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް ޚާއްސަ ކުރާ ގޮނޑީގެ އަދަދުތައް ހާމަކޮށްފައެވެ. ކޮމިޝަނުން އެ ނިންމުން ނިންމީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދަކީ 12 އެވެ. ސިޓީ ކައުންސިލަރުންގެ ގޮތުގައި އިތުރު 24 މީހަކު އިންތިޚާބުުކުރާއިރު އެ 24 ގޮނޑިއަށްވެސް ދެ ޖިންސަށް ވާދަކުރެވޭނެ އެވެ. ސިޓީ ކައުންސިލްގެ މޭޔަރުންގެ ގޮތުގައި ތިން ބޭފުޅަކު އިންތިޚާބު ކުރާއިރު ސިޓީތަކުގައި ޖުމްލަ ތިއްބަވާނީ 39 ކައުންސިލަރުންނެވެ.

2020 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު

  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 372
  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު 372 (އަންހެން، ފިރިހެން)
  • ރަށު ކައުންސިލްތަކުން ރައީސުންގެ އަދަދު 179
  • ރަށު ކައުންސިލްތަކުގެ ޖުމްލަ އަދަދު 923
  • ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 12
  • ސިޓީ ކައުންސިލަރުންގެ އަދަދު 24 (އަންހެން، ފިރިހެން)
  • ސިޓީ ކައުންސިލްގެ މޭޔަރުންގެ އަދަދު 3
  • ސިޓީތަކުގައި ޖުމްލަ ތިބޭނެ އަދަދު 39

2020 ގެ ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދަކީ 372 އެވެ. އަދި ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދަކީ 372 އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ގޮނޑިތަކަށް ދެ ޖިންސަށްވެސް ކުރިމަތިލެވޭނެ ކަމަށެވެ.

އަދި ރަށު ކައުންސިލްތަކުން ރައީސުންގެ ގޮތުގައި 179 މީހަކު އިންތިހާބުކުރާނެ އެވެ. އެހެން ކަމުން ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހަކު އިންތިޚާބުކުރާނެ އެވެ.

އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މީހަކު އިންތިޚާބުކުރާއިރު، ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް ހިމެނޭ ގޮތުން 197 މީހަކު އަތޮޅު ކައުންސިލަރުންގެ ގޮތުގައި ތިބޭނެއެވެ.