ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ސިޓީ ކައުންސިލްތަކުގެ ދާއިރާ ގޮނޑިތައް ބެހޭނެ ގޮތް ކަނޑައަޅައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅައި އޭގެ ރިޕޯޓަށް ޝަކުވާ ހުށަހަޅަން މާދަމާ ހުޅުވާލަން ނިންމައިފި އެވެ.

ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީތަކާއި މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތައް ހިމެނޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކުލަވާލާފައިވާ ގައުމީ ލަފާ ދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީސީން ވަނީ ސިޓީ ކައުންސިލްތަކުގެ ދާއިރާތައް ކަނޑައަޅައި އެ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓް ހިއްސާ ކޮށްފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އަހްމަދު އަކުރަމް ވިދާޅުވީ ސިޓީ ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތައް އެ ކޮމިޝަނުން ކަނޑައަޅައި ނިންމި ނަމަވެސް އެކަން މުޅިން ފައިނަލް ކުރާނީ ރިޕޯޓަށް ޝަލުވާ ހުށަހަޅަން ފުރުސަތު ހުޅުވާލުމަށް ފަހު، ލިބޭ ޝަކުވާތަކަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށެވެ. އެ ގޮތުން މާދަމާ އެ ފުރުސަތު ހުޅުވާލާނެ އެވެ.

ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށާއި ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެނައި ބަދަލާ ގުޅިގެން ސިޓީ ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތައް ވަނީ އިތުރުވެފަ އެވެ. އަދި ކުރިއެކޭ އެއް ގޮތަށް ސިޓީ ކައުންސިލްތަކަށް ކޮންމެ ދާއިރާއަކުން އިންތިހާބު ކުރާނީ ކައުންސިލަރެކެވެ. ނަމަވެސް މޭޔަރު އިންތިހާބު ކުރަނީ މުޅި ސިޓީގެ ރައްޔިތުންގެ ވޯޓަކުންނެވެ.

ގާނޫނުގައި މިހާރު ބުނާ ގޮތުން މާލެ ސިޓީ ކައުންސިލްގައި 18 ދާއިރާ ހިމެނޭނެ އެވެ. އީސީގެ ރިޕޯޓްގައި ކަނޑައަޅާފައި ވަނީ ވިލިމާލެ އާއި ހުޅުމާލެ އެއީ ވަކި ދެ ދާއިރާ ގޮތުގަ އެވެ. އަނެއް 16 ދާއިރާ ކަނޑައަޅާފައި ވަނީ މާލެ ހަ އަވަށަކަށް ބަހާލައި ކޮންމެ އަވަށަކުން ތިން ދާއިރާ ހިމެނޭ ގޮތަށެވެ.

އާ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރަން ޖެހޭތީ، މާލެ ސިޓީ ކައުންސިލްގެ ހަ ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. އެ ގޮތުން މާލޭން ކަނޑައަޅާފައި ވަނީ ދާއިރާތައް ކަނޑައެޅުމަށް މާލެ ބަހާލި ހަ އަވަށުގެ ތެރެއިން ކޮންމެ އަވަށެއްގެ އެއް ދާއިރާގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށެވެ.

އައްޑޫ ސިޓީގެ ކައުންސިލްގައި 12 ދާއިރާއެއް ވަނީ ކަނޑައަޅާފަ އެވެ. އެއީ ހިތަދޫން ފަސް ދާއިރާއާއި، ހުޅުމީދޫން ތިން ދާއިރާއާއި، ފޭދޫން ދެ ދާއިރާގެ އިތުރުން މަރަދޫން ދާއިރާއަކާއި މަރަދޫ ފޭދޫން ދާއިރާ އެކެވެ. އެ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ ކުރަނީ ހިތަދޫން ގޮނޑިއަކާއި ފޭދޫން ގޮނޑިއަކާއި ހުޅުމީދޫން ގޮނޑިއެއްގެ އިތުރުން މަރަދޫފޭދޫގެ ގޮނޑިއާއި މަރަދޫގެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއެވެ.

ފުވައްމުލައް ސިޓީއަށް ކަނޑައަޅާފައި ވަނީ ހަ އިންތިހާބީ ދާއިރާ އެވެ. އީސީން އެ ދާއިރާތައް ކަނޑައަޅާފައި ވަނީ އެ ސިޓީ ދެ އަވަށަކަށް ބަހާލުމަށް ފަހު، ކޮންމެ އަވަށަކުން ތިން އިންހާބީ ދާއިރާ އެކެވެ. އޭގެ ތެރެއިން އަންހެނުންނަށް ހާއްސަ ކުރާނީ ދެ އަވަށުގެ ތެރެއިން ކޮންމެ އަވަށަކުން އެއް ދާއިރާގެ ގޮނޑި އެވެ.

ގާނޫނުގައި ބުނާ ގޮތުން ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަ ކުރާ ގޮނޑިތައް ކަނޑައަޅަނީ އެ ސިޓީއެއްގެ އިންތިހާބީ ދާއިރާތަކުގެ މެދުގައި ގުރު ނަގައިގެންނެވެ. ހުރިހާ ދާއިރާގެ މެދުގައި ގުރު ނެގުމުގެ ބަދަލުގައި ސިޓީގެ ކޮންމެ އަވަށަކުން ނޫނީ ރަށަކުން ވަކިން ގުރު ނަގަން ނިންމީ ހުރިހާ އަވަށަކުން ހަމަހަމަކޮށް ގޮނޑި ބަހައްޓަން ކަމަށް އީސީން ބުނެ އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރާނީ 39 ކައުންސިލަރުންނެވެ.