ހަބަރު

ދެ ރައީސުން 200 ކައުންސިލަރުންނާއެކު މަޝްވަރާއަށް

ލާމަރުކަޒީ ނިޒާމު ހަރަދަނާ ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ކައުންސިލްތަކުން ބައިވެރިވެ މަޝްވަރާ ކުރުމަށް މަހާސިންތާއެއް މިއަދު ފަށަން ނިންމައިފި އެވެ.

"ވިއަވެތި ރާއްޖެ" ނަމުގައި ކްރޮސް ރޯޑްސްގައި މި މަޝްވަރާ ބައްދަލުވުން ފަށަނީ މިއަދު މެންދުރު ފަހު 13:30 ގަ އެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި މަހާސިންތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައި ކައުންސިލްތަކާ މަޝްވަރާ ކުރައްވާނެ އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ބުނި ގޮތުގައި އެ މަހާސިންތާއަކީ ދާދި ފަހުން މަޖިލީހުން ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބާއި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި ސަރުކާރުގެ ލާމަރުކަޒީ ވައުދުތައް ފުއްދުމަށް މަޝްވަރާ ކުރުމަށް ބާއްވާ މަހާސިންތާ އެކެވެ. އަދި ފުދުންތެރި ކައުންސިލްތަކެއް ގާއިމު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

މި މަހާސިންތާއަށް ސަރުކާރުން ދައުވަތު ދީފައި ވަނީ ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށެވެ. އެ ގޮތުން 200 އަށްވުރެ ގިނަ ކައުންސިލަރުން ބައިވެރިވާނެ ކަމަށް ބުނެ އެވެ.

ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް އިސްލާހަށް ގެނެސް ކައުންސިލްތަކުގެ ދައުރު ވަނީ ތިން އަހަރުން ފަސް އަހަރަށް ބަދަލުކޮށްވެ އެވެ. އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ރަށުގެ ކައުންސިލްތަކުގެ ރައީސުންގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ ރައީސުން ސީދާ އެ ކައުންސިލެއްގެ މީހުންގެ ޥޯޓުން އިންތިހާބު ކުރާ ގޮތަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.

އަތޮޅު ކައުންސިލްގެ އެކުލެވުމަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން އަތޮޅުގެ އިންތިހާބީ ދާއިރާއަކުން މެންބަރަކު ހިމެނޭ ގޮތަށް އޮތް އެ ކައުންސިލް ބަދަލު ކޮށްފައިވަނީ، އެ އަތޮޅެއްގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި މުޅި އަތޮޅުގެ މީހުންގެ ވޯޓުން އިންތިހާބު ކުރާ އަތޮޅު ކައުންސިލްގެ ރައީސެއް ހިމެނޭ ގޮތަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަށް ގެނައި ބަދަލުތަކެވެ. އެގޮތުން ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދޭއިރު، ރަށްރަށާއި ފަޅުތަކުގެ ކުލިން ލިބޭ އާމްދަނީގެ 40 ޕަސެންޓް ކައުންސިލްތަށް ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި މީހުން ދިރުއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭ ގޮތަށް ހަމަޖައްސާފައިވެ އެވެ.

ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި ވެސް ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. އެހެންކަމުން އަންނަ ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރާއިރު، އޭގެ ތެރެއިން 372 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. ދެން ހުރި ގޮނޑިތަކަށް ފިރިހެނުންނާއި އަންހެނުންނަށް ވެސް ވާދަ ކުރެވޭނެ އެވެ.