ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވޯޓު ދޭންވީ ލާމަރުކަޒީ ނިޒާމުގެ ބަޔަކަށް، އެއީ އަޅުގަނޑުމެން: ރައީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައްޔިތުން ވޯޓު ދޭންވީ ލާމަރުކަޒީ ނިޒާމެއް ތަންފީޒު ކުރަން ޖެހޭނެ ބަޔަކަށް ކަމަށާއި ނިޒާމު ތަންފީޒު ކުރަން ޖެހޭ ކަމަށް މި ސަރުކާރުން ގަބޫލު ކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ އިސް މެންބަރުންނާއެކު ކްރޮސްރޯޑްސްގައި ކުރިއަށް ގެންދިޔަ މަހާސިންތާ ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ކައުންސިލްތަކަށް ބާރު ދޫކޮށްލާނެ ކަމާ މެދު އަދިވެސް ގިނަ ބަޔަކު ސުވާލު އުފައްދާ ކަމަށެވެ. އެމަނިކުފާނު ހުންނެވީ ބާރުތައް މުށުތެރެއަށް ލައިގެން ވެރިކަން ކުރާ ގޮތަށް ނޫން ކަމަށް ވިދާޅުވާ ވާހަކަ މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ރައްޔިތުންނަށް ބާރުތައް ދޫކޮށްލައިގެން ވެރިކަން ކުރުން ކަމަށެވެ. ކައުންސިލްތައް ބާރުވެރިކުރުވާނެ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރީ ވެސް އެ ސަބަބަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރަން ރައްޔިތުން ބޭނުންވާނަމަ ކުރިއަށް އޮތް އިންތިހާބުގައި ކައުންސިލަރުންގެ ގޮތުގައި އިންތިހާބު ކުރަން ވާނީ އެ ގާނޫނު ތަންފީޒު ކުރަން ބޭނުންވާ އަދި އެ ނިޒާމު ގަބޫލު ކޮށްގެން ތިބި ބަޔަކު ކަމަށެވެ. އެ ކަން ގަބޫލު ކުރާ ކައުންސިލަރުންނަށް ވޯޓު ދިނުމަށް އިލްތިމާސް ކުރެއްވި އެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑުމެން މި ތިބީ މިކަން ގަބޫލު ކޮށްގެން، ހަމަ ގައިމު ވެސް ވޯޓު ދޭންވީ ބަޔަކު ތި ބޭފުޅުންނަށް އޮޅިވަޑައެއް ނުގަންނަވާނެ، އިރާދަކުރެއްވިއްޔާ މި ގާނޫނު އަޅިގަނޑުމެން ތަންފީޒު ކުރާނަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ވެރިކަން ކުރަނީ ހަތަރު ސިޔާސީ ޕާޓީ ހިމެނޭ ކޯލިޝަނަކުން ކަމަށްވީއިރު ވަކި ޕާޓީއެއް އެމަނިކުފާނު ފާހަގައެއް ނުކުރައްވަ އެވެ. ނަމަވެސް މަޖިލީހުގެ އިންތިހާބުގައި ކޯލިޝަންގެ ޕާޓީތަކުން ވަކިވަކިން ވާދަކުރުމުން، އަންނަ ކައުންސިލް އިންތިހާބުގައި ވެސް ޕާާޓީތައް ވަކިވަކިން ވާދަކުރާނެ ކަމަށް ބެލެވެ އެވެ.

ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކައުންސިލަރުންނަށް ވެސް އިލްތިމާސެއް ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ މާލީ ގިނަ ބާރުތަކެއް ކައުންސިލްތަކަށް ދޫކޮށްލާއިރު ބާރުތަކާއި ދޫކޮށްލާ ބަޖެޓްތައް ތަންފީޒު ކުރުމުގައި ވީހާ ވެސް ގިނައިން ރައްޔިތުންނާ މަޝްވަރާ ކޮށްގެން ކައުންސިލްތައް ހިންގަން އެދިވަޑައިގަންނަވާ ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ގާނޫނަށް ގެނައި އިސްލާހާ އެކު ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓާއި، ރަށްރަށާއި ފަޅުތަކުގެ ކުލިން ލިބޭ އާމްދަނީ 40 ޕަސެންޓާއި، ކައުންސިލްގެ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ލިބޭނެ އެވެ.

މީގެ އިތުރުން ސަރުކާރާއި ކައުންސިލްތަކާ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރައްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. އެ ގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި ކައުންސިލްތަކާ ފަސޭހައިން މުއާމަލާތް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.