ލޯކަލް ކައުންސިލްތަކަށް މާލީ ބާރުތައް ދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްފައިވާ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ތަސްދީގު ކުރެއްވީ، ލޯކަލް ކައުންސިލަތަކާއެކު މަޝްވަރާ ކުރުމުގެ ގޮތުން މިއަދު ކްރޮސްރޯޑްގައި ފެށި މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރޭގަ އެވެ. މިއީ ފަހުގެ ތާރީހެއްގައި މި ގޮތަށް ބޭއްވި މަހާސިންތާއެއްގެ ތެރޭގައި މަޖިލީހުން ފާސްކުރި ބިލެއް ރައީސަކު ތަސްދީގު ކުރެއްވި ފުރަތަމަ ފަހަރެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ގޮތުން އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެސް ވަނީ މިދިޔަ ސަރުކާރުގައި ސިޓީ ކައުންސިލްތަކުން ނަގާފައިވާ ބައެއް ބާރުތައް އަލުން އެ ކައުންސިލްތަކަށް ދޫކޮށްލާފަ އެވެ.
ރައީސްގެ ވައުދުފުޅާ އެއް ގޮތަށް ކައުންސިލްތައް މާލީ ގޮތުން އިތުރަށް ބާރުވެރި ކުރުމުގެ ގޮތުން ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅި އެވެ. މަޖިލީހުން އެ ބިލު ދިރާސާ ކުރުމަށްފަހު ފާސްކުރީ މި މަހުގެ ފަސްވަނަ ދުވަހުގަ އެވެ.
ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމުގެ ގޮތުން ގާނޫނަށް ގެނައި ބަދަލުގެ ތެރޭގައި ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ. މަޖިލީހުން ފާސް ކުރި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ވެސް ވަނީ އެ ބަދަލާ އެއް ގޮތަށް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ހިމަނައިފަ އެވެ.
ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމުގެ އިތުރުން ރަށްރަށާއި ފަޅުތަކުގެ ކުލިން ލިބޭ އާމްދަނީގެ 40 ޕަސެންޓް ވެސް ކައުންސިލްތަކަށް ލިބޭ ގޮތަށް ގާނޫނަށް ވަނީ ބަދަލު ގެނެސްފަ އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭ ގޮތަށް ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.
މީގެ އިތުރުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) ޕްރޮގްރާމްގެ އުމްރާނީ މަޝްރޫއުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށްވުރެ ވުރެ ކުޑަ އަގުތަކުގެ މަޝްރޫއުތައް ހިންގުމުގައި ބަޖެޓާއި ޕްލޭންތައް ވެސް ކައުންސިލްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ވެސް ގާނޫނު އިސްލާހު ކޮށްފައިވެ އެވެ.
ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި ވެސް ވަނީ އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ވެސް ލާމަރުކަޒީ ގާނޫނު ވަނީ ބަދަލު ކޮށްފަ އެވެ. އަންނަ އަހަރު އޭޕްރީލް މަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި އެ އިސްލާހާ އެއް ގޮތަށް ބައެއް ގޮނޑިތައް އަންހެނުން ހާއްސަ ކުރަން މިހާރު ވަނީ ނިންމައިފަ އެވެ.