މި ސަރުކާރުގެ ތަރައްގީގެ ތަސައްވަރަކީ ރާއްޖެ ލާމަރުކަޒުކޮށްގެން ޖަޒީރާވަންތަ ދިރިއުޅުމެއް ދިވެހީންނަށް ހޯދައި ދިނުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އެ ތަސައްވަރު ހާސިލްކުރުމަށް، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން އެކުލަވައިލި ބިލު ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހޯމަ ދުވަހު ފޮނުވާފައިވާކަން ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
"މިއީ އަޅުގަނޑުމެން އެދޭ ތަރައްގީގެ ބިންގާ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެ ގާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލުތަކަށް އާމްދަނީ އިތުރުވާނެ ގޮތްތައް ހިމަނާފައި ވެއެވެ. އެގޮތުން މީހުން ދިރުއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭގޮތަށް ހަމަޖެއްސުން ހިމެނެ އެވެ. އަދި ފަސް މިލިޔަނަށްވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ސެކްޓޯރަލް ގްރާންޓުގެ ގޮތުގައި ރަށު ކައުންސިލުތަކަށް ބަދަލު ކުރަން ހިމަނާފައި ވެއެވެ.
މީގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަދަލުކުރުމަށް ވެސް ގާނޫނަށް ގެންނަން ހުށައެޅި އިސްލާހު ތަކުގައި ހިމަނާފައިވެއެވެ. އެގޮތުން ކައުންސިލުތަކުގެ ދައުރު ފަސް އަހަރަށް ބަދަލު ކުރުމާއި ކައުންސިލުތަކުގެ ގޮނޑީގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރުމާއި ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުގެ ރައީސުން ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރާގޮތަށް ހަމަޖެއްސުން ހިމެނެ އެވެ.
ގާނޫނަށް ގެންނަ އިސްލާހުގައި ކައުންސިލުތަކުގެ ސަރަހައްދުގެ އިހްތިސޯސްގައިވާ އެންމެހާ ގުދުރަތީ އަދި އުމުރާނީ ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލުތަކުގެ މިލްކުވެރި ކަމަށް ބަދަލު ކުރުމަށް ވެސް ހިމަނާފައި ވެއެވެ.
މި އިސްލާހުގައި ކައުންސިލުތަކަށް، ސެކްރެޓަރީ ޖެނެރަލްގެ މަގާމު އުފެއްދުމާއި ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާ ހަމަޖެއްސުމުގައި ކައުންސިލުގެ ދައުރެއް އޮންނަން ޖެހޭނެ ކަމަށް ކަނޑައެޅުން ހިމެނެ އެވެ. މީގެ އިތުރުން ފެނާ ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް އެ ކައުންސިލަކުން އަމިއްލައަށް ފޯރުކޮށްދިނުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ފޯރުކޮށް ދިނުމަށް އެގްރީމެންޓް ކުރުމުގެ ބާރު ކައުންސިލުތަކަށް ދިނުން ވެސް އިސްލާހުގައި ހިމަނާފައި ވެއެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާ އިސްލާހުގައި ކައުންސިލުތައް އިތުރަށް ޒިންމާދާރުކުރުމަށް މާއްދާތައް ހިމަނާފައި ވުމުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސްއޫލިއްޔަތު ބަޔާންކުރުމާއި ކޮމެޓީގެ މެންބަރުންނަށް އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުންފަދަ ކަންކަން މި އިސްލާހުގައި ހިމެނެއެވެ.