މީގެ 12 ވަރަކަށް އަހަރު ކުރިން އުފަން ވެގެން އައި ފެހި ގާނޫނު އަސާސީ ވެގެން ދިޔައީ އޭރު ރައްޔިތުން ފެން ބޮވައިގެންފައިވާ ގިނަ މައްސަލަތަކަށް ހައްލަކަށެވެ. އެތައް ގޮތަކުން ހިފެހެއްޓިފައިވާ ނޫނީ ނުލިބި ހުރި އެތަކެއް ހައްގުތަކަކާއެކު ހުޅުވުނު ދޮރޯއްޓަކަށް ވިއެވެ. ނަމަވެސް، އެ ކަރުދާހުގައި ދައުލަތް ހިންގުމުގެ އެންމެހާ ބާރުތަކެއް މަރުކަޒީ ވިސްނުމެއްގެ ތެރެއިން ވެރިކަންކުރާ މާލެއަށް ޖަމާކޮށްގެން، "ގުއި ދަރި" އަށް ހަދައިގެން ޒަމާނުއްސުރެ ބާކިވެފައިވާ އޮތް އަތޮޅުތަކުގެ ތެރެއަށް އިންގިލާބީ ބަދަލެއް ގެންނާނެ ފަދަ ބާބެއް ފެވިގެން ދިޔަ އެވެ.
ރަށްރަށުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްވެސް މައި ސަރުކާރުގެ ފައި ބުޑަށް ވެއްޓި އާދޭސް ކުރުން ނިމުމަކަށް ގެނެސް ހަމަ ފައި މައްޗަށް ތެދުވުމަށް ރައްޔިތުން ދެކެމުން އައި އެ ހުވަފެނުގައި ކުލަ ޖެހުނީ އޭގެ ދެ އަހަރު ފަހުން ވުޖޫދަށް އައި ލާމަރުކަޒީ ގާނޫނާއެކު އެވެ. އެހެނަސް، އޭރު އެކަމަށް ވަކާލާތުކޮށް ހަރު އަޑުން އެ ވާހަކަތައް ދައްކަމުން އައި އެމްޑީޕީން ހިމަނަން ހުށަހެޅި ގިނަ ކަންކަން އޭރުގެ މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅުން އުނިކުރި އެވެ. ދައުލަތުގެ ބާރުތައް ލާމަރުކަޒީ ކުރުމުގެ ބޭނުމުގައި އުފަންކުރި ގާނޫނޫގެ ދަށުން އޭގެ އެއް އަހަރު ފަހުން އުފެދިގެން އައި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އަތް ފައި އޮތީ ބަނދެލައިފަ އެވެ. އަދި އޭގެ ފަހުން އެމްޑީޕީއަށް ވެރިކަން ގެއްލި ދެން އައި ސަރުކާރުތަކުން އެ ޕާޓީގެ ފިކުރުން ފޯދިގެން ފައްކާ ކުރަން ފެށި ނިޒާމްގެ މައި ބަދަ ބިންދާލުމުގެ ސަގާފަތެއް ފެނިގެން ދިޔަ އެވެ.
މިހާރު ވެސް ފުރި ބަންޑުންވެފައިވާ މާލެއަށް އާބާދީ ޖަމާ ކުރުމުގެ ވިސްނުމެއްގެ ތެރެއިން މަރުކަޒީ ނިޒާމަކަށް އަނބުރާލުމުގެ މަސައްކަތް ކުރި އެވެ. ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ހުރިހާ ދޮރުތަކެއް ބަންދުކުރި އެވެ. އެންމެ ފައިސާ ފޮއްޗެއް ހަރަދުކުރުމުގެ ކުރިން މައި ސަރުކާރުގެ އިޒުނަ ހޯދަންޖެހޭ ގޮތަށް އުސޫލުތައް ބަދަލުކުރި އެވެ. އިދާރީ މުވައްޒަފެއް ނެގުމުގެ ފުރުސަތުވެސް ހަނިކޮށް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވި ކައުންސިލަރުންނަކީ ހަމައެކަނި މުސާރަ ނަގައިގެން މަސައްކަތެއް ނުކޮށް ތިބޭ ބައެއްގެ ގޮތުގައި ނުބައި ތަސައްވަރެއް އުފެދި ރައްޔިތުންގެ ކުރިމަތީގައި އެމީހުންގެ އަގު ވައްޓާލި އެވެ.
ޖަޒީރާ ރާއްޖެ
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އަލުން އެމްޑީޕީގެ ވެރިކަމެއް އުފެދި، ނުތަނަވަސްކަމުގެ ކަޅު ބޯ ވިލާގަނޑެއްގެ ދަށުގައި މާޔޫސްވެފައި އޮތް ގައުމުގެ އުއްމީދުތައް އާލާވި އެވެ. ނަމަވެސް، ހަގީގީ ބާރުވެރިކަން ރަށްރަށަށް ލިބިގެންދާނެކަމާމެދު ރައްޔިތުން ތިބީ ޝައްކެއްގެ މަތީގަ އެވެ. އޭގެ އަށް އަހަރު ކުރިން އެމްޑީޕީގެ ސަރުކާރުން ދެއްކި ހުވަފެން މަޖިލީހުގެ ތެރެއިން ފެއިލްވެގެންދިޔަ މަންޒަރު އިޔާދަވެދާނެތީ އެވެ. މިއަހަރުގެ އޭޕްރީލް މަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވިއްކި "ޖަޒީރާ ރާއްޖެ" ތަސައްވަރު ބަލައިގަނެ، އެ ޕާޓީއަށް މަޖިލީހުގެ ތާރީހީ އަގުލަބިއްޔަތެއް ރައްޔިތުން ދިނީ އެ ހިތި މާޒީ ތަކުރާރުވިޔަ ނުދިނުމަށް ކަމަށް ބެލުމުގެ ޖާގަ ލިބެނީ އެހެންވީމަ އެވެ.
ކައުންސިލްތައް ބާރުވެރި ކުރުވައިގެން، ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ބުރަ ބޮޑު ޒިންމާ އެމްޑީޕީއާ ހަވާލުކުރީ ގިނަ އުއްމީދުތަކަކާއެކު އެވެ. މާނަވީ ގޮތެއްގައި ލާމަރުކަޒު ކުރެވިގެން ޖަޒީރާ ރާއްޖޭގެ ހަގީގީ ތަރައްގީއަށް ވާސިލުވެވޭނެ ލާމަރުކަޒީ ރާއްޖެއެއް ބިނާކުރުމުގެ ވައުދު މިފަހަރު ފުއްދައިދޭނެ ކަމުގެ އާދޭސް ކުރަމުންނެވެ.
ދައުލަތް ހިންގުމުގެ ހުންގާނު މާލޭގައި ހަރުކޮށްގެން ޖަމާކޮށްފައިވާ ބާރުތައް ދޫކޮށްލުމުގެ ހިތްވަރު ނެރެ، ވެރިކަންކުރާ ސަރަހައްދަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި، އިޖްތިމާއީ އެތައް މައްސަލަތައް ހައްލުކޮށް އަތޮޅުތެރެ ތަރައްގީކުރެވި، ވަޒީފާތައް އުފެދި، ރަށްތަކުގެ ފުދުންތެރިކަން އިތުރުކުރާނެ ހިކުމަތްތެރިކަމާއި ގާބިލުކަން ހުރި ކަން ސާބިތުކޮށްދިނުމަށް އެދެމުންނެވެ.
ކުރީގެ ސަރުކާރުތަކުން ނުނެރެވުނު ހިތްވަރު
ފާއިތުވި އަށް އަހަރު ވަންދެން ވީހާލެއްގަ ވާން ދޫކޮށްލާފައިވާ ކައުންސިލުތައް ފިރުކެމުން ބިންމަތީގައި ދެމެމުން ކަޑައްތު ކުރަމުން އައި ހިތްދަތި ދުވަސްތައް ނިމުމަކަށް ގެންނަން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މާލީ ގޮތުން ލާމަރުކަޒީ ކޮށްގެންކަމީ އެންމެންވެސް އިއްތިފާގުވާ ކަމެކެވެ. ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅި، އެ ރަށެއްގެ މުއްސަނދިކަން އެރަށަކަށް ލިބޭނެ ފުރިހަމަ ނިޒާމެއްގެ ތެރެއިން ރާއްޖެ ތަރައްގީ ކުރެވޭނީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބިގެންކަމަށް ދެ ބަސްވާނެ އެއްވެސް ރައްޔިތެއް ހަމަ ޔަގީނުންވެސް އަތޮޅު ތެރޭގައި ނުހުންނާނެ އެވެ.
އެއީ ވިސްނުމަށް ގެންނަން މާ އުނދަގޫކަމެއް ނޫނެވެ. މާ މޮޅު ފޯމިއުލާތަކެއް ބޭނުންނުވާ ހައްލަކަށް ވާތީ، އެންމެ އާދައިގެ ރައްޔިތުމީހާއަށްވެސް އެކަން ފަހުމްވަނީ އެހެން ވީމަ އެވެ. އެކި ސަރުކާރުތަކާއެކު ރައީސްކަމަށް ވަޑައިގެންނެވި ބޭފުޅުން ކޮންމެވެސް ޒާތެއްގައި އެ ވާހަކަ ދެއްކެވި އެވެ. ވައުދުތައްވެސް އެކި ޕްލެޓްފޯމުތަކުގައި ވެވަޑައިގެންނެވި އެވެ. އެހެނަސް، އެކި ސަބަބުތަކާހުރެ ނަމަވެސް، އެކަން އޮތީ ނުކުރެވި އެވެ. ކުރަން ނުކެރިފަ ނޫނީ ކުރަން ބޭނުންނުވެފަ އެވެ.
ކަން އެހެން އޮއްވާ، މިދިޔަ ބުރާސްފަތި ދުވަހު މިހާރުގެ ރައީސް ވަނީ އެ ހިތްވަރު ނެރުއްވާފައިވާކަން ހާމަކޮށްދެއްވައިފަ އެވެ. ލިބިވަޑައިގެންފައިވާ ބާރުތައް ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލަން ކެރިވަޑައިގެންފައިވާކަން ސާބިތުކޮށްދެއްވައިފަ އެވެ. ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކައުންސިލަރުންގެ މަހާސިންތާގައި ރައްޔިތުން އެދެމުންދިޔަ ހަގީގީ ލާމަރުކަޒީ ނިޒާމެއްގައި ކުލަ ޖެއްސުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ޑްރާފްޓް ކުރެވިފައިވާ ވާހަކަ ރައީސް އިއުލާނުކުރެއްވި އެވެ.
އެތަނަށް ޖަމާވެތިބި ކައުންސިލަރުންނާއި، އެހެން ޕާޓީތައް ތަމްސީލުކުރަން ރަށްރަށުގައި އެ މަހާސިންތާ އަޑުއަހަންތިބި ކައުންސިލަރުން އެކުގައި އުފާ ފާޅުކުރީ އެ ގާނޫނީ ބަދަލުތަކުގެ މަގުސަދު ރައީސް ތަފްސީލްކޮށް ދެއްވުމުންނެވެ.
"... މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލްތައް ބާރުވެރިކުރުވުމާއި، މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމާއި، ގުދުރަތީ އަދި އުމްރާނީ ވަސީލަތްތަކާމެދު މާނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު، ރައްޔިތުންނަށް ދިނުމާއި، ހިދުމަތްތަކާއި ތަރައްގީގެ ކަންކަން އަވަސްމިނުގައި ކުރިއަށް ގެންދިއުން ހިމެނޭ،" ރައީސް އެ ދުވަހު ވިދާޅުވި އެވެ.
އެއީ ހޮޅި ވާހަކަތަކެއް ނޫން ކަމާއި ހިކުމަތްތެރި ވިސްނުންފުޅެއްގެ ތެރެއިން ގެންނަވާ ބަދަލުތަކެއްކަން ވެސް އެ މަހާސިންތާގައި ރައީސް ސޯލިހު ހާމަކުރެއްވި މައުލޫމާތުތަކުން އެނގިގެންދިޔަ އެވެ. އެގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި، ރަށާއި، ފަޅާއި، ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓް ދިނުމުގެ އިންގިލާބީ ބަދަލެވެ. މިހާތަނަށް ނާށިގަނޑު ހިފައިގެން އެގޮތް މިގޮތުން ފައިސާ ހޯދަމުންދިޔަ ކައުންސިލްތަކަށް އެފަދަ މާލީ ތަނަވަސްކަމެއް ދިނުމުން އެތަންތަނުން ފުއްދާލާނެކަން ކަށަވަރެވެ. ނަމަވެސް، އެ ވަރަކުން ރައީސް ސޯލިހު ބޭނުންފުޅުވާ މާލީ ފުދުންތެރިކަމެއް ކައުންސިލްތަކަށް ނުދެއްވޭނެކަން އެނގިވަޑައިގެން، މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް ދޫކޮށްލުމުގެ އެ ބަދަލުތަކުގެ ތެރޭގައި ރައީސް ވަނީ ހިމަނުއްވައިފަ އެވެ. އަދި ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދެއްވުމުގެ ހިތްވަރު ރައީސް ވަނީ ނެރުއްވައިފަ އެވެ.
ވަޅު ޖެހިފައި އޮތް ކައުންސިލްތަކަށް ދިރުން
އެ މަހާސިންތާގައި ބައިވެރިވެވަޑައިގެންނެވި ހދ. އަތޮޅު ކައުންސިލްގެ މެންބަރު އަހުމަދު އާތިފް ވިދާޅުވީ ރައީސް އިއުލާނުކުރެއްވި ބަދަލުތަކާއެކު މިހާތަނަށް "މަރުވެފައި" އޮތް ކައުންސިލްތަކަށް ދިރުމެއް ލިބިގެންދާނެ ކަމަށެވެ. މީގެ ކުރިން އެ އަތޮޅުގެ ރައީސް ކަމާއި ނައިބު ރައީސްކަންވެސް ކުރައްވާފައިވާ އާތިފް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޭނުންވާ ކުދި ކުދި ކަންތައްތައް ވެސް ކޮށްދޭން ކައުންސިލްތައް ވަނީ ނުކުޅެދިފަ އެވެ. ގާބިލުކަން ނެތިގެން ނޫނެވެ. ފައިސާ ނެތީމަ އެވެ. މުވައްޒަފުން ނެގުމުގެ ބާރުވެސް ދީފައިނުވާތީ އެވެ. އެއީ އާތިފް ވިދާޅުވި ވާހަކަ އެވެ.
"އަޅުގަނޑު ދަންނަވާނީ ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެއޭ. އަނެއްކާ އެފަދަ މާލީ އަދި އިދާރީ ބާރުވެރިކަމެއް ކައުންސިލްތަކަށް ދިނުމުން، ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކުރަންޖެހޭ ހަރަދުތައް ވެސް ކުޑަވެގެންދާނެކަމަށް ގަބޫލުކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އާތިފްގެ ވިސްނުންފުޅަށް އަވަސްއާ ވާހަކަ ދެއްކެވި ހުރިިހާ ކައުންސިލަރުންވެސް އިއްތިފާގުވެ އެވެ. އެކަމުގައި ވަކި ޕާޓީއެއްގެ ކުލައެއް އިސްތިސްނާއެއްނުވެ އެވެ. ލ. ކުނަހަންދޫ ކައުންސިލްގެ ނައިބު ރައީސް ލިރުޣާމް ސައީދު ވިދާޅުވި ގޮތުގައި ރަށު ރައްޔިތުން ބޭނުންވާކަންކަން ކައުންސިލްތަކަށް ނުކޮށްދެވެނީ މިހާތަނަށް ސަރުކާރުން ކައުންސިލުތަކުގެ އަތް ބަނދެފައިވާތީ އެވެ. އަދި ރައީސް ސޯލިހު އިސްވެ ގެންނަވާ ބަދަލުތަކުގެ ސަބަބުން ކައުންސިލްތައް ހިންގުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"މިސާލަކަށް ދަންނަވަންޏާ، ރަށު މިސްކިތް މިހުންނަނީ ކައުންސިލްގެ ބެލުމުގެ ދަށުގައި މިހާރު. އެކަމަކު އެތަނަށް ފިހިގަނޑެއް ހޯދަންޖެހުނަސް މިޖެހެނީ ފިނޭންސްގެ ހުއްދަ ހޯދައިގެން އެތަކެއް ކަމެއް ކުރަން. އެކަހަލަ ކަންތައްތަކުގެ ސަބަބުން ގިނަ ކަންކަން މިހުންނަނީ ދިގުލައިގެންގޮސް، ރައްޔިތުންނަށް ނުކޮށްދެވިފައި،" ލިރުޣާމް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މައި ސަރުކާރުން ދޭން ނިންމާފައިވާ ދޫތަކާއެކު ކައުންސިލްތަކަށް ހަމަ ފައި މައްޗަށް ތެދުވެ، އަތޮޅު ތެރޭގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ އެވެ.
އެއީ ހަގީގަތުގައި ހާއްސަކޮށް އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން އަޑުއަހަން ކެތްމަދުވެފައިތިބި ވާހަކަތަކެވެ. އަތޮޅުގައި އޮންނަ ފަޅު ރަށްތަކުގައި ރިސޯޓް ހަދަން ކުއްޔަށްދީގެން އެ އަތޮޅުގެ ރައްޔިތުންނަށް ގިނަ ފަހަރު ކުރާ އެއްވެސް މަންފާއެއް ނޯވެ އެވެ. ރަށުގެ މަގެއްހާ ހިސާބުވެސް ހަދާލަނީ ކޮންމެވެސް އިންތިހާބަކާ ދިމާކޮށެވެ. އަސާސީ ހިދުމަތްތައް ނުލިބި އަތޮޅު ތެރޭގެ ރައްޔިތުން ޒަމާނުއްސުރެ ދުވަންޖެހެނީ މައި ސަރުކާރުގެ ދޮރުގައި ޓަކިޖަހަމުން އާދޭސްކުރަމުންނެވެ.
ނަމަވެސް، ގާނޫނަށް ގެނެވޭ ބަދަލުތަކާއެކު މިހާތަނަށް އެއްވެސް ސަރުކާރަކަށް ނުވެ އޮތް ކަމެއް ރައީސް ސޯލިހު އެވަނީ ކޮށްދެއްވައިފަ އެވެ. ޖަޒީރާ ރާއްޖޭގެ ހުވަފެނާއެކު އެމަނިކުފާނު ރައްޔިތުންނަށް ވި ވައުދުތައް ފުއްދުމުގެ މަލަމަތި ދައްކަވައިފަ އެވެ. ކައުންސިލްތަކުގެ އަތްފައި ބަނދެ، ރަށްރަށުގެ ތަރައްގީގައި މިހާރު އެޅިފައިވާ ކަސްތޮޅުތައް ނެއްޓި، ރައީސް ސޯލިހު ނެރުއްވި ހިތްވަރާއި ފައިތިލަ ހަމަކުރުމުގެ ޒިންމާ އެޅިފައިވަނީ އަންނަ އޭޕްރީލް މަހު އިންތިބާކުރާ އާ ކައުންސަލަރުންގެ ކޮނޑުގަ އެވެ.