ޓްރާންސްޕޯޓް އޮތޯރިޓީ

ތާޑްޕާޓީ އިންޝޫރަންސް އުވާލަން އިދާރާތައް ދެކޮޅު

Oct 15, 2020
5

އެއްގަމު އުޅަނދުފަހަރު ތާޑު ޕާޓީ އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހާ ދެކޮޅަށް ކަމާގުޅޭ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހަޅުއްވާފައި ވަނީ އެއްގަމު އުޅަނދެއް ދުއްވަން ވާނީ އެއުޅަނދެއް އެކްސިޑެންޓް ވެގެން ގެއްލުން ލިބޭ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ތާޑް ޕާޓީ އިންޝުއަރެންސް ކުރުމަށް ފަހުގައި ކަމަށް އެއްގަމު ދަތުރުގަތުގެ ގާނޫނުގައި ބުނާ މާއްދާ އުނި ކުރުމަށެވެ.

ނަޝީދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެއްގަމު އުޅަނގުތައް އިންޝުއަރެންސް ކުރެވެމުން ދިޔަ ނަމަވެސް ހިނގާފައިވާ އެކްސިޑެންޓްތަކަށް އިންޝުއަރެންސް ލިބެމުން ނުދާ ކަމަށެވެ.

އެގޮތުން، ރައްޔިތުންގެ އަތުން އަހަރަކު އެތައް މިލިއަން ރުފިޔާއެއް އިންޝުއަރެންސް ކުންފުނިތަކަށް ނަގަމުން ދާއިރު، އެކަމުން ދިވެހި ސަރުކާރަށް ވެސް އަދި ދިވެހި ރައްޔިތަކަށް ވެސް އެއްވެސް މަންފާއެއް ލިބެމުންނުދާ ކަމެއް ގަނޫނަކުން ރައްޔިތުންގެ މައްޗަށް ލާޒިމު ކޮށްފައި އޮތުމަކީ ބަލައިގަންނަން ދަތިކަމެއް ކަމަށެވެ.

އެ އިސްލާހު މިދިއަ އޯގަސްޓް މަހު މަޖިލީހަށް ބަލައިގެންފައި ވާއިރު، އެ ބިލު ދިރާސާ ކުރަމުންދާ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ފުލުހުންނާއި، ޓްރާންސްޕޯޓް އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ވަނީ ހާޒިރު ކޮށްފަ އެވެ.

ފުލުހުންގެ ފަރާތުން ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ ތާޑު ޕާޓީ އިންޝުއަރެންސް މެދުވެރިކޮށް އެކްސިޑެންޓުތަކުގައި މީހުނަށާއި އުޅަނދުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ހޯދައި ދެވޭ ކަމަށެވެ.
އެހެންކަމުން، ބަދަލު ހޯދައިދެވޭނެ އިތުރު ގޮތެއް ނުހޯދައި، ތާޑު ޕާޓީ އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް ހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ސަމީރު ވިދާޅުވީ ތާޑު ޕާޓީ އިންޝުއަރެންސްގެ ދަށުން އެކްސިޑެންޓެއްގައި މީހަކަށް ނުވަތަ އުޅަނދަކަށް ލިބޭ ގެއްލުމަކަށް 2،500 ރުފިޔާއަށް ވުރެ މަތިން ހޭދަވާ މިންވަރު އިންޝޫރަންސް ކުންފުނިތަކުން ދޭ ކަމަށެވެ.

"2،500 ރުފިޔާ އަށް ވުރެ މައްޗަށް އަރާ އަދަދެއް އެބަ ލިބޭ. މި އިންނަނީ 40 ޕަސަންޓު އުޅަނދަށް އަދި 60 ޕަސަންޓް މީހަކަށް ލިބޭ ގެއްލުމަކަށް. މިސާލަކަށް 3،000 ރުފިޔާ އަރައިފިއްޔާ 500 ރުފިޔާ އެބަދޭ އިންޝޫރަންސުން. އެކަމުން މީހާއަށް ވެސް އިތުރު ލުއިކަމެއް އެބަ ލިބޭ. ބާކީ ބައި އެބަ ކަވާކޮށްދޭ،" ސަމީރު ތަފްސީލު ކޮށްދެއްވި އެވެ.

އިތުރަށް ވިދާޅުވީ ބައެއް އިންޝޫރަންސް ކުންފުނިތަކުން ފައިސާ ލިބުމުގައި ލަސްތަކެއް އުޅުނު ނަމަވެސް، އާއްމު ގޮތެއްގައި އެވަރެޖުކޮށް 14 ދުވަހާއި 30 ދުވަހާ ދޭތެރޭ އެފަދަ ކްލެއިމްތައް ނިމޭ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާދު އަލީ ވިދާޅުވީ ބައިނަލްއަގުވާމީ މުއާހަދާ، ވިއޭނާ ކޮންވެންޝަންގައި ބައިވެރިވުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށްޓަކައި އެ ގައުމެއްގައި ތާޑު ޕާޓީ އިންޝުއަރެންސް އޮތުން ލާޒިމުވާ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން ސިޓީ ކައުންސިލުގެ ފަރާތުން ވެސް ބުނީ، ލައިސެންސެއްގެ ދަށުން ވެހިކަލް ދުއްވާއިރު، ލިބިދާނެ ގެއްލުމަކަށް ބަދަލު ހޯދައި ދެވޭނެ އިންތިޒާމެއް އޮންނަން ޖެހޭ ކަމަށެވެ. އަދި މަޖިލީހުން އެކަން ހަރުދަނާ ކުރުމަށް އިންޝޫރަންސް ކުންފުނިތައް މެދުވެރިކޮށް ކުރެވިދާނެ ކަމަށެވެ.

ތާޑް ޕާޓީ އިންޝުއަރަންސް އުވާލުމުގެ އިތުރުން، ނަޝީދު ވަނީ އެ ގާނޫނަށް އެހެން އިސްހާލެއް ވެސް ހުށަހަޅުއްވައިފަ އެވެ. އެއީ އުޅަނދެއް ގަރާޖެއްގައި ރަޖިސްޓްރީކުރުން ލާޒިމު ނުވާ ގޮތަށް ހުށަހެޅި އިސްލާހެކެވެ.

އެ އިސްލާހާ ގުޅޭގޮތުން، އިދާރާތަކުގެ މެދުގައި ކޮންމެވެސް މިންވަރަކަށް ހިޔާލުތަފާތުވި ނަމަވެސް، ގަރާޖު ސިޓީ އުވާލާއިރު މަގުތަކުން ޕާކިން ސްލޮޓު ދޫކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށް އެ އިދާރާތަކުން މިއަދުގެ ކޮމިޓީގައި ވަނީ ބުނެފަ އެވެ.