ފައިސަލް ނަސީމް

ސަލާމަތީ މިންގަނޑު ހިފެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މާލެ ސަރަހައްދުގައި ކުރިމަތިވެދާނެ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ސަލާމަތީ މިންގަނޑެއް ހިފެހެއްޓުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމު، މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އޮތް މިބައްދަލުވުމުގައި ކެމިކަލާ ތެޔޮ ފަދަ އަލިފާން ހިފާ ޒާތުގެ ތަކެތި މާލެ ސަރަހައްދުގައި ރައްކާ ކުރުމާއި ގެންގުޅުމުގެ އިތުރުން އެއްތަނުން އަނެއް ތަނަށް އެތަކެތި އުފުލުމުގައި ސަލާމަތީ މިންގަނޑެއް ހިފެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށް އެއޮފީހުން ބުނެއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުއްވުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ. އަދި އަލިފާނުގެ ހާދިސާއެއް ހިނގާނެ ފަދަ އެންމެހާ ކަންކަމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ފަރާތުން އެކަށައަޅާފައިވާ މިންގަނޑަށް އެންމެހާ ފަރާތްތަކުން ތަބާވުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، މާލޭ ސަރަހައްދުގައި ތެޔޮ ބައުޒަރުތައް ދުއްވުން ވީހާވެސް މަދުކުރުމަށާ، ކަނޑައަޅާ ސަރަހައްދުތަކެއް ތެޔޮ އެޅުމަށް ޚާއްސަކުރުމާ، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ތެލާއި ކެމިކަލް ފަދަ ތަކެތި ގެންގުޅުމާއި ރައްކާކުރުން ހުއްޓުވުމަށް މިހާރުން މިހާރަށް ފިޔަވަޅު އެޅުމާއިމެދު މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

މާލޭ ސަރަޙައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރި ގޮންޖެހުންތައް ގިރާކުރުމަށް އަމާޒުކޮށް ސަރުކާރުގެ އެކި ވުޒާރާތަކުގެ އިތުރުން ހަކަތައިގެ ދާއިރާއާ ގުޅުންހުރި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ވެރިންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ތެލުގެ ޚިދުމަތްދިނުމުގައި މިހާރުން މިހާރަށް އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްސާކޮށްފައިވެއެވެ. އަދި މި ޚިދުމަތްދިނުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު ވެސް މަޝްވަރާކޮށްފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، ފިއުލް ސަޕްލައިސް މޯލްޑިވްސް، މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.