ހަބަރު

މާލޭގެ ޓްރެފިކް މައްސަލައަށް ލުޔެއް ހޯދުމަށް މަޝްވަރާކޮށްފި

މާލެ ސިޓީގެ ތޮއްޖެހުން ކުޑަކޮށް، ޓްރެފިކް މައްސަލަތައް ހައްލު ހޯދުމާ ގުޅޭ ގޮތުން ކަމާ ބެހޭ މުއައްސަސާތަކާ ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރަައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލްއާއެކު މާލެ ސިޓީ ކައުންސިލްގެ ބައެއް މެންބަރުންނާއި ޓްރާންސްޕޯޓް އޮތޯރިޓީއާއި ރައީސް އޮފީހުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ..

ރައީސް އޮފީހުން ބުނި ގޮތުގައި މާލޭގެ މަގުތަކުގައި އިތުރަށް ޖާގަ ހެދުމާއި، ބާރު ބޮޑުވެ އުޅަނދު ފަހަރު ދުއްވުމުގެ އިތުރުން ހިނގާބިނގާވާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

އެ ގޮތުން ގަވާއިދާ ހިލާފަށް ޕާކް ކުރުމުގެ ސަބަބުން ދުއްވާ މީހުންނާއި ހިނގާ އުޅޭ މީހުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

މަގު ހުރަސް ކުރުމުގައި ކަފިހި ހުރަށް ބޭނުން ކުރުމަށް އަހުލުވެރި ކުރުމުގެ ގޮތުން ޓްރެފިކް ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ސަބަބުން ހެޔޮ ބަދަލުތަކެއް ފެންނަން ފަށާފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ފާހަގަކުރެއްވި އެވެ.