މާލޭ ސިޓީ

ހިތްހަމަ ނުޖެހުނަސް އުޅަނދު ލިމިޓް ކުރަންޖެހޭ: މޭޔާ

މާލޭގައި ދުއްވާ އުޅަނދުތައް ލިމިޓް ކުރަން ނިންމުމުން ބައެއް ފަރާތްތަކުން އެކަމާއި ހިތްހަމަ ނުޖެހެން ފާޅު ކުރިޔަސް އެއީ ކުރަންޖެހޭ ކަމެއް ކަމަށް މާލޭ ސިޓީ މޭޔަރު، ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މާލޭގައި އެއްގަމު އުޅަނދުތަށް ލިމިޓް ކުރުމާބެހޭ ގޮތުން އަވަސްއިން މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެކަމަނާ ވިދާޅުވީ، ކައުންސިލުން މާލޭގައި އުޅަނދުތައް ލިމިޓް ކުރަން ނިންމީ ކައުންސިލްގް ހުރިހާ މެމްބަރުންގެ އެއްބާރުލުމާއެކުގައި ކަމަށެވެ. އޭނާ ވިދާޅުވީ، އުޅަނދުތައް ލިމިޓް ކުރުމާ ދެކޮޅަށް ވާހަކަ ދައްކަނީ ވިޔަފާރިވެރިން ކަމަށެވެ. އަދި އެއީ އެކަމުގެ ސަބަބުން އެފަރާތްތަކުގެ ވިޔަފާރިއަށް އަސަރު ކުރާނެތީ ކަމަށެވެ.

މޭޔަރު، ވިދާޅުވީ، އުޅަނދުތައް ލިމިޓް ކުރުމާއި ގުޅޭގޮތުން ކައުންސިލުން އެކުލަވައިލި ކަރުދާސް މިހާރު ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި ފުލުހުންގެ މުއައްސަސާއަށް ހުށަހަޅައިފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނެފަ ވަނީ މާލޭގައި ދުއްވާ އުޅަނދުތަށް ލިމިޓް ކުރަން ނިންމީ، މާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަަށް ހެދުމަށް ކަމަށެވެ.

މާލޭއަށް ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމަށް ފާއިތުވި ސަރުކާރުތަކުން ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޓްރެފިކް ތޮއްޖެހުމަށް އެދެވޭ ހައްލެއް ހޯދިފައެއް ނުވެއެވެ.

ޑެޕިއުޓީ މޭޔަރު ޝާމައު ޝާރީފް ވިދާޅުވީ މާލޭގައި އެއްގަމު އުޅަނދު ލިމިޓް ކުރުމުގެ މަސައްކަތް ރައީސް އޮފީހާއި ގުޅިގެންވެސް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އުޅަނދުތައް ލިމިޓް ކުރުން ވަކި ގޮތަކަށް ހަމަޖެހިގެންދާނެ ކަމަށެވެ.

މާލެއަށް ދިމާވެފައިވާ ވެހިކަލް ޕާކު ކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސިޓީ ކައުންސިލުން ވަނީ މާލޭ އެކިއެކި ސަރަހައްދުތަކުގައި ޕާކިން ޒޯނުތައް ވެސް ތަރައްގީ ކޮށްފަ އެވެ.