މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ބޮޑެތި މަގުތަކުގައި ޕާކް ނުކުރެވޭ ގޮތް ހެދުމަށް ހުށަހެޅި ނަމަވެސް މިވަގުތު އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭގައި މި މަހުގެ 31 ވަނަ ދުވަހު މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި އެމްޓީސީސީން ވަނީ 36 މިނީ ބަސް މާލެއަށް ގެނެސްފަ އެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި މާލޭގެ އެންމެ ބޮޑު ހަތަރު މަގު ކަމަށްވާ އަމީނީ މަގާއި، މަޖީދީ މަގާއި، އޯކިޑް މަގުގެ އިތުރުން ފަރީދީ މަގުގައި އެއްވެސް އުޅަނދަކަށް ޕާކް ނުކުރެވޭ ގޮތް ހެދުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ ސިޓީ ކައުންސިލްގައި އެދިފަ އެވެ.
މިކަމާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ފެށުމަށް ސިޓީ ކައުންސިލުން ދޭން ހުރިހާ އެއްބާރުލުމެއް ކަމާ ގުޅޭ އިދާރާތަކަށް ދެމުންދާ ކަމަށެވެ. ނަމަވެސް މާލޭގެ ޕާކިންގެ މައްސަލައަކީ ކުއްލިއަކަށް ހައްލުކުރެވޭ ވަރަށް ވުރެ ބޮޑު މައްސަލައަކަށް ވާތީ މިވަގުތު މާލޭގެ ބޮޑެތި މަގުތަކުގައި ވެހިކަލް ޕާކް ނުކުރެވޭ ގޮތް ހެދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިދާރާތަކަށް އަންގާފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަރާބަރަށް އެބަހާޒިރުވަން މިނީ ބަސް ފެށުމަށްޓަކައި ކަމާ ގުޅޭ ސްޓޭކްހޯލްޑަރުންގެ ބައްދަލުވުންތަކަށް. އެބައްދަލުވުމަށް ސިޓީ ކައުންސިލްގެ އިތުރުން ޓްރާންސްޕޯޓް، ޕްލޭނިން، ޕޮލިސް އަދި އެމްޓީސީސީ ވެސް ހާޒިރުވޭ. އަޅުގަނޑުމެން އެބޭފުޅުންނަށް އެބަދަންނަވަން ރައްޔިތުންނަށް ޕާކް ކުރެވޭނެ ތަނެއް ނުދައްކާ އަޅުގަނޑުމެންނަށް ބޮޑެތި މަގުތަކުގައި ޕާކް ނުކުރަން ނޭންގޭނެ ކަމަށް. މާލެ މިއޮތް ގޮތުންނާއި ވެހިކަލް ގިނަ ކަމުން އެއީ މިވަގުތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޕްލޭނިންގެ ބޭފުޅުންވެސް ގަބޫލުކުރައްވާ،" ނަރީޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގެ ޕާކިންގެ މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އިތުރު ބިމާއި ފައިސާ ބޭނުންވާ ކަމަށެވެ. ބިމާއި ފައިސާ ހަމަޖެހުނުހާ އަވަހަށް ޕާކިންގެ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ފަށާނެ ކަމަށާއި ޕާކިން ބިލްޑިންތައް އަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާނީ މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކުން އެދިގެން މަގުތަކުގެ އަޑިގުނޑަން ރަނގަޅުކުރަންޖެހޭ ތަންތަން ރަނގަޅުކޮށްފައި. އަދި މިހާރުވެސް އެކަން ކުރަމުން މިދަނީ. ބައެއް ބަސް ސްޓޮޕްތައް އެބަ ހަދަން. ބަންޕަރުތައް އެބަ ރަނގަޅުކޮށްދެން. މިނީ ބަހުގެ ހިދުމަތް ފެށުމަށް މިވަގުތަށް ކޮށްދެވޭނެ ކަންކަން އެބަކޮށްދެން،" ނަރީޝް ވިދާޅުވި އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަހުގެ ތެރޭގައި ކުރަން ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނޭ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު 2019 ވަނަ އަހަރުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެ އެވެ. ނަމަވެސް މިނީ ބަހުގެ ހިދުމަތް ފެށުން ވަރަށް ބޮޑަށް ލަސްވީ އެކަމަށް ބޭނުންވާ ފައިސާ މުޅިން ހަމަޖެހިފައި ނުވާތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ކުރިން ވިދާޅުވެފައިވެ އެވެ.