ޑރ. މުހައްމަދު މުއިއްޒު

އަމީނީ މަގު ހަދާ ގޮތް ކަމުނުދާތީ މުއިއްޒު އަނެއްކާވެސް ފާޑު ވިދާޅުވެއްޖެ

Feb 10, 2023

އަމީނީ މަގު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ގޮތުން މަގު ބޭނުންކުރާ މީހުންނަށް ދާއިމީ ދަތިކަމެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ފާޑުވިދާޅުވެެއްޖެ އެވެ.

މޭޔަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދަނީ އިންތިހާއަށް ލަސްކޮށް އެހާ އަގު ބޮޑުކޮށް ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އަމީނީ މަގު 39 މިލިއަން ރުފިޔާއަށް ހެދެން އޮއްވާ މިހާރު ހަދަމުންދަނީ 84 މިލިއަން ރުފިޔާ އަށެވެ.

މުއިއްޒުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަމީނީ މަގު ހަދަމުންދާއިރު މަގުގައި އުޅަނދު ދުއްވަން އޮންނަ ބައި ހަނިކޮށް ދުވާރު ފުޅާކުރުމެވެ.

"މަގުގެ ފުޅާމިނުން ދެ ފޫޓް ދެ އިންޗި ހަނިކޮށް ހަދާ ހެދުމަށް އަދިވެސް އެއްވެސް ބަދަލެއް ނެގުމަކީ ޕަބްލިކް ޓްރާންސްޕޯޓް ބަސްތައް އަދި ޓޫވޭ ޓްރެފިކް ކުރިމަތިވާ ދާއިމީ ދަތިކަމެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

އަމީނީ މަގު ހަދަމުންދާ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާ މިދިޔަ އޮކްޓޫބަރު ހަތަރުވަނަ ދުވަހުވެސް މުއިއްޒު ޓްވީޓްކުރައްވާފައިވެ އެވެ. މުއިއްޒު މިއަދު ޓްވީޓް ކުރެއްވީ އޮކްޓޫބަރު ހަތަރު ވަނަ ދުވަހު ކުރެއްވި ޓްވީޓާ އެކު އެވެ.

މުއިއްޒު މީގެކުރިން ވިދާޅުވި ގޮތުގައި އަމީނީ މަގުގައި އުޅަނދުތައް ދުއްވުމަށް ހާއްސަކޮށްފައިވާ ބައިގެ މިހާރުގެ ފުޅާމިނަކީ 25 ފޫޓެވެ. ނަމަވެސް މަގު ހަދާ ނިމުމުން 21 ފޫޓް 10 އިންޗިއަށް ފުޅާމިން ކުޑަވާނެ ކަމަށެވެ.

އަމީނީ މަގުގެ ދެފަރާތުގައި މިހާރު ހަދާފައިވާ ދުވާރުގެ ކޮންމެ ފަޅިއެއްގައި ހަތަރު ފޫޓު ހުންނާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ، ނަމަވެސް އަމީނީ މަގު ހަދާ ނިމުމުން ދުވާރުގެ ކޮންމެ ފަޅިއެއްގައި ހުންނާނީ ފަސް ފޫޓޫ ހަތް އިންޗި ކަމުގައިވެސް ވިދާޅުވި އެވެ.

"މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެނޭ. ބިމުގެ އަޑިއަށްލުމަށް ކުރިން ނިންމާފައިވާ "ކޭބަލްޓްރޭ" އަނެއްކާވެސް މިފެންނަނީ ބިމުން މަތީގައި ހަދަމުންދާ ތަން،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ.

މަސައްކަތް ފެށުމުގެ ގޮތުން މިހާރު ވަނީ އަމީނީ މަގުގެ ބައެއް ބަންދުކޮށްފަ އެވެ. ބަންދުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ. ނަމަވެސް ކުރިން ކަނޑައެޅި ތާރީހަށް މަސައްކަތް ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަމީނީ މަގުގެ މަސައްކަތް ނިމޭނީ މިއަހަރުގެ ސެޕްޓެމްބަރުގަ އެވެ.

އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މަޝްރޫއުގައި ހިމެނެ އެވެ. އަދި އަމީނީ މަގު ހަދާނީ އެ މަގުގައި މިހާރުވެސް ހުރި ފެހިކަން ނުގެއްލޭ ގޮތަށް ކަމަށް އާރްޑީސީން ބުންޏެވެ.

މާލޭގެ އަމީނީ މަގު ހެދުން ވަކި މަޝްރޫއެއްގެ ގޮތުގައި އާރްޑީސީއާ ހަވާލުކުރީ އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ 16 މަގެއް ހެދުމަށް ސަރުކާރުން މާލެ ސިޓީ ކައުންސިލާ އެކު ކުރިން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ. އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި އާރްޑީސީއާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ހިޔާލުތަފާތުވުން ތަކެއް ކުރިން އުފެދުނެވެ. ނަމަވެސް އެ ހިޔާލުތަފާތުވުންތައް ހައްލުކޮށް ކުރިންވެސް ނިންމާފައިވާ ގޮތަށް މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ފަހުން ސަރުކާރުން ބުނެފައިވެ އެވެ. އަދި މަގު ހެދުމަށް ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް މުއިއްޒު ވެސް ކުރިން ވިދާޅުވެފައިވެ އެވެ.