އަމީނީ މަގު

މަގު ހެދުމަށް އަމީނީ މަގުގެ ބައެއް ބަންދު

Sep 12, 2022

ތާރުއަޅައިގެން މާލޭގެ އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެ މަގުގެ ބައެއް ބަންދުކޮށްފި އެވެ.

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

މަސައްކަތް ފެށުމުގެ ގޮތުން ބަންދުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. މަޝްރޫއުގެ އަގަކީ 84 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.

އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. އަދި ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި އަމީނީ މަގު ހަދާނީ އެ މަގުގައި މިހާރުވެސް ހުރި ފެހިކަން ނުގެއްލޭ ގޮތަށް ކަމަށް އާރްޑީސީން ބުންޏެވެ.

މާލޭގެ އަމީނީ މަގު ހެދުން ވަކި މަޝްރޫއެއްގެ ގޮތުގައި އާރްޑީސީއާ ހަވާލުކުރީ އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ 16 މަގެއް ހެދުމަށް ސަރުކާރުން މާލެ ސިޓީ ކައުންސިލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ. އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި އާރްޑީސީއާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ހިޔާލުތަފާތުވުން ތަކެއް އުފެދުނެވެ. ނަމަވެސް އެ ހިޔާލުތަފާތުވުންތައް ހައްލުކޮށް ކުރިންވެސް ނިންމާފައިވާ ގޮތަށް މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ފަހުން ސަރުކާރުން ބުނެފައިވެ އެވެ.