ދުނިޔެ

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ތާއީދުކުރާނީ ކަމަލާ ހެރިސްއަށް: ޕޫޓިން

އެމެރިކާގައި ނޮވެމްބަރު ފަހެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ރަޝިއާ ސަރުކާރުން ތާއީދުކުރައްވާނީ ޑިމޮކްރެޓިކް ކެންޑިޑޭޓް، ކަމަލާ ހެރިސްއަށް ކަމަށް ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ޖޯ ބައިޑަންއަށް އިންތިޚާބުގައި ވާދަކުރެއްވުނު ނަމަ ރަޝިއާގެ އިޚުތިޔާރަކަށް ވާނީ ބައިޑަން ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން އަދި ވިދާޅުވީ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކަމަލާ ހެރިސް އިޚުތިޔާރުކުރެއްވުމަކީީ ބައިޑަން ކުޅުއްވި ވަރަށް މޮޅު ކުޅިއެއް ކަމަށެވެ. އަދި އެ ނިންމެވުމަށް އިހުތިރާމްކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާގެ ލަޑިވޮސްޓޮކްގައި މިހާރު ހިނގަމުންދާ އީސްޓާން އިކޮނޮމިކް ފޯރަމްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ޕޫޓިން ވިދާޅުވީ ކަމަލާ ހެރިސް ހިނިފުޅުވަޑުވާއިރު، އޭނާއަށް ވެސް ހިނިގަނޑު ނުހިފެހެއްޓޭ ކަމަށެވެ.

ކަމަލާ ގެންގުޅުއްވަނީ އެންމެ ހެއްވާލަ ކަހަލަ ބާރު ހިނިގަނޑެއް ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ. ޕޫޓިންއަށް ކަމަލާ އެންމެ ކަމުދަނީ އެ ހިނިގަނޑާ ހެދި ކަމަށް ވެސް ވިދާޅުވި އެވެ. އެއީ ގައިންގަޔަށް އަރާ ވައްތަރުގެ ހިނިގަނޑެއް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ ކަމަލާ ހެރިސްއަށް ތާއީދުކުރައްވާ ސަަބަބަކީ ކަމަލާއަށް ތާއީދުކުރެއްވުމަށް ޖޯ ބައިޑަން އެމެރިކާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައި ވާތީ ކަމަށެވެ.

ބައިޑަންގެ އިޚުތިޔާރަކީ ކަމަލާ ކަމަށް ވަންޏާ ރަޝިއާގެ އިޚުތިޔާރަކަށް ވެސް ވާނީ ކަމަލާ ކަމަށް ލާނެތް ހިނިގަނޑަކަށް ފަހު ޕޫޓިން ވިދާޅުވި އެވެ.

ކަމަލާގެ ހިނިގަނޑުގެ މާނަ އަކީ ހުރިހާ ކަމެއްވެސް ރަނގަޅުވުން ކަމަށް ޕޫޓިން ވިދާޅުވި އެވެ. ހުރިހާ ކަމެއް ރަނގަޅުވެއްޖެ ނަމަ ރަޝިއާއާ ދެކޮޅަށް އެމެރިކާއިން އަޅާފައި ހުރި ފިޔަވަޅުތައް -- ކަމަލާގެ ވެރިކަމެއްގައި އުވާލައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ކަމަލާ ހެރިސްގެ ވެރިކަމެއްގައި ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އުންމީދުނުކުރައްވާ ކަމަށް ވިދާޅުވި އެވެ. އެއަށް ވުރެ ކަމަލާގެ ހިނިގަނޑުގެ މާނަ ފުން ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

އެމެރިކާއަށް ރައީސަކު ހޮވުމަކީ ރަޝިއާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ. އެއީ އެމެރިކާގެ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ އެދުމަކީ އެމެރިކާ ރައްޔިތުން ކަމަލާ ހެރިސްއަށް އާނއެކޭ ބުނުން ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.