އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސަކު ހޮވަން އެ ގައުމުގެ ރައްޔިތުން މިއަދު ވޯޓުލާން ފަށައިފި އެވެ.
އަންގާރަ ދުވަހުގެ އިރުއަރައި އުޅަނދުފަހަރަށް މަގުތައް ހުޅުވާލުމާއެކު އަދި އިލެކްޝަން ކޮމިޝަނުން ވޯޓުފޮށިތައް ހުޅުވާލުމުގެ ކުރިން ބައެއް ސަރަހައްދުތަކުގައި ވަނީ ދިގު ކިޔޫތައް ހަދާފަ އެވެ.
އެމެރިކާގައި ލާމަރުކަޒީ ނިޒާމުން ހިންގާ ސީޓީތަކުގައި -- އެކި ސިޓީގައި ވޯޓުލާން ފަށާފައި ވަނީ ތަފާތު ގަޑިތަކުގަ އެވެ.
މަރުކަޒީ ސަރުކާރުގެ ގަވާއިދުތައް ތަންފީޒުކުރި ނަމަވެސް ނިޒާމުތައް ހިންގައި ދަމަހައްޓަނީ އެ ސީޓީގައި އޮންނަ ލޯކަލް ސަރުކާރުން ހަދާ ގަވާއިދުތަކާ އެއްގޮތަށެވެ.
މި އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް، ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވަނީ ޑިމޮކްރެޓިކް ޕާޓިގެ ކަމަލާ ހެރިސް އެވެ.
ޓްރަމްޕް މީގެ ކުރިންވެސް ވަނީ އެމެރިކާގެ ރައީސްކަމުގެ އެއްދައުރު އަދާކުރައްވާފަ އެވެ. އަނެއްކޮޅުން ކަމަލާ ހެރިސް އަކީ އެ ގައުމުގައި މިހާރު އޮތް ޖޯ ބައިޑަން ސަރުކާރުގެ ނައިބް ރައީސް އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަދި ހިޔާލުހޯދުމުގެ ވޯޓުތައް ބުނާ ގޮތުން މި ދެކެންޑިޑޭޓުންގެ ތެރެއިން ކުރީގައި އުޅުއްވަނީ މިވެނި ކެންޑިޑޭޓެއް ކަމަށް ބުނަން ދައްޗެވެ.
މިހެންކަމުން ނަތީޖާ ބަދަލުވެގެން ހިނގައިދާނެ ގޮތް އަދި އަންދާޒާކުރަން ދަތި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރިޕަބްލިކަން ކެންޑިޑޭޓް، ޑޮނަލްޑް ޓްރަމްޕާ ހަވާލާދީފައި ހުރި ހަބަރުތައް ބުނާ ގޮތުން، މި ފަހަރުގެ އިންތިޚާބުގައި ފޭލުވުމަކީ ވެދާނެ ކަމެއް ކަމަށް ޓްރަމްޕް ގަބޫލުކުރައްވަ އެވެ. މިފަދަ ހާލަތަކަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ހަބަރުތައް ބުނެ އެވެ.