ދުނިޔެ

ކަމަލާ ހެރިސްއަށް ރައީސްކަން ލިބިވަޑައިގެންފި ނަމަ އިޒުރޭލު ނެތިގެންދާނެ: ޓްރަމްޕް

ނޮވެމްބަރު ފަހެއްގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި ރައީސްގެ މަގާމަށް ކަމަލާ ހެރިސް ވަޑައިގެންފި ނަމަ އިޒުރޭލު ނައްތާލާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގައި ދިރިއުޅޭ އަދި އެމެރިކާގެ ރައްޔިތުކަން އޮންނަ ޒަޔަނިސްޓު ޔަހޫދީން ޑޮނަލްޑް ޓްރަމްޕްއަށް ވޯޓުދީގެން ނޫން ގޮތަކަށް އިޒުރޭލު ސަލާމަތްނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑޮނަލްޑް ޓްރަމްޕް އަކީ އެމެރިކާގެ ކުރީގެ ރައީސެކެވެ. އޭނާ ވަނީ ޖެނުއަރީ 20، 2017 އިން ޖެނުއަރީ 20، 2021 އަށް ރައީސްގެ މަގާމު އަދާކުރައްވާފަ އެވެ.

އެމެރިކާގެ ގާނޫނު ބުނާ ގޮތުން ރައީސްގެ މަގާމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ހަތަރު އަހަރުގެ ދެ ދައުރު -- މުޅިއެކު އަށް އަހަރު ރައީސްގެ މަގާމު އަދާކުރެވެ އެވެ.

ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ހަތަރު އަހަރުގެ އެއް ދައުރު އަދާކުރައްވާފައި ވާތީ -- އޭނާއަށް މި އަހަރު ރައީސްގެ މަގާމު ލިބިވަޑައިގަތް ނަމަވެސް -- ރައީސްގެ މަގާމުގައި ދެމިހުންނެވޭނީ ހަތަރު އަހަރެވެ.

ޑޮނަލްޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ކަމަލާ ހެރިސް އަކީ ޔަހޫދީންނަށް ކަމޭހިތްތަވާނެ ރައީސަކަށް ނުވާނެ އެވެ. އިޒުރޭލަށް މާބޮޑު އަހަންމިއްޔަތުކަމެއް ކަމަލާ ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ޔަހޫދީއަކު ކަމަލާ ހެރިސްއަށް ވޯޓުދީފި ނަމަ އެ މީހެއްގެ ބުއްދި ސަލާމަތުން ހުރިތޯ ބަލަން ޖެހޭނެ އެވެ.

ކަމަލާ ހުންނެވީ ވަރަށް ފޮރުވިގެން ޔަހޫދީންނަށް ވަރަށް ގިނަ ކަންތައްތައް ކޮށްދެއްވާ ކަމަށް ހެދިވަޑައިގެން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް އަދި ވިދާޅުވީ ކަމަލާގެ ކިބައިން ފެނިވަޑައިގަންނަވަނީ ހަގީގަތް ނޫން ކަމަށާއި އިންތިޚާބު ކާމިޔާކުރެއްވުމަށް ފަހު ޔަހޫދީންނަށް ސީދާ ހަމަލާތައް ދެއްވާނެ ކަމަށެވެ.

އެމެރިކާއަށް ރައީސަކު ހޮވުމުގައި ޔަހޫދީންނަކީ މުހިންމު ބައެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ގޯހެއް ތަކުރާރުކުރަން ބޭނުން ނޫން މިހަކު ހުރި ނަމަ އެންމެ ބުއްދިވެރި ގޮތަކަށް ވާނީ ރިޕަބްލިކް ޕާޓީގެ ކެންޑިޑޭޓް ޓްރަމްޕްއަށް ވޯޓުދިނުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައްދުދިނުމަށް ކަމަލާ ހެރިސްގެ ކެމްޕެއިން ޓީމުން ބަަޔާނެއް ވަނީ ނެރެފަ އެވެ. މި ބާނުގައި ބުނެފައި ވަނީ ޔަހޫދީންގެ އަގުވައްޓާލުން ނޫން ކަމެއް ޓްރަމްޕް ނުކުރައްވާ ކަމަށެވެ.