އާރްޑީސީ

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ތާރުއަޅައިގެން މާލޭގެ އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. މަޝްރޫއުގެ އަގަކީ 84 މިލިއަން ރުފިޔާ އެވެ.

އަމީނީ މަގުގެ ހެންވޭރުކޮޅުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަގު ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މާލޭގެ ކުރީގެ މޭޔަރު މައިޒާން އަލިމަނިކާއި، މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާއި، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކުގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ނިންމަން ސަރުކާރުން ދީފައިވާ ހަތް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

މޫސަ ވިދާޅުވީ އަމީނީ މަގު ހަދާނީ ވީހާވެސް ގިނަ ދުވަހަށް ބޭނުންކުރެވޭ ގޮތަށް އަދި މަގު ބޭނުންކުރާ އެންމެންނަށް ވެސް ވީހާވެސް ފަސޭހަވާނެ ގޮތަށް ކަމަށެވެ. އެގޮތުން ލޯފަން މީހުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ބްރެއިލް ބްލޮކްސް އަތުރާ އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ފަސޭހަ އިން މަގަށް ވަދެ ނިކުމެ ހެދޭ ގޮތަށް މަގު ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

އަމީނީ މަގަކީ މާލޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ މަގަށް ވާތީ މިމަގު ހަދަމުންދާ ދުވަސްވަރު ދިމާވެދާނެ ދަތިތަކެއް ހުންނާނެ ކަމުގައިވެސް މޫސަ ވިދާޅުވި އެވެ. ނަމަވެސް ކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ގުޅިގެން ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން މަސައްކަތް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މާލޭގެ މައި ކަރަންޓް ކޭބަލްތައް ހުރީ މިމަގުގައި. އެމްޑަބްލިއުއެސްސީގެ މައި ހޮޅިތައް ހުރީ މިމަގުގައި. ދިރާގު އުރީދޫ މައި ހުރިހާ ކޭބަލްތަކެއް ހުރީ މިމަގުގައި. އެއާއެކީގައި އަޅުގަނޑުމެންގެ މިމަސައްކަތް ކުރިއަށްދާއިރުގައި އަސާސީ ހިދުމަތްތަކަށް އުދަނގޫ ދަތިތައް ކުރިމަތިވާނެ ކަން އަޅުގަނޑުމެން އެންމެންނަށްވެސް ގަބޫލުކުރެވޭ. އެފަދަ ވަގުތުތަކުގައި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ ކެތްތެރިކަމާ އެކީގައި އަޅުގަނޑުމެން މިކުރާ މިމުހިއްމު މަސައްކަތުގައި އެއްބާރުލުން ދެއްވުމުގައި ދެމިތިއްބެވުމަށް،" މޫސަ ވިދާޅުވި އެވެ.

އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. އަދި ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި އަމީނީ މަގު ހަދާނީ އެ މަގުގައި މިހާރުވެސް ހުރި ފެހިކަން ނުގެއްލޭ ގޮތަށް ކަމަށް އާރްޑީސީން ބުންޏެވެ.

މޫސަ ވިދާޅުވީ "މާލޭގެ އެއްވެސް މަގެއްގެ އަޑި އޮތް ގޮތް އެނގޭނެ އެއްވެސް އިންސާނަކު ދުނިޔޭގައި ހުރި ކަން އެނގިވަޑައިނުގަންނަވާ" ކަމަށާއި މަގު އޮތް ގޮތް އެނގޭނީ ވެސް އަދި ކުރަންޖެހޭ މަސައްކަތުގެ ބޮޑުކުޑަމިން އެނގޭނީވެސް މަގު ކޮންނަން ފެށުމުން ކަމަށެވެ. މަގުހަދާއިރު މާލޭގެ ބިމުގެ އަޑިވެސް ހަމައަކަށް އަޅުވައި މަގު ބޭނުންކޮށްގެން އަސާސީ ހިދުމަތްދޭ ފަރާތްތަކަށް ފަސޭހަވާނެ އިންތިޒާމުތަކެއް އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ހަމަޖައްސާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މާލޭގައި އަބަދު މިމަގާ ގުޅިފައި އޮންނަ އެންމެ ބޮޑު ޝަކުވާ ފެންބޮޑުވެފައި އޮންނަ މައްސަލަ ހައްލުކުރުމުގެ ގޮތުން އަޅުގަނޑުމެން ސްޓޯމް ވޯޓާ މެނޭޖުމަންޓް ސިސްޓަމަކާ އެކީގައި އިތުރު ޕަމްޕް ސްޓޭޝަންތައް މިމަގުގައި ބެހެއްޓި ފެންބޮޑުވުމުގެ މައްސަލައަށް އިރާދަކުރެއްވިއްޔާ ދާއިމީ ހައްލު އަޅުގަނޑުމެން ހޯދައިދޭނަން،" މޫސަ ވިދާޅުވި އެވެ.

މާލޭގެ އަމީނީ މަގު ހެދުން ވަކި މަޝްރޫއެއްގެ ގޮތުގައި އާރްޑީސީއާ ހަވާލުކުރީ އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ 16 މަގެއް ހެދުމަށް ސަރުކާރުން މާލެ ސިޓީ ކައުންސިލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ. އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި އާރްޑީސީއާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ހިޔާލުތަފާތުވުން ތަކެއް އުފެދުނެވެ. ނަމަވެސް އެ ހިޔާލުތަފާތުވުންތައް ހައްލުކޮށް ކުރިންވެސް ނިންމާފައިވާ ގޮތަށް މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް މިރަސްމިއްޔާތުގައި ވާހަކަދެއްކެވި ކަމާ ގުޅޭ ބޭފުުޅުން ވިދާޅުވެފައިވެ އެވެ.

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މޭޔަރު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ނަމަވެސް ރަސްމިއްޔާތުގައި ވާހަކަދެއްކެވުމަށް ފުރުސަތު ދީފައެއް ނުވެ އެވެ. އަދި މިރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަކަށް ހަމަޖައްސަވާފައި އިންނެވީ މާލޭގެ ކުރީގެ މޭޔަރު މައިޒާން އަލިމަނިކެވެ.