ތާރުއަޅައިގެން މާލޭގެ އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތުގެ ތެރެއިން ބަންދުކޮށްފައި އޮތް ފުރަތަމަ ސެގްމަންޓް އާމުންނަށް ހުޅުވާލައިފި އެވެ.
އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓް އާންމުންނަށް ހުޅުވާލި ނަމަވެސް އަދި ތާރުއަޅާފައެއް ނުވެ އެވެ. ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފެށުމަށް އަމީނީ މަގުގެ އެ ބަޔާއި ބައެއް އިތުރު މަގުތައް މިދިޔަ ސެޕްޓެމްބަރު މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި ބަންދުވެސް ކުރި އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހޮޅި ވަޅުލުމާ ކާނު ހެދުން އަދި މީހުން ހިނގާ ބައި ހެދުމުގެ މަސައްކަތް ނިމުމުން މަގުގެ އެބައި ހުޅުވާލީ ކަމަށެވެ.
"ހޮޅި ވަޅުލުމާ ކާނު ހެދުން އަދި ހިނގާބައި ހެދުނީމަ އާންމުންނަށް ފަސޭހަ ކޮއްދޭން އަޅުގަނޑުމެން ވަގުތީގޮތުން މަގު ހުޅުވާލީ،" އަކްރަމު ވިދާޅުވި އެވެ.
އަކްރަމް ކަމާލުއްދީން އިތުރަށް ވިދާޅުވީ ހޮޅި ވަޅުލުން ފަދަ މަސައްކަތްތައް ނިމުމުން މަގުގެ ބައިތައް އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. އަމީނީ މަގުގައި ތާރު އަޅާނީ މަގުގެ އިރުމަތިކޮޅުން ފެށިގެން ގޮސް ބިލަބޮންގް ހައި ސްކޫލާ ހަމައަށް ބަންދުކުރުމަށްފަހު ތާރު އެޅުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް ނިމުމުން ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.
އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. އަދި ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ.
އަމީނީ މަގު ހަދާނީ އެ މަގުގައި މިހާރުވެސް ހުރި ފެހިކަން ނުގެއްލޭ ގޮތަށް ކަމަށްވެސް އާރްޑީސީން ބުންޏެވެ.