އަމީނީ މަގުގެ މަސައްކަތް ދާގޮތުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑެތި ތަކުލީފު އުފުލަމުންދާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ދާގޮތުގެ ސަބަބުން ނަފުސާނީ އަދި އިޖުތިމާއީ އެތައް ގެއްލުމެއްވަމުންދާ ކަމަށެވެ.
"ރައްޔިތުން ދަނީ ކައުންސިލާއި މިކަންކަން ހިއްސާ ކުރަމުން. އަޅުގަނޑު އެދެނީ ސަރުކާރުން ކައުންސިލްގެ އަޑު އެހުމަށް. އެންމެ ފަހަރަކު ނަމަވެސް،" މުއިއްޒު ވިދާޅުވި އެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރީ ނިމިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު އެވެ.
މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.
އެ މުއްދަތުގައި މަސައްކަތް ނުނިމޭނެ ކަމަށާއި އަމީނީ މަގުގެ މަސައްކަތް ނިންމާލެވޭނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
އަމީނީ މަގުގެ އެންމެ އިރުމަތީކޮޅުން ފެށިގެން ސްޓެލްކޯއާ ހަމައަށް ތާރުއަޅައި މިހާރު ވަނީ ހުޅުވާލާފަ އެވެ. އަމީނީ މަގުގެ އެ ސަރަހައްދުގައި ތާރު އެޅީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މަސައްކަތް އަވަސްކުރުމުގެ ގޮތުންނެވެ.
ތާރުއަޅާ ތަރައްގީ ކުރުމަށްފަހު އާންމުންނަށް ހުޅުވާލި ބައިގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވާއިރު އާރްޑީސީން ބުނަނީ ފެން ބޮޑުވަނީ އަމީނީ މަގު އެއްކޮށް ނުނިމޭތީ ކަމަށެވެ.
އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގު ބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މަޝްރޫއުގައި ހިމެނެ އެވެ. އަދި އަމީނީ މަގު ހަދާނީ އެ މަގުގައި މިހާރުވެސް ހުރި ފެހިކަން ނުގެއްލޭ ގޮތަށް ކަމަށް އާރްޑީސީން ބުންޏެވެ.