އަމީނީ މަގު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ގޮތުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެ ކަމަށް ވިދާޅުވެ އެ މަސައްކަތް ކުރިއަށްދާ ގޮތަށް މާލޭގެ މޭޔަރު ޑރ. މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.
މުއިއްޒު މިއަދު ވަނީ އަމީނީ މިހާރު އޮތް ގޮތާއި ހަދާ ނިމުމުން މަގު އޮންނާނެ ގޮތުގެ ޑިޒައިނަކާއި އަދި މަގުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ފޮޓޯތަކެއް ޓްވީޓާގައި އާންމުކުރައްވާފަ އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އަމީނީ މަގުގައި އުޅަނދުތައް ދުއްވުމަށް ހާއްސަކޮށްފައިވާ ބައިގެ މިހާރުގެ ފުޅާމިނަކީ 25 ފޫޓެވެ. ނަމަވެސް މަގު ހަދާ ނިމުމުން 21 ފޫޓް 10 އިންޗިއަށް ފުޅާމިން ކުޑަވާނެ ކަމަށެވެ.
އަމީނީ މަގުގެ ދެފަރާތުގައި މިހާރު ހަދާފައިވާ ދުވާރުގެ ކޮންމެ ފަޅިއެއްގައި ހަތަރު ފޫޓު ހުންނާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ، ނަމަވެސް އަމީނީ މަގު ހަދާ ނިމުމުން ދުވާރުގެ ކޮންމެ ފަޅިއެއްގައި ހުންނާނީ ފަސް ފޫޓޫ ހަތް އިންޗި ކަމުގައިވެސް ވިދާޅުވި އެވެ.
"މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެނޭ. ބިމުގެ އަޑިއަށްލުމަށް ކުރިން ނިންމާފައިވާ "ކޭބަލްޓްރޭ" އަނެއްކާވެސް މިފެންނަނީ ބިމުން މަތީގައި ހަދަމުންދާ ތަން،" މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ކަންބޮޑުވެވަޑައިގެން ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވެފައިވެ އެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ.
މަސައްކަތް ފެށުމުގެ ގޮތުން މިހާރު ވަނީ އަމީނީ މަގުގެ ބައެއް ބަންދުކޮށްފަ އެވެ. ބަންދުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށެވެ.
މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.
އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މަޝްރޫއުގައި ހިމެނެ އެވެ. އަދި އަމީނީ މަގު ހަދާނީ އެ މަގުގައި މިހާރުވެސް ހުރި ފެހިކަން ނުގެއްލޭ ގޮތަށް ކަމަށް އާރްޑީސީން ބުންޏެވެ.
މާލޭގެ އަމީނީ މަގު ހެދުން ވަކި މަޝްރޫއެއްގެ ގޮތުގައި އާރްޑީސީއާ ހަވާލުކުރީ އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ 16 މަގެއް ހެދުމަށް ސަރުކާރުން މާލެ ސިޓީ ކައުންސިލާ އެކު ކުރިން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ. އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި އާރްޑީސީއާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ހިޔާލުތަފާތުވުން ތަކެއް އުފެދުނެވެ. ނަމަވެސް އެ ހިޔާލުތަފާތުވުންތައް ހައްލުކޮށް ކުރިންވެސް ނިންމާފައިވާ ގޮތަށް މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ފަހުން ސަރުކާރުން ބުނެފައިވެ އެވެ. އަދި މަގު ހެދުމަށް ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް މުއިއްޒު ވެސް ކުރިން ވިދާޅުވެފައިވެ އެވެ.