މާލޭގެ މަގުތައް އަމިއްލައަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މިގޮތަށް ނިންމީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތްތަކުގެ ދަށުން އާރްޑީސީ އިން އަމީނީ މަގު ހަދަމުންދާ ގޮތާ މެދު ބައެއް ކައުންސިލަރުންގެ ކަންބޮޑުވުންތައް ހުރުމާ ގުޅިގެން މިއަދު އޮތް މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ކައުންސިލަރުން މަޝްވަރާކުރުމަށްފަހު އެވެ.
މިބައްދަލުވުމުގައި މިއަދު މަޝްވަރާ ކުރެވުނީ މާލެ އާއި ވިލިމާލޭގައި ހަލާކުވެފައި ހުރި ހަނިގޯޅިތަކާ މަގުތައް ރަގަޅު ފެންވަރެއްގައި ހެދުމާ ގުޅޭގޮތުންނެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ މާލޭގެ މަގުތައް މިހާރު ހުރި ގޮތުން އާންމުންގެ ޝަކުވާ ވަރަށް ބޮޑަށް ކައުންސިލަށް ލިބެމުންދާ ކަމަށެވެ. މަގު ހެދުމަށް ކުރިން ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން ބައެއް ފައިސާ ބޭނުންކޮށްގެން ބޮޑެތި މަގުތައް ނުހިމެނޭ ގޮތަށް ކުދި ގޯޅިތައް މަރާމަތުކޮށްލެވިދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އަމީނީ މަގު މިހާރު ހަދަމުންދާ ގޮތުން އަމީނީމަގާ ގުޅިފައި ހުރި ކުދި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަތައް ކުރިމަތިވާ ކަމަށެވެ.
"މިހެން ދިމާވަނީ އަމީނީ މަގާ ހަމައިން ބައެއް މަގުތަކުގައި ކޮޅުބެދިފައިވާތީ، އަދި އަމީނީ މަގު ހެދިއިރު އެހެން މަގުތަކަށް ވުރެ އެ މަގު އުސްކޮށް ހަދާފައިވާތީ،" މުއިއްޒު އެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އާރްޑީސީ އަށެވެ.
ކައުންސިލަރުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ މާލޭގެ މަގުތަކާއި ކާނުތައް ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި ކައުންސިލުން ކަމާ ގުޅޭ މުވައްޒަފުން ހޯދައިގެން އެއް އަހަރު ވަންދެން އެ މަސައްކަތް ކުރުމަށެވެ. އަދި ކައުންސިލަށް ލިބޭ އާމްދަނީ އަކުން މިމަސައްކަތަށް ބަޖެޓެއް ކަނޑައަޅަންވެސް ކައުންސިލަރުން މަޝްވަރާކޮށް އިއްތިފާގުން ނިންމާފައިވެ އެވެ. ނަމަވެސް މިކަމަށް ބަޖެޓް ކަނޑައެޅުމަށް ބައްދަލުވުމެއް ބާއްވަން ނިންމީ ޖުލައި 26ގެ ފަހުންނެވެ.
މާލޭ ސިޓީގެ 16 މަގެއްގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ކުރިން ހަވާލުކޮށްފައިވެ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މިމަސައްކަތް ކުރިއަކަށް ނުދެ އެވެ.