ތާރުއަޅައިގެން މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތުގައި އެއްބާރުލުން ދޭނެ ކަމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޭޔަރު މިހެން ވިދާޅުވެފައި މިވަނީ އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ 16 މަގެއް ހެދުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވަނިކޮށް އަމީނީ މަގު ހެދުން ވަކި މަޝްރޫއެއްގެ ގޮތުގައި އާރްޑީސީއާ ހަވާލުކުރުމުން އެ ކުންފުނިން މިއަދު އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނިކޮށެވެ.
އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު މުއިއްޒު އާއި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި ބައެއް ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް މިރަސްމިއްޔާތުގައި ވާހަކަދެއްކެވުމަށް މާލޭގެ މޭޔަރު މުއިއްޒުއަށް ފުރުސަތު ދީފައެއް ނުވެ އެވެ. އެކަމަކު މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް އެކަމުގައި ބައިވެރިވުމަށް މުއިއްޒު އަށް ފުރުސަތު ދިނެވެ.
މިކަމާ ގުޅިގެން މުއިއްޒު މިއަދު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގައި މިވަގުތު ތިއްބެވި ބޭފުޅުންނަކީ ތަރައްގީއަށް ތާއީދުކުރާ އަދި ތަރައްގީގެ ފިކުރުގެ ބޭފުޅުން ކަމަށެވެ. އަމީނީ މަގު ހަދާ ގޮތާ މެދު ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް އަދި އެންމެ ބޭނުންވާ ގޮތަށް އެމަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް މާލޭގެ ރައްޔިތުންނަށް އަދި މާލެ ސިޓީގެ ތަރައްގީއަށް ކަންތައްތަކެއް ކުރެވޭނަމަ އެކަމުގައި މާލެ ސިޓީ ކައުންސިލުން އެކަމެއް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
"އެގޮތުން މިއަދު ފެށިގެން ދިޔަ މަސައްކަތުގައިވެސް މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށް ތަރައްގީގެ ފޮނިމީރުކަން ހޯދައިދިނުމުގައި އަމީނީ މަގު ހެދުމުގެ މަސައްކަތުގައި ކައުންސިލަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް އަޅުގަނޑުމެން ދޭނަން. އެހެންވީމާ އެގޮތުން އަޅުގަނޑުމެންގެ ފަރާތުން ހުރިހާ ކަމެއްގައި ބައިވެރިވުން ލިބިގެންދާނެ. އެހެންވީމާ ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާމު އެގޮތަށް ހަމަ އަޅުގަނޑުމެންގެ މަސައްކަތްތައް ރޭވިގެން ކުރިއަށްދާނެ،" މުއިއްޒު ވިދާޅުވި އެވެ.
މާލޭގެ މަގުތައް ހެދުން "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ނަމުގައި ކުރިއަށް ގެންދިއުމަށް މިސަރުކާރުން އެންމެ ފުރަތަމަ ހަވާލުކުރީ މާލެ ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގައި މާލޭގެ މޭޔަރަކަށް ޝިފާ މުހައްމަދު ހުންނެވި ދުވަސްވަރު އެވެ. އެ މަޝްރޫއަށް ގާތްގަނޑަކަށް 450 މިލިއަން ރުފިޔާ ހޭދަކުރަން އޮތީ ނިންމާފަ އެވެ. އޭގެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމްއަށް ލިބުމުން މަގު ހެދުމުގެ މަޝްރޫއު ކައުންސިލުން ކުރިއަށް ގެންދާ ގޮތަށް އާރްޑީސީއާ އެކު އޮތީ ފަހުން ވެސް ސޮއިކޮށްފަ އެވެ. ނަމަވެސް ކުއްލި ގޮތަކަށް އަމީނީ މަގު ހެދުން ވަކި މަޝްރޫއެއްގެ ގޮތުގައި އާރްޑީސީއާ ހަވާލުކުރުމުން ބޮޑެތި ހިޔާލުތަފާތުވުންތަކެއް ސިޓީ ކައުންސިލާއި އާރްޑީސީއާ ދެމެދު އުފެދުނެވެ. އަމީނީ މަގު ހެދުމުގެ މަޝްރޫއަކީ 39 މިލިއަން ރުފިޔާ އިން ނިމެން އޮތް މަޝްރޫއެއް ކަމަށާއި އެކަމަކު އެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާ ކަމަށް ވިދާޅުވެ ކޮރަޕްޝަންގެ ތުހުމަތުވެސް މުއިއްޒު ކުރިން ވަނީ ކުރައްވާފަ އެވެ.