ހަބަރު

އަމީނީ މަގުގައި ގިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައިފި

މާލޭގެ އަމީނީ މަގުގެ ބިލަބޮންގް ސްކޫލާ ހަމައިން ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައި މިއަދު ނިންމާލައިފި އެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އާރްޑީސީ) އިން ބުނީ މިހާރު ކުރަމުންދާ މަސައްކަތަކީ އަންނަ އާދީއްތަ ދުވަހު ފެށޭ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ތާރު އަޅައި ނިމިފައި އޮތް ބައި އާންމުންނަށް ހުޅުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮށް ނިންމާލުމުގެ ކަމަށެވެ.

އަމީނީ މަގުގައި ތާރު އެޅުމަށް ބާކީ ދެން އޮންނާނީ އިސްކަންދަރު ކޮށިން ފެށިގެން ދިރާގު ހެޑް އޮފީހާ ދެމެދުގައިވާ ސަރަހައްދެވެ.

މާލޭގައި އަމީނީ މަގުގައި ތާރުއެޅުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ޣިޔާސުއްދީން ސްކޫލުން ފެށިގެން އަމީނީ މަގުގެ އެންމެ އިރުމައްޗަށް މިހާރު މިވަނީ ތާރުއަޅާ ނިންމާލާފަ އެވެ.

މާލޭގެ އަމީނީ މަގު ހަދަން ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި 3، 2022ގައި 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދިނީ ހަތް މަސް ދުވަހެވެ. ނަމަވެސް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެންމެ ފަހުން ވިދާޅުވި ގޮތުގައި ދެން އެ މަސައްކަތް ނިމޭނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގަ އެެވެ.

އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގު ބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ.