މާލޭގެ އަމީނީ މަގުގައި ތާރު އެޅި ބައި މި ހަފްތާ ތެރޭގައި ހުޅުވާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަމީނީ މަގުގައި ތާރު އަޅައި ނިންމާފައިވާ ބައި ހުޅުވުމުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އަދި މި ހަފްތާ ތެރޭގައި އަމީނީ މަގު ސްޓެލްކޯއާއި ހިސާބަށް އާންމުންނަށް ހުޅުވާލާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ އަމާޒަކީ ރޯދަ މަސް ފެށުމުގެ ކުރިން އިމާދުއްދީން ސުކޫލާއި ހިސާބަށް އަމީނީ މަގުގައި ތާރުއަޅައި ނިންމާލުން ކަމުގައި ވެސް އޮފިޝަލު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ފެށޭ ރޯދަމަހުގެ ކުރިން އިމާދުއްދީނާ ހިސާބަށް ތާރު އަޅާ ނިންމާލުން. އެކަމަށް އެބަ ތައްޔާރުވަން،" ޕްލޭނިން މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި އެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ހަދަމުންދާ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މަސައްކަތް އަވަސްކުރުމުގެ ގޮތުން ނެވެ.
އާރްޑީސީން އަމީނީމަގުގައި ޕޭވިންގެ މަސައްކަތް ނިންމާފައި އޮތް ހިސާބުގައި ތާރު އަޅަން އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ މި މަހުގެ 10ވަނަ ދުވަހު އެވެ. މިގޮތުން އެމްޓީސީސީން ވަނީ ހަފްތާއެއްހައި ދުވަސް ތެރޭގައި ސްޓެލްކޯއާއި ހިސާބަށް އަމީނީ މަގުގައި ތާރު އަޅައި ނިންމާލާފަ އެވެ.
މާލޭގެ އަމީނީ މަގު ހަދަން ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި ތިނެއް، 2022ގައި 84 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ. ނަމަވެސް ކުރިން ކަނޑައެޅި ތާރީހަށް މަސައްކަތް ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަމީނީ މަގުގެ މަސައްކަތް ނިމޭނީ މިއަހަރުގެ ސެޕްޓެމްބަރުގަ އެވެ.
އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގު ބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މަޝްރޫއުގައި ހިމެނެ އެވެ. އަދި އަމީނީ މަގު ހަދާނީ އެ މަގުގައި މިހާރުވެސް ހުރި ފެހިކަން ނުގެއްލޭ ގޮތަށް ކަމަށް އާރްޑީސީން ބުންޏެވެ.