އަމީނީ މަގު

ބުދަ ދުވަހަށް ސްޓެލްކޯއާއި ހިސާބަށް ތާރުއަޅައި ނިމޭނެ

އަންނަ ބުދަ ދުވަހުގެ ނިޔަލަށް އަމީނީ މަގުގައި ސްޓެލްކޯއާއި ހިސާބަށް ތާރު އަޅައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިހާރު ކުރިއަށްދަނީ މަގު އެއްވަރުކޮށް، ވެލިތައް ނަގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުން 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަކަން އާޒިމު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ މުވައްޒަފުން އެ އަންނަނީ 24 ގަޑިއިރު މަސައްކަތް ކުރަމުން. އަންނަ ބަދަ ދުވަހާ ހަމައަށް ސްޓެލްކޯ އިމާރާތާ ހިސާބަށް ތާރު އަޅާ ނިމޭނެ،" އާޒިމު ވިދާޅުވި އެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ހަދަމުންދާ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މަސައްކަތް އަވަސްކުރުމުގެ ގޮތުންނެވެ.

އާރްޑީސީ އިން އަމީނީމަގުގައި ޕޭވިންގެ މަސައްކަތް މިހާރު ނިންމާފައި އޮތް ހިސާބުގައި ތާރު އަޅަން އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ ހުކުރު ދުވަހު އެވެ.

މާލޭގެ އަމީނީ މަގު ހަދަން ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި 3، 2022ގައި 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ. ނަމަވެސް ކުރިން ކަނޑައެޅި ތާރީހަށް މަސައްކަތް ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަމީނީ މަގުގެ މަސައްކަތް ނިމޭނީ މިއަހަރުގެ ސެޕްޓެމްބަރު 27 ގައެވެ.

އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މަޝްރޫއުގައި ހިމެނެ އެވެ. އަދި އަމީނީ މަގު ހަދާނީ އެ މަގުގައި މިހާރުވެސް ހުރި ފެހިކަން ނުގެއްލޭ ގޮތަށް ކަމަށް އާރްޑީސީން ބުންޏެވެ.