އަމީނީ މަގު

އަމީނީ މަގުގައި ތާރުއެޅި ބައި އާންމުންނަށް ހުޅުވާލައިފި

Mar 6, 2023
1

އަމީނީ މަގުގައި ތާރުއެޅި ބައި އާންމުންނަށް ހުޅުވާލައިފި އެވެ.

އެގޮތުން މިއަދު ހުޅުވާލީ އަމީނީ މަގުގެ އެންމެ އިރުމަތީކޮޅުން ފެށިގެން ސްޓެލްކޯއަށް ހަމައަށް ތާރުއަޅާފައިވާ ބައެވެ.

އަމީނީ މަގުގައި ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދަނީ އެވިޑް ކޮލެޖާއި ހަމައިން ފެށިގެން އިމާދުއްދީން ސްކޫލާ ހަމައަށް އޮތް ބައިގަ އެވެ. ރޯދައިގެ ކުރިން މިބައިގައި ތާރުއަޅާ ނިންމާލުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އާރްޑީސީ އިން މިއަދު ބުނީ ތާރު އެޅި ބައި އާންމުކޮށް ހުޅުވާލި ނަމަވެސް ފިނިޝިންގެ ބައެއް މަސައްކަތްތައް އެ ސަރަހައްދުގައި އަދިވެސް ކުރިއަށްދާ ކަމަށާއި އަދި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމުކުރުމަށް މޫނިމާ ހިނގުން އަދިވެސް ބަންދުކޮށްފައިވާ ކަމަށެވެ.

ތާރު އެޅި ބައިގައި މިހާރު ވަނީ މަގުމަތީގެ ނިޝާންތަކާއި ޓްރެފިކް ލައިންތައް ވެސް ކުރަހާފަ އެވެ.

މިއަދު ހުޅުވާލި އަމީނީ މަގުގެ ބައިގައި ތާރުއެޅީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ނަމަވެސް ކުރިއަށް ހުރި ބައިތަކުގައި ތާރުއަޅާނީ އެމްޓީސީސީ އިން ކަމެއް އަދި ނޭނގެ އެވެ.

އާރްޑީސީން އަމީނީމަގުގައި ޕޭވިންގެ މަސައްކަތް ނިންމާފައި އޮތް ހިސާބުގައި ތާރު އަޅަން އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެމްޓީސީސީން ވަނީ ހަފްތާއެއްހައި ދުވަސް ތެރޭގައި ސްޓެލްކޯއާއި ހިސާބަށް އަމީނީ މަގުގައި ތާރު އަޅައި ނިންމާލާފަ އެވެ.

މާލޭގެ އަމީނީ މަގު ހަދަން ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި 3، 2022ގައި 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދިނީ ހަތް މަސް ދުވަހެވެ. ނަމަވެސް ކުރިން ކަނޑައެޅި ތާރީހަށް މަސައްކަތް ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަމީނީ މަގުގެ މަސައްކަތް މިހާރު ނިމޭނެ ކަމަށް ބެލެވެނީ މިއަހަރުގެ ސެޕްޓެމްބަރުގަ އެވެ.

އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގު ބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މަޝްރޫއުގައި ހިމެނެ އެވެ. އަދި އަމީނީ މަގު ހަދާނީ އެ މަގުގައި މިހާރުވެސް ހުރި ފެހިކަން ނުގެއްލޭ ގޮތަށް ކަމަށް އާރްޑީސީން ބުންޏެވެ.