ވާހަކަ

މިލްކުވާނެބާ

(3 ސެޕްޓެމްބަރ 2024 އާ ގުޅޭ )

"އަހަރެންގެ ދަރިފުޅު ބޭނުން. ޕްލީޒް." މޭޒުމަތީ އޮތް ރާހިންގެ ވައަތްތިލައިގައި މާޔާ ދެއަތުން ހިފާ ބާރުކޮށްލި އެވެ.

"މާޔާ ބޭނުމީ ކަސްޓެޑީތަ؟. އެހެންވިއްޔާ އަހަރެން ބުނާ ކަންތައްތަކާ އެއްބަސްވާން ކެރޭނެތަ؟." ފަސްޖެހުމެއްނެތި ރާހިން ބުނެލި އެވެ.

މާޔާއަށް ތުންފިއްތާލެވުނެވެ. އޭނާގެ އަތުގައި އެއްކުރެވިފައި ހުރި ފައިސާ އެބަހުއްޓެވެ. އެހެންނަމަވެސް އިޒީކިއަލްގެ އަތުގައި ބާރު އެބައޮތެވެ. ފައިސާއިން އެކަނި މާޔާއަށް އިޒީކިއަލްގެ ކައިރިން ކުރިޔެއް ނުލިބޭނެ އެވެ. ރާހިން ބުނިހެން އިޒީކިއަލް މިހާ ދުވަހު ހައިކްގެ ހަޤީޤަތް މާޔާއަށް އޮތީ ސިއްރުކޮށްފަ އެވެ. ފަސް އަހަރު ފަހުން އިޒީކިއަލްއާ ދިމާވުމުން ވެސް އޭނާ އެކި ފަހަރު މަތިން މާޔާއާ ގާތްކަން ބާއްވާފައިވާއިރު އެއްފަހަރު ވެސް އެ މީހުންނަށް ލިބުނު ދަރިފުޅު މަރުނުވެ ދުނިޔޭގައި ހުރިކަމެއް ނުބުނެ އެވެ. އެ ވާހަކަ ބުނާނޭ ކިތަންމެ ފުރުޞަތެއް އިޒީކިއަލް ލިބުނުކަން ޚުދު މާޔާގެ ޟަމީރު ވެސް އެއްބަސްވެ އެވެ. އިޒީކިއަލް ކަހަލަ މީހަކާ އެއް ހަމައެއްގައި ހުރެ ރައްދުދޭނަމަ އެކަންވާނެ މީހަކީ ރާހިންކަން މާޔާއަށް އެނގެ އެވެ.

"ވާހަކަދައްކައިގެން މިކަން ހައްލުނުވާނެތަ؟." ވިސްނަން އިނދެފައި މާޔާއަށް ބުނެވުނެވެ.

"އިޒީކިއަލްއާ ވާހަކަދައްކައިގެން... މާޔާ ތިއުޅެނީ ދަރިފުޅަށް ޓަކައި އޭނާގެ ކައިރިޔަށް ދާންތަ؟. އެހެންތަ ތި ވިސްނަނީ؟. އަނެއްކާ ވެސް އޭނާގެ ފައިފުއްސެއްހެން ގޮސް އުޅޭންތަ ބޭނުންވަނީ؟." ރާހިންގެ އަޑުގައި ރަހުމެއްނެތެވެ. މާޔާއާ މެދު މިފަހަރު އެ ހިތުގައި ހަމްދަރުދީއެއް ނުވާ ކަހަލަ އެވެ.

"ޔޫ ހެލްޕްޑް މީ އަ ލޮޓް. އަހަރެން އެކަން އެޕްރިޝިއޭޓް ކުރަން... ރާހިންއާ ދިމާނުވިނަމަ އަހަރެން އެ ހިތާމަތަކުން އަރައި ނުގަނެވުނީސް. އެކަމަށް އަބަދުވެސް އަހަރެން ޝުކުރުވެރިވަން... އެންމެން އެއްގޮތެއް ނުވާނޭކަން. ރަނގަޅު ރަޙުމަތްތެރިއަކު އަހަރެންނަށް ލިބުނު. އަލުން އެނބުރި މުޖުތަމަޢުގެ ތެރެއަށް އަހަރެން ނެރެދިނީ ރާހިން." މާޔާގެ ތުންފަތުގައި ރާހިން ކަނާއަތްތިލަ ޖައްސާލައި އޭނާގެ ވާހަކަ ހުއްޓުވި އެވެ. އަދި މާޔާއާ ކައިރިޔަށް ގޮނޑި ދަމާލައި އޭނާގެ ދެ އަތްތިލައިގައި ރާހިން ހިފާލަމުން ހަތަރުކަޅި ހަމަކޮށްލި އެވެ.

"މާޔާ... އައި ލަވް ޔޫ. ޑޯންޓް ޔޫ ސީ އިޓް." ރާހިންގެ އަޑު މަޑެވެ. އެހެންނަމަވެސް އޭނާގެ ކެތްތެރިކަން ކޮޅުންލަނީކަން އެ އަޑުން ހާމަވެ އެވެ.

"އާފްޓަރ ނޯއިންގް ދިސް... ހައު ކުޑް އައި. ހީޒް މައި ބޭބީ." އިސްއޮބާލަމުން މާޔާއަށް ވެސް ބުނެވުނީ ވައި އަޑުންނެވެ.

"މާޔާ. ލުކް އެޓް މީ... ތީ މާޔާކަން ހަނދާންކޮށްބަލަ. މިޔާއެއްނޫން... ފަސް އަހަރު ތެރޭ މިޔާ މަރާލާފައި މާޔާ އުފަންވީ. މިޔާއާއެކު އޭނާގެ ހިތްދަތި ދިރިއުޅުން ވެސް ނިމިގެންދިޔައީއޭ ބުނީމެންނު. ދެން ދުވަހަކުވެސް އެ ދިރިއުޅުމުގެ ތެރެއަށް އެނބުރިދާކަށް ބޭނުމެއްނޫނޭ ބުނީމެންނު." މާޒީގެ ތެރެއިން ހަނދާންކޮށްދެމުން ރާހިން ބުންޏެވެ.

"ރާހިންއަށް ރަނގަޅަށް އެނގޭނެ އޭރު އަހަރެން ހުރި ހާލު. އައި ޑޯންޓް ވޯންޓު ލިވް އެނީމޯ... ރާހިން ޕްލީޒް... ޕްލީޒް ޓްރައި ޓު އަންޑަސްޓޭންޑް. އަހަރެންގެ އަމިއްލަ ފެމެލީއެއް މިހާރަކުނެތް. އެ ދަރިފުޅު ވެސް ދޫކޮށްލަންވީތަ؟. އެހެން އަންހެނަކަށް އަހަރެންގެ ދަރިފުޅު ބަލަން ހަވާލު ކުރަންވީތަ؟. އަހަރެންނަށް މަންމާއޭ ކިޔާ ގޮވާލާނޭ ފުރުޞަތު ވެސް އެ ދަރިފުޅަށް ނުދޭންވީތަ؟... ބުނެބަލަ ރާހިން." މާޔާގެ ކޯތާފަތް ކަރުނުން ތެމުނެވެ. އޭނާ އެއްގޮތަކަށް ވެސް ރާހިންނާ ދެބަސްވާކަށް ނޭދެ އެވެ.

"މާޔާ. ލިސެން ޓު މީ. މާޔާއަށް ދެރަގޮތެއްވާން އަހަރެން ބޭނުމެއްނުވާނޭކަން ޤަބޫލުކުރަންތަ؟." ރާހިން އަހާލި އެވެ. އެއާއެކު މާޔާ ނުހަނު އަވަހަށް އެއްބަސްވަމުން ބޯޖަހާލި އެވެ. އޭނާގެ ކޯތާފަތުން ރާހިން ކަރުނަތައް ފުހެލަ ދިނެވެ.

"މާޔާއާއެކު މާޔާގެ ދަރިއެއް އަހަރެން ބަލައިގަންނަން ތައްޔާރު. ބަޓް އައިމް ގޮއިން ޓު ބީ ސެލްފިޝް ދިސް ޓައިމް. ކޮންމެ ގޮތަކުން ވެސް މާޔާގެ ދަރިފުޅު ހޯދާދޭނަން. އެކަމަކު ދަރިފުޅު ގޮވައިގެން މާޔާ ދިރިއުޅެންވާނީ އަހަރެންނާއެކީ. އަހަރެންގެ އަނތްބެއްގެ ގޮތުގައި. ވިލް ޔޫ ޑޫ ދެޓް ފޯ މީ." ރާހިން ބޭނުންވާ ގޮތް ހާމަކުރި އެވެ.

މާޔާ ވިސްނާލި އެވެ. ރާހިންނަށް އޭނާއާއި ހައިކްއަށް ބޭނުންވާ ރައްކާތެރިކަން ދެވިދާނެ އެވެ. އެހެންނަމަވެސް އިޒީކިއަލްގެ އަތުން ދަރިފުޅު އަތުލުމުގެ ކުރީން އޭނާ އިޒީކިއަލްއާ ބައްދަލު ކުރާން ބޭނުމެވެ. ހައިކްގެ ވާހަކަ ކުރީން ނުބުނީ ކީއްވެތޯ އެނގެން މާޔާ ބޭނުންވަނީ އެވެ.

"އަހަރެން އިޒީކިއަލްއާ މީޓުކުރަން ބޭނުން. އޭނާގެ ދުލުހުން ހުރިހާ ހަޤީޤަތެއް ކިޔާދޭތޯ އަދި އެއްފުރުޞަތު ދޭން އަހަރެން ބޭނުން. އޭގެ ފަހުގައި ރާހިންނަށް ޖަވާބެއް ދިނަސް އެންމެ ރަނގަޅުތަ؟." މާޔާ ބޭނުންވާ ގޮތް ހާމަކުރި އެވެ.

"އޭނާ މާޔާގެ ޚިޔާލު ބަދަލުކޮށްލަފާނެ. ދަރިފުޅާ ގޮވައިގެން އޭނާއާއެކު ދިރިއުޅޭން ބުނެފިއްޔާ މާޔާ ކިހިނެއް ހަދާނީ؟." ރާހިން ހާސްވެ ކަންބޮޑުވާ ކަންތައް ދުލުހުން ބޭރުވެއްޖެ އެވެ.

"އައިލް ކަމްބެކް. އޭނާގެ ވާހަކަތަކަކަށް ނުހެއްލޭނަން. ޓްރަސްޓް މީ." މާޔާ ބުންޏެވެ.

"ދިސް އިޒް އަބައުޓް ޔޯ ސަން. އިޒީކިއަލްއާ މީޓު ކުރަންޏާ އަހަރެން މާޔާއާއެކީ ހުންނަން ބޭނުން. ޕްލީޒް ނޫނެކޭ ނުބުނާތި." ރާހިން ބުންޏެވެ. އިތުރަށް ދެކޮޅު ނުހަދަން މާޔާ ވަގުތުން އެއްބަސްވެއްޖެ އެވެ.

"އައި ނީޑް އަ ފޯން. އެ މީހުން އަހަރެންގެ ފޯނު އަތުލީ. ހީވާގޮތުން މޫދަށް އެއްލާލީ. އިޒީކިއަލްއަށް ގުޅާފައި ޓައިމެއް ހަމަޖެހުނީމަ ރާހިން ކައިރީ ބުނާނަން." މާޔާ ބުންޏެވެ.

"އަހަރެން މީޓިން ހަމަޖައްސާނަން." ރާހިން ނިކަން އަވަހަށް ބުންޏެވެ. އެކަމާ ގަޔާނުވިއެއް ކަމަކު މާޔާ އެއްޗެކޭ ނުބުންޏެވެ.

ސައިބުއިމުގެ ޝައުގު ވެސް ރާހިންގެ ގެއްލުނީ އެވެ. އޭނާ މޭޒުދޮށުން ތެދުވުމުން މާޔާ ވެސް ސައިބޮއެ ނިންމާލީކަން ބުނެ މޭޒުމަތިން ތަށިތައް ނަގަން ފެށި އެވެ. ބޭރަށް ގޮސްފައި އަންނާނަން ކަމުގައި ބުނެ ރާހިން އެޕާޓްމެންޓުން ނުކުތެވެ. މާޔާއަށް ކާމޭޒުގައި ދެ އަތް ވިއްދާލުމާއެކު ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލި ފަހުން ހައިކްގެ ވާހަކަ ރާހިން ކައިރީ ދައްކަން އިނީ ކެތްމަދުވެފަ އެވެ. އެހެންނަމަވެސް ރަނގަޅު ވަގުތަކަށް އޭނާ އައީ މަޑުކުރަމުންނެވެ. އެ ވަގުތެއް މާޔާއަކަށް ނުފެނުނެވެ. އެހެންވެ ލޯ މަރާލާފައި ހިތްވަރު ނެރެމުން އަމިއްލަ ހިތުގައިވާ ކަންކަން ރާހިންނާ ޚިއްޟާކުރީ އެވެ. ފިކުރުތަކުގެ ސަބަބުން ވަރުބަލިވެފައިވާ މީހަކު ފަދައިން މާޔާ އަލުން ކާމޭޒުގެ ގޮނޑީގައި އިށީނެވެ. މޭޒުގައި ދެ އުޅަންބޮށި އަޅުވާލުމާއެކު ދެ އަތްތިލައިގެ ތެރޭ މާޔާ މޫނުފޮރުވާލި އެވެ.

"އިޒީކިއަލް." ހިތާހިތުން މާޔާއަށް ކިޔާލެވުނެވެ. އޭނާގެ ލޯ ކުރިމަތިން އިޒީކިއަލްގެ ސޫރަ ސިފަވެގެން ދިޔަ އެވެ.

"ކީއްވެ؟." މާޔާއަށް ސުވާލުކުރެވުނެވެ. ދެ އަތުގެ ތެރެއިން ބޯ ހިއްލާލުމާއެކު އޭނާ ދެފަރާތަށް ބޯ ހުރާންފެށި އެވެ. އިޒީކިއަލްއާ ދިމާވަންދެން ހުރިހާ ސުވާލެއް މަޑުޖައްސާލަން މާޔާގެ އަމިއްލަ ޟަމީރަށް ބާރުއެޅި އެވެ.

އިމާރާތުގެ ތިރީގައި ރާހިން ދެކޮޅަށް ހިނގާލަހިނގާލާ ހުއްޓެވެ. ވާރޭ އޮއްސާލީ އެގޮތަށް އޭނާ ހުއްޓަ އެވެ. އޭނާގެ އަތުގައި ފޯނު އޮތެވެ. އިޒީކިއަލްގެ ނަންބަރަށް ގުޅަން ރާހިން ފަސްޖެހެނީ އެވެ. މާޔާއާއި އިޒީކިއަލް ދިމާވާން ރާހިން ނޭދެނީ އެވެ. އޭނާ އެ ބައްދަލުވުން ހަމަނުޖައްސައިފިއްޔާ މާޔާ އަމިއްލައަށް އެކަން ކުރާން އުޅޭނެކަން ރާހިންއަށް އެނގެ އެވެ. ޗަސްޖަހާލާފައި އޭނާ ފޯނަށް ބަލާލި އެވެ. އިޒީކިއަލްގެ ނަންބަރު ފޯނުގެ އިސްކުރީނުން ހުރީ ފެންނާށެވެ. އޭނާއަށް ޖެހޭނީ އިސްކުރީނުގައި އިނގިލި ޖައްސާލާށެވެ. ވަގުތުން އިޒީކިއަލްގެ ނަންބަރަށް ޑަޔަލްވާނެ އެވެ. އެހެންނަމަވެސް އެގޮތަށް އޭނާ ފޯނު ހިފައިގެން ހުންނަތާ ފަނަރަވަރަކަށް މިނެޓު ފާއިތުވެއްޖެ އެވެ. ކަނާއަތުން ނިތްކުރިއާއެކު އިސްތަށިގަނޑުގައި އަތް ހިންގާލުމަށްފަހު ރާހިން ފުންނޭވާއެއް ދޫކޮށްލި އެވެ. ނިތަށްގިނަވެފައި ހުރި ރުތަކާއެކު އޭނާ ފޯނުގެ އިސްކުރީނަށް އޮބާލައިފި އެވެ.

* * * * *

ހާމަފެންޑާގައި ވިއްސާރަކޯޓު ލައިގެން ވާރޭތެރޭ ސަރިކާއާއި ގޭގެ ގެންގުޅޭ ކުއްޖަކާއެކު ސަކަރާތްޖަހަމުން ހައިކް ދުވާތަން ބަލަން އިޒީކިއަލް ހުއްޓެވެ. އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއްވިއެއް ކަމަކު އެ ދެ ލޮލުގައިވަނީ ވަރުބަލިކަމެވެ. ފޮރުވަމުން އައީ އޭނާގެ ހިތުގައި އަޅަމުންދާ ވޭނެ އެވެ. އޭނާ ކުއްލިއަކަށް ސިހުނީ ފަހަތުން މީހަކު އައިސް ކޮނޑުގައި ޖަހާލީމާ އެވެ.

"ޒާހިލް." އެނބުރި ބަލާލުމާއެކު އިޒީކިއަލް ގޮވާލި އެވެ.

"ހައިކް އޯކޭހެން ހީވޭ." ޒާހިލަށް ކުޅޭން އުޅޭ ހައިކް ފެނުމުން ބުނެލި އެވެ.

"ރަނގަޅު. އެކަމަކު ކައުންސެލިންނަށް ގެންދަން... ކަމަކުތަ ތިއައީ." އިޒީކިއަލް ވާހަކަދެއްކި އެވެ.

"ހިނގާބަލަ. މިހާ ފިނިއިރު ހޫނު ކޮފީއަކާއެކީ ވާހަކަދެއްކޭނީ." ޒާހިލް ބުންޏެވެ.

ކޮފީމެޝިނުން ތައްޔާރުކޮށްގެން ހޫނު ދެ ކޮފީޖޯޑު ހިފައިގެން އައިސް އިޒީކިއަލް އިށީނީ ބަދިގޭ އައިލެންޑް ދޮށުގަ އެވެ. ޒާހިލް ފުރަތަމަ ޝަކުވާކުރަން ފެށީ އެވެ. ފައިނާނަށް މާޔާވީތަނެއް ނޭނގިގެން އުޅޭތީ އެވެ.

"މިޔާ މެރީކުރަން އުޅޭ ކަހަލަ ވާހަކައެއް ފައިނާނު ކައިރީ ބުނިތަ؟." އިޒީކިއަލް އަހާލި އެވެ.

"ނުބުނޭ. އޭނާ ބްލޭމްކުރަނީ އިޒީކިއަލްއަށް. ޕްރޮޖެކްޓް ކަންތަކާ އުޅެނިކޮށް ހިނގި ސްކޭންޑަލްއާ ހެދި. އިޒީކިއަލްއާއި މާޔާއާ އޮތީ ކޮންކަހަލަ ގުޅުމެއްކަން ވެސް ފަންނައަށް ނޭނގޭ. އަހަރެން ހީކުރީ މާޔާ ބުނެފަކަމަށް އޮންނާނީ." ޒާހިލް ބުންޏެވެ.

"ޒާހިލް. ގިވް މީ އަ ގުޑް ނިއުސް." ބޮލުގައި ރިއްސައިގަނެފައިވާހެން ނިތްކުރީގައި ފިރުމާލަމުން އިޒީކިއަލްއަށް ބުނެވުނެވެ.

"ވެލް... ސޫޒަންގެ މައްސަލަ ބަލަންފަށައިފި. އެގޮލާ ރިސޯޓުގައި އޮއްވާ ނެގީ. އަފްރާހުގެ އެކައުންޓްތައް ފްރީޒްކޮށްފި. ޖަލު ހުކުމެއް އަންނާނޭކަމަށް ވަނީ. ރަނގަޅެއްނު. އަވަހަކަށް ސަލާމަތެއްނުވާނެ. ގޮޅިން ނުކުތަސް އޭނާއަށް ދެނެއް ސަލާމަތެއް ނުވެވޭނެ." ޒާހިލް ބުންޏެވެ.

"އަހަރެންނަށް ހެޔޮ އޭނާއަށް ކޮންމެގޮތެއް ވިޔަސް. އޭނާ ރަނގަޅުވެގެން ދައްކަން އެއްބަސްވީ ޑަކްޓަރަކީ ވެސް ފޭކް ޑަކްޓަރެއް. ފޯލްސް ރިޕޯޓްތަކެއް މިހާ ދުވަހު އޭނާ ހައްދަމުން އައީ. އެކޮޅުން އަންނަންވީއިރު އޭނާ ހުރީ ރަނގަޅުވާން ފަށާފައި. އެކަމަކު އޭނާ އުޅުނީ ބަލިކަމަށް ހެދިގެން. އަހަރެންގެ ސަމާލުކަން ބޮޑަށް ހޯދޭނެ ގޮތަކީ އެއީކަމަށް އޭނާ ދުށީ... އަހަރެން ވެސް ގަމާރީ. ނޫންތަ؟... ރަނގަޅު އަންހެނަކު ލިބުނީމާ ވެސް އެވަރު ނޭނގުނު އަހަރެންނަށް." އިޒީކިއަލްގެ އެންމެ ޖުމްލަ ގުޅިގެން ދިޔައީ މިޔާއާކަން ޒާހިލް ވެސް ދެނަހުއްޓެވެ.

"މިސްޓޭކްސް ނެހެދޭ މީހަކު ނުހުންނާނެ. ލުކް އެޓް މީ... އަހަރެން ފަންނައާ މެރީ ކީއްވެކަން އެނގެއެއްނު. ބިލީވް މީ ނައު... އަހަރެންގެ އެ އަނބިމީހާއަށް ޓަކައި މިހާރު ނުކޮށްދޭނެކަމެއް ނޯންނާނެ. ޝީޒް އަ ގުޑް ވުމެން. ކޮންއިރަކުކަމެއް ނޭނގެ. އައި ރިއަލީ ލަވް ހާ." ޒާހިލް ބުނެލީ ފަހުރުވެރިކަމާއެކު އެވެ.

"އައި ވޯންޓް ހާ ބެކް." މޫނުގައި ދެ އަތް އަޅައިލައިގެން އިޒީކިއަލް ބުންޏެވެ. އެހިނދު އޭނާގެ ކޮނޑުގައި ޒާހިލް މަޑުމަޑުން ޖަހާލީ ހިތްވަރުކުރާށޭ ބުނާ ފަދައިންނެވެ. އިޒީކިއަލްގެ ފޯނު ރިންގުވާން ފެށީ އެވަގުތެވެ.

"މީނަ ކީއްކުރަން މިގުޅަނީ." ފޯނަށް ބަލާލާފައި ފޫހިކަމާއެކު އިޒީކިއަލްއަށް ބުނެވުނެވެ. ފޯނުގެ އިސްކުރީނުގައި އޮތީ ރާހިންގެ ނަމެވެ. އިޒީކިއަލްގެ އަތުން ފޯނު އަތުލައި ޒާހިލް އެ ކޯލަށް ޖަވާބުދިނެވެ.

"ބްރޯ. އަވަހަށް ރެޑީވޭ... މީ ތި ބޭނުންވެގެން އުޅޭ ޗާންސް. ފުރައިގެން ދިއުމުގެ ކުރީން މާޔާ ފަހު ފަހަރަށް މީޓުކޮށްލަން ބޭނުންވެގެން އެ ގުޅީ." ފުޅާ ހިނިތުންވުމަކާއެކު ޒާހިލް ވާހަކަދެއްކި އެވެ. އިޒީކިއަލް ވަގުތުން ފޯނު އަތުލައިފި އެވެ.

"މިޔާތަ ވާހަކަދެއްކީ. އަހަރެން އަތަށް ދިންނަމަ." ފޯނަށް ބަލާލަމުން އިޒީކިއަލް ވާހަކަދެއްކި އެވެ.

"ރާހިން ވާހަކަދެއްކީ." ޒާހިލް ބުންޏެވެ.

"މަންމައަށް އެނގޭކަށް ބޭނުމެއްނޫން. ހުޅުމާލޭގައި މީޓުކުރާނީ. އަހަރެންނަށް އެނގޭ މިޔާ މީޓުކުރަން ބޭނުންވަނީ ކީއްވެކަން. މިފަހަރު އަހަރެން ބުނާނަން... ހުރިހާ ވާހަކައެއް ކިޔައިދޭނަން. ތެދަށް ކިޔައިދޭނަން." އިޒީކިއަލް މޫނުމަތިން ދިރުން ފެނިގެން ދިޔަ އެވެ. އޭނާގެ ކަނިވަމުން ދިޔަ އުންމީދު އާވެއްޖެކަން ގައިމެވެ.

"ގުޑް. ޑޯންޓް ހޯލްޑް ބެކް. ޖަސްޓް ޓެލް ހާ ހައު ޔޫ ޓްރޫލީ ފީލް... ވިން ހާ ބެކް ބްރޯ. އެކަމަކު ރާހިން އޮތީ މީޓުވާނޭ ތަނަކާއި ޓައިމް ކަނޑައަޅާފައި." ޒާހިލް ބުންޏެވެ.

"މިޔާއާ ބައްދަލުވަންޏާ އެގޮތް ވެސް އޯކޭ." އިޒީކިއަލް އަވަސްއަވަހަށް ބުނެލި އެވެ.

"މިރޭ ނުވައެއް ޖަހާއިރަށް. ހުޅުމާލޭގައި ހުންނަ މާޔާ ދިރިއުޅޭ އެޕާޓްމެންޓަށް އަންނަން ބުނީ." ފަރުވާތެރި ބެލުމަކުން އިޒީކިއަލްއަށް ބަލަން އިނދެ ޒާހިލް ބުންޏެވެ.

* * * * *

ރާހިން ދިން ޚަބަރާއެކު މާޔާގެ ހިތުގެ ތެޅުން އަވަސްވަމުން އައެވެ. އިޒީކިއަލްގެ ކުރިމައްޗަށް އެރުމުން އޭނާގެ ޖަޒުބާތުތައް ހަމައިން ނެއްޓިދާނެތީ މާޔާއަށް ވިސްނެމުންދިޔަ އެވެ. ހައިކްގެ ވާހަކަ ނެގުމުން އިޒީކިއަލްގެ ފުށުން ފެންނާނީ ކޮންކަހަލަ އަސަރުތަކެއްކަމެއް ޚުދު މާޔާއަށް ވެސް ލަފާކޮށްލަން ނޭނގެ އެވެ.

"މާދަމާ މާޔާގެ ޖަވާބެއް އަހަރެންނަށް ލިބޭނެކަމަށް އުންމީދު މިކުރަނީ." ފިކުރުތަކަށް ގެއްލިފައި ސޯފާގައިން އިން މާޔާގެ ކައިރީ އިށީންނަމުން ރާހިން ބުންޏެވެ. އެއާއެކު މާޔާ ބޯޖަހާލައިފި އެވެ.

"މާޔާ ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް މިރޭ ދައްކަންވާނެ. ދަރިފުޅު މާޔާއަށް ދޭން ދެކޮޅު ހަދައިފިނަމަ ދެން ބައްދަލުވާނީ ކޯޓުންކަން ބުނާތި." ރާހިން ބުންޏެވެ.

ރާހިންގެ ވާހަކައަށް މާޔާ ވަކި އެއްޗެއް ނުބުނީ އެ ހިސާބަށް ކަންތައް ގެންދަން ހަޤީޤަތުގައި އޭނާ ބޭނުންނުވާތީ އެވެ. މާޔާ އެއްޗެއް ނުބުނުމުން ރާހިންގެ ޚިޔާލު ހުރިގޮތް އޭނާ ފާޅުކުރަމުން ދިޔަ އެވެ. އޭނާ ގަސްދުކުރަނީ ފުރަތަމަ މާޔާ ގޮވައިގެން ޢާއިލާގެ ކައިރިޔަށް ފުރައިގެން ދާށެވެ. ކައިވެންޏަށް ރަންކިޔުމަށްފަހު އެނބުރި އައިސް ހައިކް ހޯދާނީކަމުގައި ރާހިން ބުންޏެވެ. އަދި ކައިވެނި ކުރުމަށްފަހު އެމީހުން ދިރިއުޅޭނީ ރާއްޖޭން ބޭރުގައިކަން ރާހިން ބުންޏެވެ. ބައްޕައާއެކު ޢާއިލާގެ ވިޔަފާރިތައް ބެލެހެއްޓުމުގައި އުޅޭ ރާހިންގެ ދިރިއުޅުން އޮތީ ރާއްޖޭން ބޭރުގައި ކަމަށްވީމަ އެވެ. އެ ޚިޔާލުތަކުން މާޔާގެ ހިތަށް ހަމަޖެހުމެއް ނުލިބެ އެވެ. އެހެންނަމަވެސް އޭނާ އެކަމެއް ރާހިންނަށް ނުދައްކަ އެވެ.

* * * * *

ހުޅުވުނު ލިފްޓުން އިޒީކިއަލްއާއެކު ޒާހިލް ވެސް ނުކުތެވެ. ދެ ޒުވާނުން އައިސް ހުއްޓިލީ ހުޅުމާލޭގައި މާޔާ ދިރިއުޅޭ އެޕާޓްމެންޓްގެ ދޮރުމަތީ އެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލުމަށްފަހު އިޒީކިއަލް އެޕާޓްމެންޓުގެ ބެލް އަޅާލި އެވެ. އެއާއެކު ދޮރުހުޅުވާލީ ރާހިންނެވެ. ބަހެއްނުކިޔާ އިޒީކިއަލްއާއި ޒާހިލް އެތެރެއަށް ވަންނަން ރާހިން ތަންދެއްކި އެވެ. ގޭތެރެއަށް އަޅާލި ފިޔަވަޅާއެކު އިޒީކިއަލްއަށް ސޯފާ ކައިރީ ކޮޅަށް ހުރި މާޔާ ފެނިއްޖެ އެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ހިނދު ދެ މީހުންނަށް ހިންދިރުވާލެވުނީ ހިތްއަވަސްވީލެއް ބޮޑުކަމުންނެވެ.

(ނުނިމޭ)