މޯލްޑިވްސް އިމިގްރޭޝަން

ވަގު ޕާސްޕޯޓުގައި ގިނަ އަދަދެއްގެ ޑޮލަރު ބޭރުކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި

ޕާސްޕޯޓުން ނަން އޮޅުވާލައިގެން، ގިނަ އަދަދެއްގެ ޑޮލަރު ރާއްޖޭން ބޭރުކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހަކީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ މަނީ ލޯންޑްރިންގެ ތުހުމަތެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފަ އެވެ.

މި މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާއަކީ ވަރަށް ގިނައިން ރާއްޖެއަށް އައިސް، ޖެހިގެން އަންނަ ދުވަހު ފުރައިގެންދާ މީހެކެވެ.

އޭނާ މި ފަހަރު ހިފެހެއްޓީ ކަސްޓަމްސް އޮފިސަރުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ގިނަ އަދަދެއްގެ ޑޮލަރު އޭނާ ބޭރުކުރަން މަސައްކަތް ކުރިނަމަވެސް އެއީ ކިހާ ޑޮލަރެއް ކަމެއް ނޭނގެ އެވެ.

މި މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ޕާސްޕޯޓުން އޭނާގެ ނަން ވަނީ ބަދަލުކޮށްފަ އެވެ. ބަންދު އަމުރުގައިވާ އޭނާގެ ނަމަކީ އަބްދުލް ރަގޫބު ނިސްތާރު ހަލީމް ރަހްމާން އެވެ.

މަނީ ލޯންޑްރިންގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައިވާއިރު 80،000 އެއްހާ ޑޮލަރު ރާއްޖޭން ބޭރަށް ގެންދަން މަސައްކަތް ކުރި ބަންގްލަދޭޝް މީހަކުވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ މައްޗަށްވެސް ފުލުހުން ކުރާ ތުހުމަތަކީ މަނީ ލޯންޑްރިންގެ ތުހުމަތެވެ.