މޯލްޑިވްސް ޕޮލިސް ސާވިސް

ގޭންގުތަކުގެ ކިބައިން މުޖުތަމައު ސަލާމަތްކުރާނަން: ޝުޖާއު

މަސްތުވާތަކެއްޗާއި ކުށްކުރާ ގުރޫޕުތަކުގެ ކިބައިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ވަށާޖެހޭ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ޝުޖާއު ވިދާޅުވީ މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް މޯލްޑިވްސް ކަސްޓަމްސްއާ އެކު މިހާރަށް ވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރާނެ ކަމަށެެވެ. އެކަމުގެ ނަތީޖާ އަކަށް ވެގެންދާނީ ރާއްޖެއާއި އަތޮޅުތަކަށް އެތެރެކުރާ މަސްތުވާތަކެތި ބޭނުންކުރާ މީހުން އަތުލައިގަނެވި ނެޝަނަލް ޑްރަގް އެޖެންސީއާ ކޮންމެހެން ހަވާލުކުރަންޖެހޭ މީހުން ހަވާލުކުރެވިގެން ދާނެ ކަމަށެވެ.

"މަސްތުވާތަކެތި އެތެރެކޮށް ވިއްކައި އެ ބޭނުންކުރާ ބިދޭސީންގެ ކަންކަން ޑްރަގް އެޖެންސީ އިން ނިންމުމުން މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ބިދޭސީންނާ މެދު ފިޔަވަޅު އަޅާނަން،" ޝުޖާއު ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ޑްރަގު ނެޓްވޯކްތަކުގެ ބޮޑުންނާ މިކަމުން ނަފާ ލިބޭ އެންމެން ހޯދުމުގައި ފުލުހުން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ވަރަށް ސާބިތުކަމާއެކު ކުރާނެ ކަމަށެވެ. އަދި މީހުން އުޅޭ އަތޮޅުތަކުގެ ރަށްތަކަށް ބަނގުރާ އެތެރެކުރާ ސަފާރީތައް ހޯދައި އެކަން ހުއްޓުވުމުގެ މަސައްކަތްވެސް ކުރާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ މާލެ ސަރަހައްދާއި ބޮޑެތި ސިޓީތަކުގައި ކުށްކުރާ މީހުންގެ އުދަނގުލާ ހެދި ބިރުވެރިކަން އަބަދުވެސް އޮންނަ ކަމަށެވެ. އެހެންވެ އެ ބިރުވެރިކަން ފިލުވާލުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ސީޕީ ވިދާޅުވީ ގުރޫޕުތައް ރެކްރޫޓް ކުރުމާއި ހާއްސަކޮށް 18 އަހަރުން ދަށުގެ ކުދިން ގްރޫޕުތަކަށް ވައްދާ މައްސަލަތައް އަބަދުވެސް ފުލުހުންނަށް ހުށަހަޅާ ކަމަށެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް އެމީހުންނަށް އަމާޒުކޮށްގެން ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރެވިގެން ދާނެ ކަމުގައިވެސް ވިދާޅުވި އެވެ

"މި ގްރޫޕްތަކުގައި އުޅޭ ކުޑަކުދިން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން ނަގައި އެ ޑިޕާޓްމެންޓުގެ ބެލުމުގެ ދަށުން ރިހިބިލިޓޭޓް ކުރުމަށް މަޝްވަރާ ކުރެވެމުންދަނީ،" ޝުޖާއު ވިދާޅުވި އެވެ.

މިފަދަ މައްސަލަތައް ހައްލުކުރުމަކީ ކުރިންވެސް ވަރަށް ރަނގަޅަށް ރާވައިގެން ކުރިއަށް ގެންގޮސްފައިވާ ކަންތައްތަކެއް ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އެހެންވިޔަސް ރައްޔިތުން ބޭނުންވާ ކަހަލަ ފުރިހަމަ ނަތީޖާއެއް ލިބިފައި ނެތްކަން ސީޕީ ފާހަގަކުރެއްވި އެވެ.