އެންއައިސީ

އިދާރާތަކުގެ އެއްބާރުލުން ނުލިބި އެންއައިސީގެ ތަހުގީގުތައް ލަސްވަނީ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ތަހުގީގުތަކަށް ކަމާގުޅޭ އިދާރާތަކުން ފުރިހަމަ އެއްބާރުލުން ދެމުން ނުދާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި އެންއައިސީގެ 2015 - 2021ގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ވަނީ އެންއައިސީގެ ތަހުގީގުތަކަށް ދިގު މުއްދަތެއް ހިނގާފައިވާކަން ފާހަގަކޮށްފަ އެވެ.

އެގޮތުން 2015 އިން 2021 އަށް އެންއައިސީގައި ރަޖިސްޓްރީކޮށްފައިވާ 937 މައްސަލައިގެ ތެރެއިން 774 މައްސަލަ ނިމިފައިވާއިރު އެއް އަހަރު ތެރޭގައި 330 ކޭސް އަދި ދެ އަހަރު ތެރޭ އިތުރު 211 ކޭހުގެ ތަހުގީގު ފުރިހަމަވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ބާކީ 233 މައްސަލަ ނިންމުމަށް ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ހިނގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

މައްސަލަތައް ނިންމުމަށް ދިގު މުއްދަތެއް ހޭދަވުމަށް މެދުވެރިވާ ސަބަބުތައް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ކަމާގުޅޭ އިދާރާތަކުން ފުރިހަމަ ހެއްކާއި ގަރީނާ ހިއްސާ ނުކުރުމާއި އެންމެ ފުރިހަމަ މައުލޫމާތު ފޯރުކޮށްނުދިނުމާއި މައުލޫމާތު ފޯރުކޮށްނުދީ ހިފެހެއްޓުން ހިމެނެ އެވެ.

މީގެ އިތުރުން މައްސަލަތައް ވަަންކުރެވި އިސްކަންދޭންވީ ތަރުތީބު ކަނޑައެޅިފައިނުވާ ކަމަށާއި އިންވެސްޓިގޭޓަރުންގެ އަތުގައި ގިނަ އަދަދެއްގެ ކޭސްތައް ހުންނަ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. އަދި ފުރިހަމަ ތަހުގީގު ކުރުމަށް ކޮމިޝަނުން ނިންމުމަށްފަހު ދިގު މުއްދަތެއް ހޭދަވާ ފަހުން އިންވެސްޓިގޭޓަރާ ހަވާލުކުރެވުމާއި އިންވެސްޓިގޭޓަރާ ހަވާލުކުރުމަށްފަހު ތަހުގީގު ނުފެށި ލަސްވުމާއި ތަހުގީގަށް ބޭނުންވާ ހެއްކާއި ބަޔާޏް ލިބުމަށްފަހު ތަހުގީގު ރިޕޯޓް ތައްޔާރު ނުކުރެވި ލަސްވުން ހިމެނެ އެވެ.

އެންއައިސީއަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަހުސެކެވެ.

އެންއައިސީގެ ގާނޫނު ހިނގާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ކަސްޓަމްސް ސަވިސް، ދިވެހި ފުލުހުންގެ މުއައްސަސާ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަން އެވެ.

ކޮމިޝަނުގެ ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފަކު ގާނޫނާއި ގަވާޢިދާ ހިލާފަށް ކުރި ޢަމަލުތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފަކު ތަބާވާންޖެހޭ އުސޫލުތަކާ ހިލާފަށް ކުރާ ކަންކަން އެންއައިސީ އިން ތަހުގީގު ކުރެ އެވެ.