ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަކީ ގާނޫނު ތަންފީޒު ކުރާ ހަތަރު އިދާރާއެއްގެ ހިންގުން ހަރުދަނާ ކުރުމަށް އުފެއްދެވި މިނިވަން ކޮމިޝަނެކެވެ. އެގޮތުން ޕޮލިސް، ކަސްޓަމްސް، ކަރެކްޝަންސް އަދި އިމިގްރޭޝަނާ ގުޅޭ މައްސަލަތައް ބެލުމަށް އުސޫލުތައް ކަނޑައެޅުމަކީ އެންއައިސީގެ ކަމެކެވެ. އެ އިދާރާތަކާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އެޅުމާ ބެހޭ ކަންކަން ތަންފީޒު ކުރުމަށް ބާރު ދީފައިވަނީ ވެސް އެންއައިސީ އަށެވެ. އެތަނުގެ މެމްބަރުންގެ ސުލޫކީ ހަމަތަކާއި ކޮމިޝަން ހިނގާނެ ގޮތުގެ އުސޫލުތަކާއި ކޮމިޝަނުގެ ވާޖިބުތައް ވެސް ގާނޫނުގައި ސާފުކޮށް ލިޔެފައި އެބައޮތެވެ. މީގެއިތުރުން އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ވެސް ކޮމިޝަނަށް ދީފައިވެ އެވެ.
މިހުރިހާ ބާރުތަކާ އެކު ވެސް އެންއައިސީ އަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމުގެ ޝަކުވާ ބޮޑެވެ. ކޮމިޝަންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތެވެ.
އެންއައިސީގެ ރައީސް ގާސިމް އަބްދުލްކަރީމް އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި ކަންތައްތަކެއް އިސްލާހުކޮށް، ހަރުދަނާ ކުރަންޖެހޭ ކަމަށް ގަބޫލުކުރެއްވި އެވެ. ގާސިމްގެ އެންމެ ބޮޑު ޝަކުވާ އަކީ ބޭނުންވާ ގޮތަށް އަދި ބޭނުންވާ އަދަދަށް ޕްރޮފެޝަނަލް މުވައްޒަފުން ނުލިބުމެވެ. ކޮވިޑާ ގުޅިގެން ބަޖެޓް ލިބުމުގައި ހުރި ދަތިތަކާއި، މަސައްކަތް ކުރަންޖެހޭ އިމާރާތުގެ ހާލަތު ހުރި ގޮތުން ވެސް ގާސިމްގެ ޝަކުވާ އެބަހުއްޓެވެ.
"އަޅުގަނޑުމެން އެބަ ބޭނުންވޭ ކަމަށް ގާބިލް އިންވެސްޓިގޭޓަރުން. އަޅުގަނޑުމެންގެ ތެރޭގައި ތިބީ ހަތް ލޯޔަރުން. ލޯޔަރުންނަކީ މުޅި އަކުން އިންވެސްޓިގޭޓަރުންނެއް ނޫން. އިންވެސްޓިގޭޓަރުންނަކީ އެކަމަށް ތަމްރީން ވެގެން ތަހުގީގުތައް ކުރުމުގައި ވަރަށް ގާބިލްވާން ޖެހޭ ބޭފުޅުން. އެއީ މައިގަނޑު ގޮންޖެހުމެއް،" ގާސިމްގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި އެވެ.
އެންއައިސީއަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ޖިނާއީ ތަހުގީގުތަކެއް ކުރިއަށް ގެންދަންޖެހޭ މައްސަލަތައް ހުރެ އެވެ. އެކަމަކު އެފަދަ މައްސަލަތައް ތަހުގީގުކުރުމަށް ކޮމިޝަންގައި އެކަށީގެންވާ ވަސީލަތްތަކެއް ނެތެވެ. އެހެންވެ ބައެއް މައްސަލަތަކުގައި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހާއި ކަމާ ގުޅޭ އެހެން ބައެއް އިދާރާތަކުގެ އެހީތެރިކަން ހޯދަން މަޖުބޫރުވެ އެވެ. އެފަދަ މަޖުބޫރު ތަކެއްގެ ސަބަބުން ވެސް މައްސަލަތައް އަވަހަށް ނިންމުމުގައި ލަސްތަކެއް ހުރި ކަމަށް ގާސިމް އެއްބަސްވެވަޑައިގަތެވެ.
އެކަމަކު ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުން މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މައްސަލަތައް އަވަސް ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވިދާޅުވި އެވެ. އޭރު 400 އަށް ވުރެ ގިނަ މައްސަލަ ނުނިމި އޮތް ކަން ފާހަގަވެސް ކުރެއްވި އެވެ. އޭގެތެރެއިން 164 މައްސަލަ މިހާރު ތިއްބެވި މެންބަރުންނާއި މުވައްޒަފުންގެ މަސައްކަތުން ނިންމާލުމަކީ ކާމިޔާބެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އެކަމަކު 307 މައްސަލަ އަދިވެސް ނުނިމި ބެކްލޮގް އެބައޮތެވެ. ކޮމިޝަންގައި ކުރިން ތިއްބެވި މެންބަރުންގެ ދުވަސްވަރަކީ މާޒީ އެވެ. އެހެންވެ މާޒީ ނަންގަވައިގެން އެކަމުގެ ތެރޭގައި ކޮމިޝަން ހުއްޓިފައި އޮތުމަށް ގާސިމް ބޭނުންފުޅެއް ނުވެ އެވެ. އެކަމަކު ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން ނަގަންޖެހޭ ޒިންމާއެއް ނަންގަވާނެ ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަވާލުވުމަށްފަހު ދެން ވާނެ ގޮތަކީ އެ ޒިންމާ [މާޒީގައި ހިނގާދިޔަ ކަންކަން] އަންނާނީ ހަމަ އަޅުގަނޑުމެންނަށް ކަމަށް ގަބޫލުކުރަން. އެކަމެއް ހައްލު ނުވެއްޖިއްޔާ އެ އިންނާނީ އަޅުގަނޑުމެންގެ އިހްމާލަކަށް ވެފައި. އެއީ މިވަގުތު މިތަނުގައި މެންބަރުންގެ ގޮތުގައި މިތިބީ އަޅުގަނޑުމެން ކަމަށްވާތީ،" ޒިންމާ ނަންގަވަން ޖެހިލުން ނުވާނެ ކަން ހާމަކުރައްވަމުން ވިދާޅުވި އެވެ.
ގާސިމް ވިދާޅުވާ ގޮތުގައި ތަންފީޒީ އީދާރާތަކުގެ ބައެއް މުވައްޒަފުން ކަމާ ގުޅޭ ގާނޫނުތަކަށް އަހުލުވެރިވެފައެއް ނެތެވެ. އެހެންވެ އެންއައިސީން ދަނީ އެ އިދާރާތަކާ ގުޅިގެން ގާނޫނުތަކާއި ގަވައިދުތަކަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމުތަކެއް ހިންގަން ތައްޔާރުވަމުންނެވެ. އެ މަސައްކަތް ކޮމިޝަންގެ މުވައްޒަފުންގެ މެދުގައިވެސް ހިނގަމުން އެބަދެ އެވެ.
އެންއައިސީގެ ބެލުމުގެ ދަށުގައި ހުރި އިދާރާތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހަޅަނީ ފުލުހުންނާ ގުޅޭގޮތުންނެވެ. އެކަމަކު ފުލުހުންނާ ގުޅޭ ގޮތުން ޖިނާއީ މައްސަލަތަކަށް ވުރެ ގިނަ އިން ލިބެނީ އިދާރީ މައްސަލަތަކެއް ކަމުގައި ވިދާޅުވި އެވެ. އަދި އެ މައްސަލަ ތަކަކީ ނިސްބަތުން ކުޑަ މައްސަލަތަކެއްކަން ފާހަގަކުރެއްވި އެވެ.
ފުލުހުންނާ ގުޅޭ މައްސަލަތައް ހުށަހަޅާ އަދަދު އިތުރު ނަމަވެސް އެ މައްސަލަތައް ބެލުމުގައި އެއްވެސް ނުފޫޒެއް އޮތް ކަމަކަށް ގާސިމް ދެކެވަޑައެއް ނުގަންނަވަ އެވެ. ފުލުހުންގެ މަސައްކަތްތަކަށް ސިޔާސީ ބޭފުޅުން ނުފޫޒު ފޯރުވާފައިވީ ނަމަވެސް އެއީ ހަގީގަތެއް ކަމަށް ގަބޫލުކުރެއްވުމަށް ގާސިމް ދެކޮޅު ހެއްދެވި އެވެ. އޭގެ ބަދަލުގައި ވިދާޅުވީ ފުލުހުންނަކީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާ ބައެއް ކަމަށެވެ. ފުލުހުންގެ ތެރޭގައި ގޯސްކޮށް ހުރި މައްސަލަތައް އެތަނުގެ ވެރިންނާ ގުޅިގެން ހައްލުކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
އެންއައިސީއަށް ހުށަހަޅާ މައްސަލަތައް ބެލުމުގައި ވަކި ޕާޓީއަކަށް ވަކި ފިކުރަކަށް ބެލުމެއް ނެތި އިންސާފުވެރިކޮށް އަމަލުކުރައްވާނެ ކަމުގައި ތަކުރާރުކޮށް ގާސިމް ވިދާޅުވި އެވެ. ހައްގާއި އިންސާފު ހޯދުމަށް އެންއައިސީއަށް އަންނަ އެއްވެސް ރައްޔިތަކު މާޔޫސްވެ، ހުސްއަތާ ދާން ނުޖެހޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. ޑިމޮކްރަސީ ތަކުގައި ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ތަންފީޒީ އިދާރާތަކުން ނުހައްގުން ހުއްޓުވާނަމަ ކޮމިޝަން އޮތީ އެކަމުގައި ތެދުވަން ތައްޔާރަށެވެ.
"އަޅުގަނޑުމެން މިކުރަނީ އިހްލާސްތެރި މަސައްކަތެއް. މިކަމުގައި އެއްވެސް ބަޔަކު ތަފާތު ކުރުމެއް ނެތި ގާނޫނުތަކާއި އެއްގޮތަށް ކުރިއަށްދާ ނަން،" ގާސިމް ވިދާޅުވި އެވެ.
އެންއައިސީގެ ރައީސް ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ގާސިމަކީ ޖަލު ހުކުމެއް ތަންފީޒު ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ބޭންކިން އުސޫލުތަކާ ހިލާފަށް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ބޭންކް ސްޓޭޓްމަންޓްތަކެއް ލީކްކޮށްލާފަ އެވެ. އެކަމުގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވި ނަމަވެސް އެކަމާ ދެރަވެ މައާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާ ކަމުގައި ވިދާޅުވި އެވެ. އަދި ޖިނާއީ ދައުވާއެއް ސާބިތުވެފައި ހުރުމަކީ އެންއައިސީގެ މެންބަރު ކަން ކުރެއްވުމަށް ބޭނުންވާ "އިންޓަގްރިޓީ" ގެއްލޭނެ ކަމެއް ނޫން ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވި އެވެ. ކުރިން ކުރެއްވި ކޮންމެ ކަމެއް ކުރައްވާފައިވާނީ "ހެޔޮ ނިޔަތާ" އެކު ކަމަށް ވިދާޅުވި އެވެ. އޭނާ އަށް އެންއައިސީގެ ރައީސް ކަން ލިބިވަޑައިގަތީ ވެސް ރައްޔިތުން އެކަން ގަބޫލުކުރައްވާތީ ކަމުގައިވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.