މާލޭ ސިޓީ ކައުންސިލް

ކައުންސިލުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަނީ

މާލެ ސިޓީ ކައުންސިލުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ނިކުމެއްޖެ އެވެ.

އެގޮތުން ކައުންސިލުން މި ހަފްތާ އިން ފެށިގެން ދަނީ މާލެ ތެރެއަށް ނިކުމެ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ހޯދަމުންނެވެ. އެފަދަ ބިދޭސީންގެ މައްސަލަތައް ސިޓީ ކައުންސިލުން ދަނީ އިމިގްރޭޝަނަށް ރިޕޯޓްވެސް ކުރަމުންނެވެ.

އެގޮތުން ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި މއ. އަންނާރުގޭގައި ގަވާއިދާ ހިލާފަށް ހުއްދަ ނެތި ކާބޯތަކެތި ވިއްކަމުން ދާ ބިދޭސީންނާއި، ހުރަވީ ގޯޅިތެރޭ ގަވާއިދާ ހިލާފަށް ގެސްޓް ހައުސް ވިޔަފާރި ކުރަމުންދާތީ އެތަންވެސް ބަލައި ފާސްކޮށްފައިވެ އެވެ. އެ ތަނުގައި ސިގިރޭޓް އަދި އެނާޖީ ޑްރިންކް ވިއްކަމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

އިމިގްރޭޝަނުންވެސް އިއްޔެ ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެމީހުން އުޅޭ ސަރަހައްދުތައް ދެނެގަތުމަށްޓަކައި ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. މި އޮޕަރޭޝަންގައި 211 އޮފިސަރުން މުޅި މާލެ ސަރަހައްދު އިންސްޕެކްޓު ކުރުމުގައި ހަރަކާތްތެރިވި އެވެ.

އިމިގްރޭޝަންގެ އޮޕަރޭޝަނުގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ބައެއް މުވައްޒަފުންވެސް ބައިވެރިވި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު އިއްޔެ ވިދާޅުވީ މާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަން އަތޮޅު ތެރެއަށް ފުޅާކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ