މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

އޮޕަރޭޝަން "ކުރަނގި" މުޅި ރާއްޖެއަށް ފުޅާކޮށްފި

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަން "ކުރަނގި" މުޅި ރާއްޖެއަށް ފުޅާކޮށްފި އެވެ.

ކުރަނގި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހި ފަށާފައިވަނީ ކ. ހިންމަފުށި އަދި މާފުށީ ގައެވެ.

މިގޮތުން މި އޮޕަރޭޝަނުގެ ދެވަނަ ފިޔަވަހި މިއަދު ވަނީ މުޅި ރާއްޖޭގައި ފަށާފައެވެ. އަދި ހޯމްލޭންޑް ސެކިއުރިޓީ ޓީމެއް ވެސް ދަނީ މިވަގުތު ލ. އަތޮޅުގައި މި އޮޕަރޭޝަނުގެ މަސައްކަތްތަކުގައި ހަރަކާތްތެރި ވަމުންނެވެ.

މި އޮޕަރޭޝަނުގެ ދެވަނަ ފިޔަވަހީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލާފައިވާ ޕޯޓަލްގެ އެކްސެސް ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ދީފައިވެއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރަން ވެސް ފަށާފައިވެއެވެ.

މީގެ އިތުރުން ބިދޭސީންގެ ބަޔޮމެޓްރިކްސް ނެގުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ. މި މަސައްކަތަށް ބޭނުންވާ ފިންގާ ޕްރިންޓް ސެންސަރުތައް ފަދަ ވަސީލަތްތައް ކައުންސިލްތަކަށް ވަނީ ހަވާލުކޮށްފަ އެވެ.

އޮޕަރޭޝަން ކުރަނގިން ހޯދާ މައުލޫމާތުތަކަށް ކައުންސިލްތަކަށް އަދި ފުލުހުންނަށްވެސް އެކްސެސް ވެވޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވި އެވެ. އެކަމާ ގުޅޭ އެޕްލިކޭޝަން މެދުވެރިކޮށް ފޯނުން ބިދޭސީއެއްގެ ފޮޓޯއެއް ނެގުމުން އެއީ ކޮންތާކު، ކީއްކުރަން، ކޮން ރަށެއްގައި ހުންނަން ޖެހޭ، ކޮން ކުންފުންޏަކުން ގެނެސްފައިވާ އަދި ގަވާއިދާ އެއްގޮތަށް ނުވަތަ ހިލާފަށް އައިސް އުޅޭ ބިދޭސީއެއްތޯ ވަގުތުން ބެލޭނެ ކަމަށްވެސް ވިދާޅުވި އެވެ.