މުސާރަ ނުދޭތީ މާލޭގައި މިއަދު އިހްތިޖާޖު ކުރި ބިދޭސީންނަށް މުސާރަ ނުދޭ ކަމަށް ބުނާތީ ލޭބަ ރިލޭޝަންސް އޮތޯރިޓީ އިން އެ މައްސަލަ ބަލަން ފަށައިފި އެވެ.
މުސާރަ ނުދޭ ކަމަށް ބުނެ މިއަދު މުލިއާގެ ކައިރިއަށް އެއްވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 38 މީހުންނާއި ބަންގްލަދޭޝްގެ 17 މީހުންނާ އެކު ޖުމްލަ 55 މީހުންނެވެ.
އިހްތިޖާޖު ކުރި މީހުންނަކީ ކޮން ތަނެއްގައި މަސައްކަތް ކުރަމުން ދިޔަ ބައެއް ކަމެއް އެނގޭ ގޮތެއް ނުވި އެވެ.
ފުލުހުން ވަނީ މި އެންމެން މޯލްޑިވްސް އިމިގްރޭޝަނާ މިއަދު ހަވާލުކޮށްފަ އެވެ. އަދި މިވަގުތު މި އެންމެން ބައިތިއްބާފައި ތިބީ ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރު ގައެވެ.
އިމިގްރޭޝަން އޮފިޝަލަކު ވިދާޅުވީ ބިދޭސީންނަށް މުސާރަ ނުލިބޭ ކަމަށް ބުނެ ގިނަ ޝަކުވާތަކެއް އެމީހުން ކުރަމުންދާތީ އެ މައްސަލަ ބެލުމަށް ލޭބަ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުން ޑިޓެންޝަން ސެންޓަރަށް ގޮސް އެ ޝަކުވާތައް ބަލައި ހަގީގަތް ހޯދަމުންދާ ކަމަށެވެ.
ބިދޭސީންނާ މެދު ފިޔަވަޅު އެޅުމުގެ ކުރިން ލޭބަ ރިލޭޝަންސް އޮތޯރިޓީ އިން ނިންމާ ނިންމުންތަކަށް ބަލާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖެއަށް ބިދޭސީން ގެނައުމަށްފަހު އެ މީހުންނަށް މުސާރަ ނުދޭ މައްސަލަ އަކީ އަބަދުވެސް ޝަކުވާ ބޮޑު މައްސަލަ އެކެވެ.