ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލައިފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ހާއްސަ އިންސްޕެކްޝަނެއް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އޮގަސްޓް އަދި ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ އެވެ.
މި އިންސްޕެކްޝަނުގައި ހަށިވިއްކުމުގައި ޝާމިލުވެގެން އުޅުނު ބިދޭސީ ފަސް އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ފިރެހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އިމިގްރޭޝަނުން ބުނީ ފުލުހުން މައްސަލަ ތަހުގީގުކުރުމަށްފަހު އޭގެ ތެރެއިން ތިން މީހަކު ވަނީ ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލާފައި ކަމަށާއި ބާކީ ތިބި ތިން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށެވެ.
ރާއްޖޭގައި ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން ހޯދައި އެތައް ސަތޭކަ ބިދޭސީއަކު ވަނީ ރާއްޖެއިން ޑިޕޯޓްކޮށްފަ އެވެ.