ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި މަހު ހާއްސަ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
މި އިންސްޕެކްޝަންތަކުގައި ވަކިވަކި ފަސް މައްސަލައެއްގައި ބިދޭސީ ފަސް އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ދެ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން ތިން އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާއިރު ބާކީ ތިބި ހަތަރު ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމިގްރޭޝަން ބުންޏެވެ.
ރާއްޖޭގައި ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ކުށުގެ ވެށީގައި އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދާ ސިލްސިލާ އިންސްޕެކްޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް މިސަރުކާރުގައި ވަނީ 5000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ފުރުވާލާފަ އެވެ.