ބިދޭސީން

ގަވައިދާ ހިލާފަށް އުޅެމުންދިޔަ ހަތް ބިދޭސީއަކު އަތުލައިގެންފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އަނެއްކާވެސް އިތުރު ބަޔަކު އަތުލައިގެންފި އެވެ.

މި އޮޕަރޭޝަން މިދިޔަ އާދިއްތަ ދުވަހު ކުރިއަށް ގެންދިޔައީ ހުޅުމާލޭގެ ފުރަތަހަމަ ފިޔަވަހީގަ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެ ދުވަހުގެ އޮޕަރޭޝަންގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް އެތަނުން ބިދޭސީ ހަތް ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ބަލައި ފާސްކުރި ތަނަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ގޮތަކަށް ބިދޭސީން ދިރިއުޅެމުން ދިޔަ ތަނެއް ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްފަހު 4،000 އެއްހާ ބިދޭސީން މިހާރު ވަނީ ޑިޕޯޓްކޮށްލާފަ އެވެ.