ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން މިހާތަނަށް އަނބުރާ ފޮނުވާލާފައިވަނީ އެންމެ މީހެއް ކަމަށް މޯލްޑިވްސް ކަސްޓަމްސް ހާމަކޮށްފި އެވެ.
އެ ގަވާއިދުގެ ދަށުން މިއަދާ ހަމައަށް އަނބުރާ ފޮނުވާލި މީހުންގެ އަދަދާއި އެ މީހުން އެތެރެކުރި މަސްތުވާތަކެތީގެ ތަފުސީލު ލިޔުމުން ހޯދެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ސުވާލު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އެވެ.
އަނބުރާ ފޮނުވާލި މީސްމީހުން ހަވާލުކޮށްފައިވަނީ އެ މީހުން ނިސްބަތްވާ ގައުމުތަކުގެ ސަރުކާރުތަކާކަން ސާފުކުރެއްވުމަށް މެންބަރު ވަނީ ސުވާލުކުރައްވާފަ އެވެ.
މިނިސްޓަރު މާރިޔާ ވަނީ ކަސްޓަމްސް އާއި އިމިގްރޭޝަން ލިޔުމެއް ހިމަނުއްވާ އެ ސުވާލަށް ޖަވާބު ދެއްވާފަ އެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި އެ ގަވާއިދުގެ ދަށުން މިހާތަނަށް އަނބުރާ ފޮނުވާލާފައިވަނީ އެންމެ ބިދޭސީއެކެވެ. އެ ބިދޭސީ މީހާއަކީ މިދިޔަ ފެބްރުއަރީ ހަވަނަ ދުވަހު ރާއްޖެ އައި ބިދޭސީއެކެވެ.
ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން ފުލުހުންނާއި އިމިގްރޭޝަންގެ ހާޒިރުގައި ކަސްޓަމްސްއިން އެ ފަސިންޖަރާއި ފަސިންޖަރުގެ ފޮށި ބަލައިފާސްކުރިއިރު 2.6 ކިލޯ ގެ ކޮކެއިން ވަނީ ފެނިފަ އެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށް އެ ފަސިންޖަރު ހަވާލުކުރީ އިމިގްރޭޝަނާ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ބްރެޒިލްގެ ފަސިންޖަރު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. ނަމަވެސް ބިދޭސީ މީހާ ހަވާލުކުރީ އެގައުމުގެ ސަރުކާރާކަން ނުވަތަ ނޫންކަން ހާމައެއް ނުކުރެ އެވެ.
އެއާއެކު މެންބަރު ހަސަން ލަތީފު ވަނީ ނިޒާމީ ނުގުތާއެއް ނަންގަފާވަ އެވެ. އަނބުރާ ފޮނުވާލި މީހުން ހަވާލުކޮށްފައިވަނީ އެ މީހުން ނިސްބަތްވާ ގައުމުތަކުގެ ސަރުކާރުތަކާތޯ ސާފުކުރެއްވުމަށް ސުވާލުކުރެއްވިކަން ރެކޯޑަށްޓަކާ ފާހަގަކުރެއްވި އެވެ.