ރާއްޖެއަށް މަސްތުވާތަކެތި ގެންނަ ބިދޭސީން ބެލެހެއްޓުމަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުން އަނބުރާ ފޮނުވާލުމުގެ ގަވާއިދާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ މަސްތުވާތަކެތި ހިފައިގެން އަންނަ ގިނަ މީހުންނަކީ ބޮޑެތި ބަލިތައް ހުންނަ މީހުން ކަމަށެވެ.
"ރާއްޖެއަށް މަސްތުވާތަކެތި ހިފައިން ގިނައިން އަންނަނީ ޓާމިނަލް އިލްނަސަސް ހުރި މީހުން. އެގޮތުން އެއިޑްސް ޖެހިފަ ހުރި މީހުންނާއި ކިޑްނީ ބޮޑެތި ބަލީގެ މީހުންނާ އެކަހަލަ އެތައް ބައެއް މިވަގުތުވެސް އެބަތިބި ޖަލުގައި،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އެ މީހުން ބެލެހެއްޓުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުން، ކޯޓުގެ ހުކުމާއެކު އަނބުރާ ފޮނުވާލެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނެވިފައިވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ. ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްތިއްބުމަށްފަހު އަނބުރާ ފޮނުވާލާއިރު ދަތިތައް ދިމާވާކަން ފާހަގަކުރެއްވި އެވެ.
"ގިނަ ފަހަރު އަޅުގަނޑު ކައިރީގައި އިމިގްރޭޝަން ބޭފުޅުންވެސް ކަސްޓަމްސް ބޭފުޅުންވެސް ވިދާޅުވަނީ އެ ލައިބިލިޓީ ނަގަން ބޭނުންނުވާތީ އެނގިހުރެއޭ ފޮނުވާލަނީ. އަދި މީނަ ދާއިރު ޑްރަގު ގެންގުޅޭ ކަމަށްވެސް އެހެން އެނގޭ އެއްޗެހީގަވިއްޔާ ފޮލޯއަޕް ކުރެވިގެން އޭތި އެ ގެންދެވޭނެ ދިމާލެއް އެނގޭ ކަމަށްވަންޏާ އެ ބޭފުޅުން އެ ދޫކޮށްލައިން އެ ގެންދަވާ ކޮންޓްރޯލް ޑެލިވަރީއެއް ހައްދަވާނެ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ރިމާންޑްގައި މީހުން ބަހައްޓަން ޖެހޭތީ ހަރަދުތަކެއް ހިނގާ ކަމަށާއި ސީދާ ފެންނަ ގޮތަށް ގަވާއިދެއް އޮންނަން ބޭނުންވާތީ އެކަން އެގޮތަށް ކުރެވުނީ ކަމަށެވެ.
"ސީދާ ފެންނަ ގޮތަށް ގަވާއިދެއް އޮންނަން ބޭނުންވާތީ އެކަން އެގޮތަށް ކުރެވުނީ. ކުރީގައިވެސް ކޮށްއުޅޭ ކަމެއް މިއީ. އެތައް ޒަމާނެއް މިގޮތަށް ޕްރެކްޓިސް ކުރާތާ،" މާރިޔާ ވިދާޅުވި އެވެ.
މަޖިލީހުން ގަވާއިދު ބަދަލުކޮށްފިނަމަ އެގޮތަކަށް އަމަލުކުރައްވާނެ ކަމުގެ ޔަގީންކަން މާރިޔާ ވަނީ ދެއްވާފަ އެވެ.