ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން އަނބުރާ ފުރުވާ ލެވޭ ގޮތަށް ގަވާއިދު ހެދީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ފުރުވާ ލެވޭ ގޮތަށް ހަދާފައިވާ ގަވައިދެއްގެ ބައިތައް އުނިކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ގާސިމް އިބްރާހީމް ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ގަވައިދެއް ނުހެދޭނެ ކަމަށެވެ.
"ކޮންމެވެސް ހިސާބަކުން ކޮންމެވެސް ބަޔަކު މި އުޅެނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބާރު ކަނޑުވާލައިގެން،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
މި ބާވަތުގެ ކަންކަން މުޖުތަމައެއްގައި ހިނގާނަމަ އެ މުޖުތަމައުގެ ހަލާކު އޮންނާނީ ވަރަށް ކައިރީގައި ނުވަތަ ހަލާކުވެފަ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ކޮންމެ ވެރިޔަކު ކުރިޔަސް ގާނޫނާ ހިލާފަށް ކުރާ އަމުރަށް ތަބާވާން ނުޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.
ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު މޯލްޑިވްސް އިމިގްރޭޝަނުން އިސްލާހު ކުރީ މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހު އެވެ.
ހަސަން ލަތީފް މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވާފައި މިވަނީ ރާއްޖެ އައި ބްރެޒިލްގެ 23 އަހަރެއްގެ އަންހެނެއްގެ ލަގެޖުގައި 6.2 ކިލޯގެ މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކޮށްފައިވަނިކޮށް މަސްތުވާތަކެތި އަތުލުމަށްފަހު އަންހެން މީހާ ރާއްޖެއަށް އެތެރެވިޔަ ނުދީ ފޮނުވާލާފައި ވަނިކޮށެވެ.