މާލޭ ސިޓީ

ބަނޑޭރިކޮށި ސަރަހައްދު ތަރައްގީ ކުރާނެ ގޮތުގެ ޕްލޭނެއް ހާމަކޮށްފި

Jun 16, 2021
2

ސިފައިންގެ އާއިލާތައް މާލޭގައި ދިރިއުޅެމުން އަންނަ ބަނޑޭރިކޮށި ހިމެނޭ ސަރަހައްދު ތަރައްގީ ކުރުމަށް ގެންގުޅޭ ވިސްނުން ސަރުކާރުން ހާމަކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިކަމާ ގުޅޭ މައުލޫމާތު ދިނީ މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ރޭ ބޭއްވި ބައްދަލުވުމުގަ އެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ހުށަހަޅުއްވައިދެއްވި ޕްރެޒެންޓޭޝަންގައިވާ ގޮތުން ބަނޑޭރިކޮށި ހިމެނޭ ސަރަހައްދު އަލުން ތަރައްގީ ކުރާއިރު ސަރުކާރުން ވިސްނާފައިވަނީ އެތާނގެ ބޮޑު ބައެއްގައި މީހުން ދިރިއުޅޭނެ ޓަވަރުތަކެއް އަޅާށެވެ. އަދި ފުޓްސަލް ކޮމްޕްލެކްސް އަކާއި އޮފީސް ޓަވަރުތަކާއި ފިހާރަތަކާއި ޒަމާނީ މަގުތަކާއި ޕާކްތަކެއް ހަދާށެވެ. ނަމަވެސް ވަކިވަކި ތަފްސީލް މައުލޫމާތު ތަކެއް ހިއްސާ ކޮށްފައެއް ނުވެ އެވެ.

ޕްލޭނިން މިނިސްޓްރީން އެ ޕްލޭން ހާމަކުރުމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބަނޑޭރިކޮށި ސަރަހައްދު ތަރައްގީ ކުރަން ސަރުކާރުގައި އޮތް އެ ވިސްނުމަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ. އެ ސަރަހައްދު ތަރައްގީ ކުރަން ސިޓީ ކައުންސިލްގެ ވިސްނުމެއް ވެސް އޮތް ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ޕްލޭން މުޅިން ނިންމާނީ މާލޭގެ ރައްޔިތުންނާ އިތުރު މަޝްވަރާތަކެއް ކުރުމަށްފަހުގައި ކަމަށެވެ.

މުއިއްޒު ވިދާޅުވީ މާލޭގައި ދިރިއުޅެން ކޮންމެވެސް ވަރަކަށް ބިން ލިބެން ހުރި ތަންތަން އަދިވެސް އެބަހުރި ކަމަށެވެ. އެހެންކަމުން ލިބެން އޮތް މިންވަރަކުން ބިން ހޯދައިގެން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައި ދިނުމަކީ އެންމެ ބޮޑަށް އިސްކަންދޭ މަސައްކަތް ކަމަށެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި 300 އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވެފައިވެ އެވެ. އޭގެތެރޭގައި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން މާލެ އިއްޒަތްތެރި ބޭފުޅުންނާއި އާންމު ރައްޔިތުން ވެސް ހިމެނެ އެވެ.

މި ބައްދަލުވުމުގައި އާންމުންނަށް ހިޔާލު ހުށަހަޅަން ހުޅުވާލުމުން ވާހަކަ ދެއްކެވި ގިނަ މީހުން ވަނީ މާލެ ސިޓީގެ ކައުންސިލްގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހޭ ކަން ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން މާލެ ތެރޭގައި ހުރި ގަރާޖު، ވޯކްޝޮޕް ފަދަ ތަންތަން ރަށު ތެރެއިން ނެގުމާއި، ޕާކްތައް ހެދުމާއި، މަގުތައް ހެދުން ފަދަ ކަންކަމަށް ސިޓީ ކައުންސިލުން ގެންގުޅޭ ވިސްނުމަށް ބައެއް އާންމުން ތާއީދު ކުރި އެވެ.

ހިޔާލު ހުށަހެޅި ގިނަ މީހުން އެދުނީ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް ހާއްސަ އިސްކަމެއް ދީގެން އެކަން އަވަސް ކޮށްދިނުމަށެވެ. އަދި ގުޅިފަޅު ރެސިޑެންޝަލް ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރާ މަސައްކަތާ އެއްގޮތަށް އެ ރަށް ތަރައްގީކޮށްދިނުމަށް ވެސް ބައެއް މީހުން ސަރުކާރަށް ގޮވާލި އެވެ. މާލޭގެ ސައިޒާއި ތަނުގެ ހާލަތު މިއަދު ހުރި ގޮތުން މާލޭގެ މައްސަލަތައް އަވަހަށް ހައްލުވާން ޖެހޭ ކަމުގައި ވެސް ހިޔާލު ހުށަހެޅި މީހުން ބުނެފައިވެ އެވެ.

އާންމުންގެ ހިޔާލުތަކާއި ގުޅިގެން މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ހަމަޖައްސައިދިނުމަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ މައިގަނޑު މަސައްކަތްތައް ކުރިއަށް ގެންދާނީ މާލޭގެ ރައްޔިތުން އެދޭ ގޮތެއް ބެލުމަށްފަހު އެގޮތަކަށް ކަމުގައިވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.