ވިލިމާލެ

އިމާރާތް އުސްކުރަން ވިލިމާލެ އާބާދީއަށް ބަލަންޖެހޭ: އަސްލަމް

ވިލިމާލޭގައި އިމާރާތްތައް 10 ބުރިއަށް ހަދަން ފުރުސަތު ދެވޭނީ އެކަން ކޮށްގެން އާބާދީއަށް އަތު ވެދާނެ ބަދަލަކަށް ބަލާފައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ތިމާވެއްޓާ ރަހުމަތްތެރި އެ ރަށަށް، ވިލިމާލޭގައި 10 ބުރިއަށް އިމާރާތްތައް ހަދަން ފުރުސަތު ދޭން ޕްލޭނިން ގަވައިދު އިސްލާހު ކޮށްދޭން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ބޭއްވި ބައްދަލުވުމުގައި ހުށަހަޅުއްވާފައި ވަނިކޮށެވެ.

މާލޭގެ އެ އަވަށުގައި އިމާރާތްތައް 10 ބުރިއަށް ހަދަން ފުރުސަތު ދިނުމަކީ މާލެ ސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ.

ކައުންސިލްގެ މި ސިޔާސަތާ ގުޅިގެން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ވިލިމާލޭގައި އިމާރާތްތައް 10 ބުރިއަށް ހަދަން ފުރުސަތު ހޯދަން އަދި ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެފަދަ ހުށަހެޅުމަކާ ކޮންމެހެން ދެކޮޅު ހަދާ ވިސްނުންފުޅެއް ވެސް ނެތް ކަމަށެވެ.

"އެކަމަކު ވެސް ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ވިލިމާލެއަކީ ވަކި ގޮތަކަށް ތަރައްގީ ކުރަމުން އައިސްފައިވާ މާލޭގެ އަވަށެއް. ތިމާވެށީގެ ގޮތުން ބެލިޔަސް އެތަން ތަފާތު. ދެން އަޅުގަނޑަށް ތިފަދަ ހުށަހެޅުމެއް ލިބުމުން އެކަން ކޮށްދިނުމުގެ ކުރިން އެކަން ކޮށްފިނަމަ ތަނުގެ އާބާދީއަށް ވެދާނެ ގޮތެއް ބަލަން ޖެހޭނެ. އާބާދީއާ ގުޅިގެން ދިމާވާނެ މައްސަލަތަކެއް ވެސް ހުންނާނެ،" އަސްލަމް ވިދާޅުވި އެވެ.

ވިލިމާލޭގައި މިހާރު އިމާރާތް ކުރެވެނީ ހަ ބުރި އަށެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ ވިލިމާލޭގައި އިމާރާތްތައް 10 ބުރިއަށް ހަދަން ފުރުސަތު ދިނުމުގެ ގޮތުން މާލޭގެ ޕްލޭނިން ގަވައިދު އިސްލާހުކޮށް ދިނުމަށް ކަމާ ގުޅޭ އިދާރާ އަށް ވިލިމާލެ ރައްޔިތުންގެ ފަރާތުން ވަރަށް އަވަހަަށް ހުށަހަޅާނެ ކަމަށެވެ.

"މިހާރު މި އޮންނަ ގޮތުން ބޭންކުން ލޯނެއް ނުލިބޭ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތައް އެބަހުރި،" މުއިއްޒު ވިދާޅުވި އެވެ.

ވިލިމާލޭގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ވިލިމާލޭގެ ލޭންްޑް ޔޫޒް ޕްލޭނެެއް ހަދައި މިހާތަނަށް ފާސް ކޮށްފައެއް ވެސް ނުވެ އެވެ. އެކަމާ ގުޅިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހު މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ލޭންޑް ޔޫޒް ޕްލޭން ހަދައި އެއް މަސް ދުވަހުގެ ތެރޭގައި ފާސް ކުރާނެ ކަމަށެވެ.