ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖާ ގުޅޭ މުއިއްޒުގެ ސީރިއަސް ކަންބޮޑުވުންތަކެއް

މާލޭ ސަރަހައްދު ގުޅައިލުމުގެ ޕްރޮޖެކްޓްގެ ތެރެއިން މާލެ-ތިލަފުށި ލިންކް (އެމްޓީއެލް) ނުވަތަ ތިލަމާލެ ބްރިޖް މަޝްރޫއުއާ ގުޅޭ ސީރިއަސް ކަންބޮޑުވުންތަކެއް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފެންމަތި ކުރައްވައިފި އެވެ.

ވިލިމާލޭގެ ރައްޔިތުންނާއެކު ރޭ ބޭއްވި "ރައްޔިތުންގެ ބައްދަލްވުން" ގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ބްރިޖްގެ މަސައްކަތް ކުރަން ސަރުކާރުން ނިންމާފައިވާއިރު އެކަމުގައި ކުރީ ކައުންސިލްގެ އަދި މިހާރު ހިނގަމުންދާ ކައުންސިލްގެވެސް އެއްވެސް މަޝްވަރާއެއް ހޯދާފައިނުވާ ކަމަށެވެ.

ގާނޫނު ބުނާގޮތުން ކައުންސިލެއްގެ އިހުތިސާސުގެ ތެރޭގައި އެއްވެސް މަޝްރޫއެއް ސަރުކާރުން ހިންގާނަމަ ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ކަމަށާ އެކަން ސަރުކާރުން ނުކުރާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ގައިމުވެސް މި ކައުންސިލް އައިސްފައެއް މިވޭތުވެދިޔަ ދެމަހާއި ބައިގެ ތެރޭގައި ސަރުކާރުންނެއް އަޅުގަނޑުމެންނަކާއި މަޝްވަރާއެއް ނުކުރޭ. ގާނޫނު ބުނަނީ ކައުންސިލެއް އޮތް ކަމުގައިވާނަމަ އެ ކައުންސިލެއްގެ އިހުތިސާސުގެ ތެރޭގައި މިނިސްޓްރީއަކުން، ސަރުކާރުގެ އިދާރާއަކުން، ސަަރުކާރު ހިއްސާވާ ކުންފުންޏަކުން މަސައްކަތެއް ކުރިކަމުގައިވީނަމަވެސް އެ ކައުންސިލަކާއި މަޝްވަރާ ކުރަންޖެހޭނެއޭ. މިނިސްޓްރީއަކުން މަސައްކަތެއް ކުރާނަމަ ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު އެކަމަށް ހޯދަން ޖެހޭ. ގާނޫނުގައި ލިޔެފައި އެބައޮތް. އެހެން ނަމަވެސް އަޅުގަނޑަކަށް އެނގިފައެއް ނެތް ރައްޔިތުންގެ ހިޔާލު އެކަމުގައި ހޯދި ކަމެއް،"

މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން ނެތި އެފަދަ ކަމެއް ޕްލޭން ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ބްރިޖާ ގުޅޭގޮތުން މިހާތަނަށް ލިބިވަޑައިގެންވާ ކޮންމެ މައުލޫމާތެއްވެސް ލިބިވަޑައިގެންފައިވަނީ ނުރަސްމީކޮށް ކަމަށާ އެކަން އެހެން ނުކުރެއްވުމަށް ސަރުކާރުގައި މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. މުއިއްޒު ވަނީ ރައްޔިތުންގެ މަޝްވަރާއެެއް ނެތި ބްރިޖްގެ މަސައްކަތް ފެށުމުން ދިމާވެދާނެ ކަމަށް އަންދާޒާ ކުރެވޭ މައްސަލައެއް ރައްޔިތުންގެ ސަމާލު ކަމަށް ގެންނަވާފައެވެ.

"މި ބްރިޖް އައިސް ވިލިމާލެއާ ގުޅޭ ހިސާބުން ދެން އެ ބޭފުޅުން އެކުރައްވާ ޕްލޭނެއްގެ ތެރެއިން އަޅުގަނޑަށް ހަމަ ހީވަނީ ސިނާއީ ސަރަހައްދު ދެން އެއްކޮށް ތާއަނބަދަށް ގެއްލިގެންދާނެ އޭ. ރައްޔިތުން އެކަމުގެ ހިޔާލު ދެއްވައިގެން ރައްޔިތުންގެ މަޝްވަރާ ހޯދައިގެން ކަންކަން ނުކޮށްފިނަމަ އެ ސިނާއީ ސަރަހައްދެއް ނޯންނާނެ،" މާލެ-ހުޅުލެ ގުޅުވާލި ބްރިޖްގެ ބިޔަ މަޝްރޫއު ހިންގި ދުވަސްވަރު ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވިއެވެ.

މި ބްރިޖް އައިސް ވިލިމާލެއާ ގުޅޭ ހިސާބުން ދެން އެ ބޭފުޅުން އެކުރައްވާ ޕްލޭނެއްގެ ތެރެއިން އަޅުގަނޑަށް ހަމަ ހީވަނީ ސިނާއީ ސަރަހައްދު ދެން އެއްކޮށް ތާއަނބަދަށް ގެއްލިގެންދާނެ އޭ. ރައްޔިތުން އެކަމުގެ ހިޔާލު ދެއްވައިގެން ރައްޔިތުންގެ މަޝްވަރާ ހޯދައިގެން ކަންކަން ނުކޮށްފިނަމަ އެ ސިނާއީ ސަރަހައްދެއް ނޯންނާނެ
ޑރ. މުހައްމަދު މުއިއްޒު | މާލެ ސިޓީގެ މޭޔަރު

މުއިއްޒު ވަނީ އެ ހާލަތުގައި ސިނާއީ ސަރަހައްދު ޕާކިން ޒޯނަކަށް ބަދަލުކޮށް ސިނާއީ މަސައްކަތް ކުރާ ތަންތަން ދެން ބަދަލުކުރާނީ އަނެއްކާވެސް ރަށުތެެރެއަށްތޯ ސުވާލު ކުރައްވާފައެވެ. އެހެން ކަމުން ބްރިޖްގެ މަަސައްކަތް ކުރާއިރު އެކަމުގައި ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލު އަދި މަޝްވަރާ ހޯއްދެވުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ.

"މިތަނުގައި ފާޅުކުރި ވާހަކައެއް. ކައުންސިލުން ޕްލޭންތައް ހަދަން ޖެހޭނީ ސަރުކާރުގެ ތަރައްގީގެ ޕްލޭންއާ އެއްގޮތަށޭ. ނޫން... ރައްޔިތުންގެ އަޑުއަހައިގެން ސަރުކާރުގެ ތަރައްގީގެ ޕްލޭން އަންނަން ޖެހޭނީ. ތިރިން މައްޗަށް ދާން ޖެހޭ އެއްޗެއް އެއީ. މަތިން ތިރިއަކަށް ނޫން ޕްލޭން އަންނަން ޖެހޭނީ. ރައްޔިތުންގެ އަޑު އަހަން ޖެހޭނީ. ރައްޔިތުންގެ އަޑު ކައުންސިލް މެދުވެރިކޮށް އަޑުއަހަން ޖެހޭނީ. ތަރައްގީގެ ޕްލޭން ނިންމަން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެން. ސަރުކާރެއް އުފެއްދެނީ ރައްޔިތުންގެ ކިބައިން. ރައްޔިތުންގެ ކައިރިއަށް ވޯޓް ހޯދަން އަންނަންޖެހޭ ސަބަބެއް އެހެންވެއްޖިއްޔާ ނޯންނާނެ،" މުއިއްޒު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖް އަޅަން މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބައެއް ހުސް ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ އިއުލާނު ކޮށްފައެވެ.

އެކި ކަންކަމަށް ބިން ދޫކޮށްފައިވާ މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބައެއް ބިންތައް ބުރިޖުގެ މަސައްކަތަށް ހުސް ކުރަން ހައުސިންއިން ވަނީ ގެޒެޓްގައި އެ އިއުލާނު ޝާއިއު ވެސް ކޮށްފަ އެވެ. އޭގައި ބުނަނީ ގުޅިފަޅު ހިމެނޭ ގޮތަށް މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅުވާލައި ތިލަމާލެ ބްރިޖް މާލެއާ ގުޅޭނީ އިންޑަސްޓްރިއަލް ވިލެޖަށެވެ. މަސައްކަތް ކުރިޔަށް ދާއިރު މާލޭގެ ވޯކްސައިޓެއްގެ ގޮތުގައި ބޭނުން ކުރާނީ ވެސް އިންޑަސްޓްރިއަލް ވިލެޖު ކަމަށެވެ.

ވަގުތީ ގޮތުން ދޫކޮށްފައިވާ ބިންތައް ހުސް ކުރަން ފަށާފައިވާ ކަމަށް ވެސް އިއުލާނުގައި ހައުސިން އިން ބުނެފައި ވެއެވެ. އަދި ބުނެފައި ވަނީ އެ ސަރަހައްދުން ވަކިފަރާތަކާއި ހަވާލު ކޮށްފައިނުވާ ބިންތަކަކީ ވެސް ބުރިޖުގެ މަސައްކަތަށް ބޭނުން ކުރާނެ ބިން ކަމަށާއި ވިލެޖުގައި ޕާކު ކޮށްފައިވާ ވެހިކަލްތައް ނަގައި އެތަންތަން ވެސް ހުސްކުރަން ބޭނުންވާ ކަމަށެވެ.

އިއުލާނު ބުނާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ވެހިކަލްތައް ނަގަން ފުރުސަތު ދީފައިވެ އެވެ. އެ މުއްދަތު ހަމަވާއިރު ނުނަގާ ވެހިކަލްތައް މިނިސްޓްރީން ނަގާނެ އެވެ. އަދި ލިބޭ ގެއްލުމަކަށް ޒިންމާއެއް ވެސް ނުނަގާނެ އެވެ.

ތިލަ މާލެ ބްރިޖު އަޅަނީ އިންޑިއާއިން ދޭ 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނަކުންނެވެ. އެ ލޯނު އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ. އެ ފައިސާގެ ތެރެއަށް އަދި އެހީގައި 100 މިލިއަން ޑޮލަރު އިންޑިއާއިން ލައި ދެއެވެ

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ބުރިޖް އަޅާ ކުންފުނި ކަނޑައެޅުމަށް ފަހު ތާވަލާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް ކަނޑައަޅާފައިވާ އެކި ތާރީހުތައް ފަހަނައަޅާ ދިޔައިރުވެސް ބްރިޖް އަޅާނެ ކުންފުންޏެއް އަދިވެސް އިއުލާނުކޮށްފައެއް ނުވެއެވެ.

ކުރީން ރައީސް ސޯލިހް ވިދާޅުވެފައި ވަނީ ތިލަމާލެ ބްރިޖް މަޝްރޫއުގެ ޓެންޑާ ނިމި އިވެލުއޭޝަން މަސައްކަތް ވެސް އޮތީ ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ. އަދި ޖޫން މަސް ނިމުމުގެ ކުރިން ބްރިޖްގެ މަަސައްކަތް ފަށަން ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި ބްރިޖް އަޅަން ދެނީ އިންޑިއާގެ ކުންފުންޏަކަށެވެ. އެ މުއްދަތު ހަމަވުމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ދިހަ ދުވަސްތެރޭ ބަޔަކު ކަނޑައަޅާނެ ކަމަށެވެ. އެ މުއްދަތުވެސް ވަނީ ހަމަވެފައެވެ. މިހާރު މިނިސްޓްރީން ބުނަނީ ކުންފުނި ހޮވުން ލަސްވަނީ ބަންދު ދިގުވުމުން ކަމަށެވެ.

ތިލަ މާލެ ބްރިޖު 2023 ވަނަ އަހަރުގެ ތެރޭގައި ފެނުން މައްޗަށް ފެންނަން ހުންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެ އެވެ.