މާލޭ ސިޓީ ކައުންސިލް

ހިޔާ ފްލެޓްތަކުގެ އަގު ހެދި ގޮތުގެ މައުލޫމާތެއް ނުދިން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިޔާ ފްލެޓްތަކުގެ އަގުތައް ކަނޑައެޅުމުގައި ބަލާފައިވާ ކަންކަމުގެ ހުރިހާ މައުލޫމާތުތަކެއް ހިއްސާކުރުމަށް މާލެ ސިޓީ ކައުންސިލުން އެދުނު ނަމަވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ މައުލޫމާތު ފޯރުކޮށްދޭން ދެކޮޅު ހަދައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިކަމަށް އެދުނީ ބުދަ ދުވަހު ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާއި ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގަ އެވެ. މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ހިޔާ ފްލެޓްތަކުގެ އަގުތައް މިސަރުކާރުން ކަނޑައަޅާފައިވާ އަދަދަށް ވުރެ ކުޑަކުރުމާ ގުޅޭގޮތުންނެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓަށް މަހަކު ދައްކަން ޖެހޭ މިންވަރު ކުޑަކޮށްދެވޭތޯ މާލެ ސިޓީ އިން ކުރަމުންދާ މަސައްކަތުގެ ދަށުން އެޗްޑީސީން ހެދި ހިސާބުތައް ފޮނުވައިދޭން ބުދަ ދުވަހު އެއްބަސްވި ކަަމަށެވެ. ނަމަވެސް ރޭގެ ނިޔަލަށް އެ މައުލޫމާތު ފޮނުވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެ މައުލޫމާތު ނުފޮނުވުން އެޗްޑީސީ ގައި އަނެއްކާވެސް އެ މައުލޫމާތު ފޮނުވައި ދިނުމަށް އެދިފައިވާ ކަމަށެވެ.

ބުދަ ދުވަހުގެ ނޫސްވެރިންގެ މިބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓަރު ކަމުގައި އެމަނިކުފާނު ހުންނެވި ދުވަސްވަރު އަޅާފައިވާ ހިޔާ ފްލެޓްތަކުގެ އަގުތައް ކަނޑައެެޅީ ހައުސިން މިނިސްޓްރީއާއި ރައީސް އޮފީހާއި އެޗްޑީސީ ގުޅިގެން ކަމަށެވެ. އަގުތައް ހަދާފައިވާނީ ވަރަށް ރަނގަޅަށް ހުރިހާ ކަމެއްވެސް ބެލެވި، ރައްޔިތުންނަށް ފައިސާ ދެއްކުމުގައި އެންމެ ލުއި ގޮތަކަށް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާ ފްލެޓަކަށް މަހަކު ދައްކަން ކަނޑައަޅާފައިވަނީ 5،500 ރުފިޔާ އެވެ. ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ވަނީ އެއީ ފްލެޓް ދޫކޮށްލެވޭނެ އަގެއް ނޫން ކަމަށް ބުނެ 7،500 ރުފިޔާ އަށް ފްލެޓްތަކުގެ މަހު ފީ ބޮޑުކޮށްފަ އެވެ.

މިބަދަލާ ގުޅިގެން މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އަގަށް ބަދަލު ގެނައުމުގައި މިސަރުކާރުން ބަލާފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް އެދިފައިވާނެ ކަމަށެވެ. އަގަށް ބޮޑު ބަދަލެއް އަންނަންޖެހޭނެ ކަމަށް މުއިއްޒު މިއަދުވެސް ގަބޫލެއް ނުކުރައްވަ އެވެ. އެހެންވެ ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އަގު ކުރިން ވެސް އޮތް އަދަދާ ދާދި އެއްވަރުގެ އަދަދަކަށް ބަދަލުވާނެ ކަމަށްވެސް އަދިވެސް އުއްމީދު ކުރައްވާ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ އަގުތައް ކަނޑައެޅުމުގައި ބަލާފައިވާ ކަންކަމުގެ ހުރިހާ މައުލޫމާތުތަކެއް ހިއްސާކުރުމަށް މާލެ ސިޓީ ކައުންސިލުން އެދިފައިވަނިކޮށް ސަރުކާރުން އިއްޔެ ވަނީ ހިޔާ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާފައިވާ ކުންފުންޏަށް ކަމަށް ހާމަކޮށް އެކަމުގެ ތަފްސީލު ފުރަތަމަ ފަހަރަށް އާންމުކޮށްފައެވެ.

ހިޔާ މަޝްރޫއާ ގުޅިގެން މައުލޫމާތު ހިއްސާކުރުމަށް އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަަޒީޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ޔުނިޓަކީ 62،000 ޑޮލަރު ކަމަށެވެ. ފަސް ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅިއިރު އެއަށްވުރެ މާ ކުޑަ އަގު އެހެން ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މަޝްރޫއު ހިންގި ކުންފުންޏާއި ޖެހެގެން ދެން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި ވެސް އެ ކުންފުންޏަށްވުރެ 10،000 ޑޮލަރު ކުޑަ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ދެން ތިބި ފަރާތްތަކުން ހުށަހަޅާފައި ވަނީ ޔުނިޓަކަށް 50،000 އާއި 52،000 ޑޮލަރާ ދެމެދުގެ އަދެދެކެވެ.

"ތަށިމުށި ޖެހުމާއި ދޮރެއް ހަރުކުރުމެއް ނެތް. ކިޗަން ކެބިނެޓް ހެދުމެއް ނުހުމެނޭ. ކުލަ ލުމެއް ފަންކާ އަދި ބޮކި ހަރުކުރުމެއް ނުހިމެނޭ. ހިމެނެނީ ކަރަންޓު ވައިރުކުރުމާއި ފެން ސަޕްލައިކުރުން. އެއް ސްކޯޕެއްގަ ހުރިހާ ފަރާތްތަކުން ވެސް ޕްރޮޕޯސަލް ހުށަހަޅާފަ އޮތީ. އަޅުގަނޑަކަށް ނޭންގެ ކުރީ ސަރުކާރުން ކޮން ގޮތަކަށް ވިސްނާފަ ކަމެއް އެންމެ އަގުބޮޑު ކުންފުންޏަށް ޕްރޮޖެކްޓް އެޕޯޑުކުރީއެއް." މަބްރޫކް ވިދާޅުވި އެވެ.