ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ނުވަ މަސް ދިނުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.
ސިޓީ ކައުންސިލުން މިކަމަށް އެދިފައި މިވަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ދޭނީ ތިން މަސް ކަމަށް ސަރުކާރުން އިއުލާންކޮށްފައި ވަނިކޮށެވެ. އެ މުއްދަތުގެ ތެރޭގައި ކުލި ދައްކަން ނުޖެހޭނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.
ހިޔާ ފްލެޓްތައް ހަވާލުކުރަން ސަރުކާރުން ނިންމާފައިވަނީ ފްލެޓްތަކުގެ ވެރިން އެތަނުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތައް އެ މީހުން އަމިއްލަ އަށް ކުރާ ގޮތަށެވެ. މީގެތެރޭގައި ތަށިމުށި ޖެހުމާއި، ފަންކާއާއި ލައިޓް ހަރުކުރުމާއި، ކުލަ ލުމާއި، ބައެއް ދޮރުފަތްތައް ހަރުކުރުމުވެ.
ހިޔާ ފްލެޓް ތަކުގެ މައްސަލާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ ފްލެޓް ތަކުގެ ފިނިޝިން މަަސައްކަތަށް އަމިއްލަ އަށް ހަރަދުކުރަން ޖެހުމުގެ ސަބަބުން ސަރުކާރުން ދީފައިވާ ތިން މަސް ދުވަހުގެ ތެރޭގައި ނިންމޭނީ މަދު ބަޔަކަށް ކަމަށެވެ.
"މަދުވެގެން ނުވަ މަސް ދުވަސް ފިނިޝިން އަށް ދިނުމަކީ ވަރަށް ގިނަ ރައްޔިތުން އެދެމުންދާ ކަމެއް ކަމުން އެކަމަށް މިއަދު އެޗްޑީސީއާއި ރައީސް އޮފީހުގައި ވާނީ އެދިފަ،" މުއިއްޒުގެ ޓްވީޓްގައި ވިދާޅުވެފަ އެވެ.
ހިޔާ ފްލެޓްތަކުގެ ފީގެ ގޮތުގައި މިސަރުކާރުން ހަމަޖައްސާފައިވަނީ މަހަކު 7،500 ރުފިޔާ އެވެ. ނަމަވެސް އެ އަދަދު ވެސް 5،500 ރުފިޔާ އަށް ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.
ހިޔާ ފްލެޓުތައް ލިބުނު މީހުންނާ އެކު ކުރިއަށް އޮތް ޖުލައި މަހުގެ 14 ވަނަ އެއްބަސްވުންތަކުގައި ސޮއި ކުރަން ފެށުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ. އަދި އެއް މަސް ދުވަހުގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކޮށް ނިންމުމަށްވެސް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.