ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި -- ދެވަނަ ފިޔަވަހި -- އިމާރާތްކުރި ހިޔާ ޓަވަރުތަކުން ފުލެޓް ލިބުނު މީހުނަށް އެއްބަސްވުން ލިބޭނީ ވެބްސައިޓް މެދުވެރިކޮށް ކަމަށް ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެއްބަސްވުންތަކާ ގުޅިގެން އެޗްޑީސީން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ހިޔާ ޕްރޮޖެޖްޓްގައި ހިމެނޭ 6,720 ފުލެޓްގެ އެއްބަސްވުންތަކުގައި ސޮއިކޮށް ފުލެޓް ހަވާލު ކުރަން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
އެޗްޑީސީގެ އެ ބަޔާނުގައި ބުނަނީ ހިޔާއަކީ ނިސްބަތުން ބޮޑު މަޝްރޫއެއް ކަމަށާއި ފުލެޓް ލިބިފައިވާ ފަރާތްތަކަށް ވަކިވަކިން އެއްބަސްވުން ފޮނުވުމަކީ ދަތި ކަމަކަށް ވާތީ ފްލެޓް ލިބުނު ހުރިހާ ފަރާތްތަކަށް ފެންނާނެ ގޮތަށް އެއްބަސްވުމުގެ ޑްރާފްޓެއްް އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއު ކުރަން ނިންމާފައި ކަމަށެވެ.
ޝާއިއު ކޮށްފައިވާ ޑްރާފްޓް އެއްބަސްވުމަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށާއި އެއްވެސް ބަދަލެއް ގެންނަ ނަމަ އިއުލާނު ކުރާނެ ކަމަށާއި ބަދަލުވެފައިވާ އެއްބަސްވުން ވެސް ވެބްސައިޓްގައި ޝާއިއު ކުރާނެ ކަމަށް އެޗްޑީސީގެ ބަޔާނުގައި ވެއެވެ.
ހިޔާ ފްލެތްތަކުގެ އެއްބަސްވުމުގައި ސޮއި ކުރަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. މީގެ ކުރީން ރައީސް އޮފީހު ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވާ ގޮތުގައި މަސް ދުވަހުން ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް ނިމޭނެ އެވެ.
ހިޔާ ފްލެޓް ތަކަށް ކުލީގެެ ގޮތުގައި މަހަކު ދައްކަން ޖެހޭ މިންވަރު 6،000 ރުފިޔާ އަށް ވުރެ ކުޑަކޮށް ދޭން މާލެ ސިޓީ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ހުށަހަޅާފަ އެވެ. އެކަމާއި ގުޅޭގޮތުން މަޝްވަރާތަކެއް ވެސް ކުރިއަށް ދެއެވެ. ނަމަވެސް އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ.