އެޗްޑީސީ

ހުޅުމާލޭގައި ސިޓީ ކައުންސިލަށް އޮފީހެއް ހަމަޖައްސައިދެނީ

މާލެ ސިޓީ ކައުންސިލް އިދާރާގެ ހިދުމަތްތައް ހުޅުމާލޭގައި ފެށުމަށްޓަކައި އިދާރީ އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މިއެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު އެވެ.

މާލެ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީހުގެ ގޮތުގައި ހަމަަޖައްސައިދީފައިވަނީ އަމީން އެވެނިއު މޭޕަލް ޓަވަރުގެ ޔުނިޓެކެވެ.

އެޗްޑީސީން ބުނީ މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ޔުނިޓް ގާއިމުކުރުމުން އާ ސިޓީ ކައުންސިލާ އެކު ގުޅިގެން މަސައްކަތް ކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލްގެ އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އެޗްޑީސީން ވަކިކޮށް މާލެ ސިޓީ ކައުންސިލަށް ބަދަލުކޮށްދިނުމަށް މޭޔަރު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅާފައި ވަނިކޮށެވެ. ނަމަވެސް މުއިއްޒު އެދިވަޑައިގެންނެވި ބަދަލު އަދި ގެނެސްފައެއް ނުވެ އެވެ.