ހުޅުމާލޭގެ ރަޖިސްޓްރީ އެޗްޑީސީން ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތު މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ ކަމެއް ކުރަން ސިޓީ ކައުންސިލަށް ލާޒިމް ކުރާ ކަމަށެވެ.
އާ ކައުންސިލް އިންތިހާބުވުމާއި އެކުގައި ސިޓީ ކައުންސިލްގެ ފްލޭންތަކާއި ލާމަރުކަޒީ ގާނޫނުގެ ދަށުން ހުޅުމާލެ ކައުންސިލްގެ ދަށަށް ގެނައުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޝްވަރާކުރެއްވި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ކައުންސިލްގެ ތަރައްގީގެ ފްލޭންތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް މުއިއްޒު ފާހަގަކުރެއްވި އެވެ. ހުޅުމާލެ ވެސް ކައުންސިލަށް ހަވާލު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވި ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް މިއަދު މުޅި މަންޒަރު ބަދަލުވެފައިވާ ކަމަށާއި އާ ސިޓީ ކައުންސިލަށް ހަމަސް ފުރުނު އިރުވެސް ތަރައްގީގެ ފްލޭނަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ހުޅުމާލޭގެ ބިން ކައުންސިލާއި ހަވާލުކުރަން މިހާރު އެއްބަސްނުވާ ކަމަށްވެސް ފާހަގަކުރެއްވި އެވެ.
މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ބިން އެޗްޑީސީއަށް ރަޖިސްޓްރީކޮށްފައިވަނީ ވަގުތީ ގޮތުން ކަމަށެވެ. އެ ރަޖިސްޓަރީގެ ދަށުން ހުޅުމާލޭގެ ޕަބްލިކް އެއްވެސް ސަރަހައްދަކަށް އެޗްޑީސީގެ ބާރު ނުހިގާނެ ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް ރަޖިސްޓަރީގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމުގެ ތުހުމަތު ވެސް ކުރެއްވެވި އެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރާ ވާހަކަދައްކައިގެން ހުޅުމާލެ، ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ ކަމަށާއި ނަމަވެސް އެއްވެސް އެއްބާރުލުމެއް ސަރުކާރުން ނުދިން ކަމަށެވެ.
"ރައީސް ސޯހިލް، އެލްޖީއޭ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ވެސް އަޅުގަނޑުމެން އެދުނިން ހުޅުމާލޭ ކައުންސިލާއި ހަވާލުކޮށްދިނުމަށް. އެކަމަކު އެއްވެސް ފަރާތަކުން އެއްބާރުލުމެއް ނުދިން." މުއިއްޒު ވިދާޅުވި އެވެ.
އެޗްޑީސީގެ މައްޗަށް ހުޅުމާލެ ރަޖިސްޓްރީކޮށްފައި އޮތް އޮތުން އުވާލަން ނިންމީ މާލޭ ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. ސަރުކާރުން އެއްބާރުލުން ނުދިނަސް ކައުންސިލުން ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގައިވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.